ވާހަކަ

ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ދުރުގާވުން ހިތް ނޭދޭ! (ފުރަތަމަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދެވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތިންވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތަރުވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ހަތްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނުވަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ދިހަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! ( އެގާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސާދަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފަނަރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސޯޅަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސަތާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އަށާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ނަވާރަވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ވިހިވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެކާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ބާވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ތޭވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ފައްސަވީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (ސައްބީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ހަތާވީސް ވަނަބައި) ދުރުގާވުން ހިތްނޭދޭ! (އަށާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ނަވާވީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ތިރީސްވަނަ ބައި) ދުރުގާވުން ހިތް ނޭދޭ! (އެއްތިރީސްވަނަ ބައި) ދުރުގާވުން ހިތްނޭދޭ! (ބައްތިރީސް ވަނަ ބައި) ދުރުގާވުން ހިތްނޭދޭ! ( ތެއްތިރީސްވަނަ ބައި)

ފޯނަށް މެސެޖެއް އައި އަޑު އިވިފައި ދާނިޔާލް ފޯނު ނަގައި ބަލައިލިއެވެ. އައިސްފައި އޮތީ ވީޑިއޯ މެސެޖެކެވެ. އެވީޑިއޯ ބަލައި ނިމުނުއިރު ދާނިޔާލް ރުޅިއައިސްގެން ފަޅައިގެންދާން ކައިރިވެއްޖެއެވެ. އައި ރުޅިއާ އެކު ފޯނު ތަށިމުށިގަނޑު މައްޗަށް ޖެހިއެވެ. އެއާއެކު ފޯނުގެ އެކި އެތިކޮޅުތައް އެކި ދިމާލަށް ބުރައިގެން ދިޔައެވެ. ސޯފާމަތީގައި އިން އަންސޫދާ އަށް ލިބުނީ ސިހުމެކެވެ. ދާނިޔާލްގެ މޫނުމަތިން މިވަގުތު ފެންނަން ހުރި ރުޅިއަކީ މީގެ ކުރިން އަންސޫދާއަށް ފެނިފައިނުވާ ރުޅިއެކެވެ. ވީކަމެއް އޮޅުންފިލުވައިލާން ހިތަށް އަރައިފައި ވެސް އަންސޫދާ އެ ޚިޔާލު ދޫކޮށްލީ ކުރިން ވާހަކަ ދައްކާ މީހަކަށް ވާން ބޭނުންނުވަތީއެވެ. އެހެންކަމުން އޭނާ ދާނިޔާލްގެ ހަރަކާތްތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައި އަތުގައި އޮތް ފޮތް ކިޔުމައިގެން ކުރިއަށް ދިޔައެވެ. ދާނިޔާލް އޭނާގެ ލެޕްޓޮޕް ހިފައިގެން ގޮސް ވަނީ ކޮޓަރިއަށެވެ.

Ads by MWSC

*****

ޖީނާ ނިދަން ވެގެން އެނދަށް އެރިއިރު ތާޝާ ކުޑަދޮރުކައިރީގައި ޒިދާނަށް ގުޅައިގެން ހުއްޓެވެ. ބޭރުގައި ހުރި ޒިދާނަށް ބަލަހައްޓައިގެން ހުރެ ނޫނީ ތާޝާއަށް ޒިދާނާ ވާހަކަ ދެއްކޭ ކަމަކަށް ނުވެއެވެ. އެނދަށް އަރަނީ ކުޑަދޮރުކައިރީގައި ހުރެހުރެ ވަރުބަލިވުމުންނެވެ. ދެން ވެސް ނިދެންދެކަށް ވެސް އޮންނަނީ ޒިދާނާ ވާހަކަދައްކާށެވެ.

" ސާބަސް ތާޝާ!! ކައިވެނީގެ ފަހުން ވެސް ދައްކާނެ ވާހަކަ ކޮޅެއް ބަހައްޓަބަލަ!" ގައިމަތީގައި ރަޖާ އަޅައިލަމުން ޖީނާ ތަންކޮޅެއް ބާރަށް ބުނީ ޒިދާނަށް ވެސް އަޑުއިއްވާލުމުގެ މަޤްސަދުގައެވެ. ތާޝާ ފަހަތަށް އެނބުރި ޖީނާއާ ދިމާލަށް ދެލޯ ހަނިކޮށްލިއެވެ. އެ ވަގުތު ޒިދާން ވެސް ހީލި އަޑު ޖީނާއަށް އިވުނެވެ. ތާޝާ އަނެއްކާ ވެސް ޒިދާނާ ވާހަކަ ދެއްކުމުގައި މަޝްއޫލުވުމުން ޖީނާ އޭނާގެ ފޯނާ ކުޅެން ފެށިއެވެ. ވައިބާއަށް މެސެޖެއް އައުމުން ޖީނާ ބަލައިލިއެވެ. އަނީކްގެ ނުހުޅުވާ އޮތް މެސެޖް ފެނުމާއެކު ޖީނާއަށް ހީނލެވުނީ ބޭއިޚްތިޔާރުގައެވެ. މިހާރަކަށް އައިސް ޖީނާއަށް އަނީކާ ވާހަކަ ދެކެވޭވަރު ގިނަވެއްޖެއެވެ. ޚާއްސަކޮށް ފަތިހުގެ ވަގުތަކީ އެދެމީހުން އެކީގައި އެތަކެއް ސަކަރާތެއް ޖަހާ ވަގުތެކެވެ. ރާމިޔާ ހުއްޓަސް ޗުއްޓީ ނަގައިގެން ހުރުމުން ހެނދުނުގެ ސައި ތައްޔާރު ކުރަނީ ޖީނާއެވެ. އަނީކް ވެސް ކޮންމެ ދުވަހަކު ސައި ތައްޔާރުކުރުމުގައި ޖީނާއަށް އެހީވެދެއެވެ.

ޖީނާ އަނީކް ފޮނުވައިފައި އޮތް މެސެޖު ހުޅުވައިލިއެވެ. ފޮނުވައިފައި އޮތީ ވީޑިއޯ މެސެޖެކެވެ. އެވީޑިއޯ ބަލާ ނިމުނުއިރު ޖީނާ އޮތީ ހީހީ ބަނޑަށް ތަދުވާވަރު ވެފައެވެ. ވީޑިއޯގެ ޖަވާބުގައި ޖީނާ 'ލޮލް' ޖަހައިފައިވާ ސްޓިކާއެއް ފޮނުވައިލިއެވެ. އަދި ހީހީ ބަލިވެއްޖެ ކަމުގައި ވެސް ބުންޏެވެ.

" ކީއްކުރަނީ ތި؟ ކޮބާ ތާޝާ؟" އަނީކް ފޮނުވައިލި މެސެޖުގައި ވިއެވެ.

" ތާޝާ ޒިދާނާ ވާހަކަދައްކަނީ.. އަހަރެން ނިދަން މި އުޅެނީ.. އަނީކް ނުނިދަންތަ؟" ޖީނާ ލިޔެލިއެވެ.

" ނިދާ ހިތެއް ނެތް.." ޖަވާބުގައި އަނީކް ފޮނުވައިލިއެވެ.

" އެއީ ކީއްވެ؟ އެހާ ގިނައިރު ހޭލާ އޮންނާކަށް ނުވާނެ.. އޭރުން ފަތިސް ނަމާދަށް ހޭނުލެވިދާނެ.." އަނެއްކާ ވެސް ޖީނާ ފޮނުވައިލިއެވެ.

" އޯކޭ އެހެންވީއިރު މިއުޅެނީ ނިދަން... ސީ ޔޫ ސޫން އިން ކިޗަން.. ހެހެހެ.." އަނީކް ޖަވާބުގައި ލިޔެލިއެވެ. އެޖަވާބު ފެނިފައި ޖީނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިއެވެ. އާދަޔާ ހިލާފަށް ހިތްތެޅިލިކަން އިހުސާސްވި ހިނދު ޖީނާއަށް މޭގައި އަތް އަޅައިލެވުނެވެ. އޭނާއަށް މިއުޅެވެނީ ކުރިން ދުވަހަކު ވެސް ނޫޅެވޭ ފަދަ ގޮތަކަށެވެ. މި ގޮތަށް ފިރިހެނަކާ މެސެޖްކުރަން އޮތުމަކީ ދުވަހަކު ވެސް ކުރި ކަމެއް ނޫނެވެ. މީގެ ކުރިން ފިރިހެނަކާ ރަހުމަތްތެރިކަމުގެ ގޮތުން ވާހަކަ ދައްކަން ވެސް ބޭނުން ނުވާ ޖީނާ މިހާރު އަނީކާ އެކު ވަގުތު ހޭދަކުރަނީ އެކަން ކުރާ ހިތުންނެވެ. އަމިއްލަ މީހާއަށް އައި ބޮޑުބަދަލާ މެދު ހުދު ޖީނާ ވެސް ހައިރާންވެއެވެ.

" ވަޓްސް ރޯންގް ވިތް ޔޫ ޖީނާ.. ކީއްވެ ކުރިން ނުވާ ކަހަލަ އިހުސާސެއް މިވަނީ؟؟؟ އަހަރެން އަނީކާ ގަޔާވަނީތަ.. ނޫން.. ނޫން.. ޝައިތާނީ ވަސްވާހަކަށް ވާނީ... ދެން ވެސް އަވަހަށް ފޯނު ބާއްވައިފައި ނިދަން އުޅޭ.." ޖީނާ އަމިއްލަ ނަފްސަށް ބުންޏެވެ. އަވަހަށް ފޯނުގެ ވައިފައި ކަނޑައިލުމަށް ފަހު ފޯނު ސައިޑް ކަބަޑް މަތީގައި ބޭއްވިއެވެ. އެއަށްފަހު ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ކިޔަން އޮއްވައި ޖީނާއަށް ނިދިއްޖެއެވެ.

*****

އެނދުގައި ނުނިދިފައި އަނީކް އޮތެވެ. ފޭސްބުކް ބަލަން އޮތްއިރު އިރުއިރުކޮޅާ ވައިބާ ބަލައިލެވެނީ ޖީނާގެ ޖަވާބެއް އައިތޯއެވެ. އެހެން ނަމަވެސް ބައިގަޑިއިރުވެގެން ދިޔައިރު ވެސް ޖީނާގެ ޖަވާބެއް ނައުމުން އަނީކް މާޔޫސްވިއެވެ. ޖީނާއާ އެކު ވަގުތު ހޭދަކުރެވުމުން އަނީކަށް ލިބެމުން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. މިހާރަކަށް އައިސް އަބަދު ހިތްއެދެނީ ޖީނާއާ ވާހަކަ ދެއްކުމަށެވެ. ޖީނާގެ ވާހަކަތަކުން އަނީކަށް ކަންކަމުގައި ހިތްވަރު ލިބެއެވެ. ކަންކަމުގައި ލަފައެއް ހޯދަންވިޔަސް ޖީނާ ކައިރިއަށް ދެވެނީ ޖީނާ ދޭ ލަފައަކީ އެންމެ ރަނގަޅު ލަފައަކަށް ވާނެކަމަށް ޔަގީން ކުރެވޭތީއެވެ. މިގޮތުން އެތައްކަމެއްގައި ޖީނާ އަނީކްގެ ހިތް ފަތަހަ ކޮށްފިއެވެ. ޖީނާ ދެކެ އަނީކަށް ގަޔާވެވެން ފެށީ ކޮންއިރަކު ކަމެއް ޚުދު އަނީކަށް ވެސް ނޭނގެއެވެ. އެނގެނީ މިހާރު އަނީކްގެ ހިތުގައި އާ ވިންދެއް ޖަހަން ފަށައިފިކަމެވެ. ޖީނާގެ ޖަވާބެއް ދެން ނާންނާނެކަން އެނގުމުން 'ގުޑްނައިޓް' ލިޔެލުމަށް ފަހު ފޮނުވައިލިއެވެ.

*****

އަންސޫދާ ކޮޓަރިން ނިކުތްއިރު ދާނިޔާލް ސޯފާގައި އިނެވެ. އެހެންދުވަސް ދުވަހާ ޚިލާފަށް އަންސޫދާ ފެނުމުން މިއަދު ދާނިޔާލް ހިނިތުންވެލިއެވެ. އަންސޫދާ އަޅައިވެސް ނުލާ ގޮސް ކާމޭޒު ކައިރީގައި އިށީނީ ހެނދުނުގެ ނާސްތާ ކުރުމަށެވެ. އެ ހިނދު ދާނިޔާލް ވެސް އައިސް ގޮނޑި ދަމައިލައިފައި އަންސޫދާ ކައިރީގައި އިށީނެވެ. އަދި އަތުގައި އޮތް އަންސޫދާގެ ފޯނު އަންސޫދާއަށް ދިއްކޮށްލިއެވެ. އަންސޫދާ ފޯނަށް ބަލައިލައިފައި ވެސް އަޅައިނުލާ ޕާނެއް ނަގައި ބަޓަރު ހާކަން ފެށިއެވެ.

" އަހަރެންގެ ތައްޓަށް ވެސް ޕާނެއް ލައިދީބަލަ!!" ދާނިޔާލް އެދުނެވެ. ކިތަންމެ ރުޅި އައިސްފައި ހުއްޓަސް ދާނިޔާލްގެ އެ އެދުން ބޮލާލައި ޖަހާކަށް އަންސޫދާއަކަށް ނުކެރުނެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އަންސޫދާގެ ފިރިމީހާއެވެ. އެހެންކަމުން އަތުގައި އޮތް ޕާންފޮތި ދާނިޔާލްގެ ތަށިތެރެއަށް ލައިދިނެވެ. ދާނިޔާލް ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

" ވަރަށް ބޮޑަށް ސޮރީ ޑަރލިން.. އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން.. އަންސޫ ދެރަ ކުރެވުނީތީ ވަރަށް ބޮޑަށް މައާފަށް އެދެން" އަންސޫދާގެ އަތުގައި ހިފައިލަން މަސައްކަތް ކުރަމުން ދާނިޔާލް ބުންޏެވެ. އެހެން ނަމަވެސް އަންސޫދާ އޭނާގެ އަތް ދުރަށްލިއެވެ.

" އަންސޫ ޕްލީޒް... ކިހާ ދުވަހެއް ވަންދެން މިގޮތަށް ވާހަކަ ނުދައްކާ ތިބޭނީ.. އަހަރެންނަށް މިސްޓޭކެއް ހެދުނީ.. އަހަރެން ޤަބޫލު ކުރަން އެކަން... ބަލާބަލަ އަހަރެން މިއައީ ރާއްޖެއަށް ދާން ޓިކެޓް ވެސް ގަނެގެން.." ޖީބުން ނެގި ޓިކެޓް އަންސޫދާގެ ކުރިމަތީގައި ބާއްވަމުން ދާނިޔާލް ބުންޏެވެ. ޓިކެޓް ފެނުމާ އެކު އަންސޫދާގެ ތުންފަތްމަތިން ފަނޑު ހިނިތުންވުމެއް ފެނުނެވެ. މިމަންޒަރު ފެނި ދާނިޔާލްއަށް ވެސް ހިނިތުންވެވުނެވެ. އަންސޫދާއަށް އެއްޗެއް ބުނެވުމުގެ ކުރިން ގޭގެ ދޮރުގައި ބެލް އަޅައިލި އަޑުއިވިފައި އެ ދިމާލަށް ބަލައިލެވުނެވެ. ގޭގައި ގެންގުޅޭ ނޯކަރު ދޮރުހުޅުވުމާ އެކު އެތެރެއަށް ވަދެގެން އައި ދެމީހުން ފެނިފައި އަންސޫދާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ދާނިޔާލްއާއި އަންސޫދާއަށް ތެދުވެވުނީ އެކުއެކީގައެވެ.

" އަފީފް... ސާއިރާ... " ދޮރުން ވަދެގެން އައި ދެމީހުންނާ ދިމާލަށް ދަމުން އަންސޫދާ ބުންޏެވެ. އަފީފާއި ސާއިރާއަކީ އަނީކްގެ މައިންބަފައިންނެވެ. އަންސޫދާއާއި ދާނިޔާލްގެ އެންމެ ގާތް އެކުވެރިންނެވެ. އަންސޫދާ ގޮސް ސާއިރާ ގައިގައި ބައްދައިލިއެވެ. ދާނިޔާލް އަފީފާ ސަލާމްކޮށްލުމަށް ފަހު ގަޔާ ކައިރިކޮށްލިއެވެ.

" ވަރަށް ރަނގަޅު ގަޑިއެއްގަ ތިއައީ.. ހިނގާ ސައިބޯން..." އަންސޫދާ ބުންޏެވެ.

" އަހަރެމެން މިއައީ ވެސް ސަޔަށް ދަޢުވަތު ލިބިގެން.. އަންސޫއަކަށް ނޭނގޭތަ..." ސާއިރާ ބުންޏެވެ. އަންސޫދާ ހައިރާންވެ ނޫނެކޭ ބުނުމަށް ދެފަރާތަށް ބޯތަޅުވައިލިއެވެ.

" އާނ އަހަރެން ދަޢުވަތު ދީގެންނޭ އެއައީ... އަންސޫއަށް ވަރަށް ބޮޑު ސަޕްރައިޒެއް އެބައޮތް.. އެހެންވެ " ކާމޭޒާ ދިމާލަށް ދަމުން ދާނިޔާލް ބުންޏެވެ. އެންމެން ގޮނޑިތަކުގައި ހަމަޖެހުމުން އަންސޫދާ އެހެން މީހުންނަށް ތަށިތައް ކައިރިކޮށްދޭން ފެށިއެވެ.

" މިހާރު ޑެނީއަށް ނުހުރެވިގެން ޓިކެޓްވެސް ދައްކައިފިން ދޯ އަންސޫދާއަށް.." މޭޒުމަތީގައި އޮތް ޓިކެޓް ފެނުމުން އަފީފް ބުންޏެވެ.

" އާނ.. އަހަރެން ބޭނުމީ އަބަދުވެސް އަހަރެންގެ އަނބިމީހާ އުފަލުގަ ހުންނަތަން ދެކެން.... ކޮބާ އަފީފް ކޮންމެވެސް ވާހަކައެއް ބުނާކަށްނު އުޅުނީ... " އަފީފަށް ކަމެއް ހަނދާން ކޮށްދެމުން ދާނިޔާލް ބުންޏެވެ. އަންސޫދާ ހައިރާންވެފައި ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ.

" ބުނަންވީ ދޯ... މިފަހަރު އަންސޫދާމެންނާ އެކު ތިދަތުރުގަ އަހަރެންނާ ސާއިރާ ވެސް ބައިވެރިވާނެ... އަހަރެން ވެސް އަނީކް ނުފެންނަތާ ގިނަދުވަސްވީމަ އެސޮރު ދެކިލަން ބޭނުންވެފަ މި ހުންނަނީ..." އަފީފް ބުންޏެވެ.

" އެހެންތަ!! ދެޓްސް ގްރޭޓް... ނިކް ވަރަށް އުފާވާނެ ތި ދެމަފިރިން ފެނުނީމަ.." އަންސޫދާ ހިނިތުންވެލަމުން ބުންޏެވެ.

" އަދި އަހަރެން ބޭނުން ވަނީ އެކޮޅުގަ ތާޝާއާއި އަނީކްގެ ކައިވެނި ކުރުވަން... އަނީކް ތަންކޮޅެއް ކުރިން އަހަރެން ގުޅި ދުވަހަކު ބުނި ތާޝާ އަނީކާ އިންނަން އެއްބަސްވި ވާހަކަ..." އަފީފްގެ ވާހަކައިން ދާނިޔާލްއާއި އަންސޫދާ އެކަކު އަނެކަކަށް ބަލައިލައިފައި ހިނިތުންވެލިއެވެ. އެވާހަކަ އިވިފައި އަންސޫދާއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އަނީކާއި ތާޝާ ގުޅުމަކީ އެދެމީހުން މާކުރިއްސުރެ ވެސް ދެކެމުން އަންނަ ހުވަފެނެކެވެ.

" ހަމަ އަސްލުވެސްތަ.. އަހަރެން ވަރަށް އުފާވެއްޖެ... އަހަރެންނަށް މާކުރިން ވެސް އެނގޭ ނިކް ތާޝާގެ ލޯބި ކާމިޔާބު ކުރާނެކަން..." އަންސޫދާ ބުންޏެވެ.

" އެދެކުދިންނަކަށް ނޭނގޭނެ އަހަރުމެން އެކޮޅަށް ދާން އުޅޭކަމެއް.. އިރާދަކުރެއްވިއްޔާ މިދަތުރަކީ ހަނދާނުން ފޮހެލަން ދަތި ދަތުރަކަށް ވާނެ.." ސާއިރާ ބުންޏެވެ. ލިބުނު ހިތްހަމަޖެހުމުގައި އަންސޫދާ ދާނިޔާލްއަށް ބަލައިލިއެވެ. މޭޒުމަތީގައި އޮތް ދާނިޔާލްގެ އަތްމަތީގައި އޭނާގެ އަތް ބާއްވައިލައި ހިނިތުންވެލުމުން ދާނިޔާލް ވެސް ހިނިތުންވެލިއެވެ.

*****

މެންދުރު ކައިގެން ޖީނާއާއި ތާޝާ ކޮޓަރިއަށް ވަނީ އެކުއެކީގައެވެ. ތާޝާ އެނދުމަތީގައި އޮށޯވެލުމުން ޖީނާ ވެސް އައިސް ކައިރީގައި އިށީނދެ ޓީވީ ހުޅުވައިލިއެވެ.

" ޖީން.. ޝާނާ ދޮންތަ މިހާރު އެހާ ވަރަށް ކޮޓަރިން ނިކުމެ ނޫޅެނީ ކީއްވެ... އަދިވެސް ބަލީތަ..؟" ތާޝާ އަހައިލިއެވެ. ޖީނާއަށް ވެސް އެކަން ފާހަގަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޝާނާ ކޮޓަރިން ނިކުންނަނީ މަދު ފަހަރަކުއެވެ. ނިކުތަސް މީހަކާ ވާހަކަ ދައްކާތަން ވެސް ނުފެނެއެވެ. ޝާމިން ވެސް އެއްގޮތަކަށް ނުފެންނަތާ ހަފްތާއެއް ވަރުވެދާނެއެވެ. އެހެންކަމުން ޖީނާއަށް ހީކުރެވުނީ ޝާމިނާއި ޝާނާއާ ދޭތެރޭގައި މައްސަލައެއް ޖެހުނީ ކަމަށެވެ.

" ނޭނގެ ކީއްވެކަމެއް.. ހީވަނީ ޝާމިންބެއާ މައްސަލައެއް ޖެހުނީހެން... ޝާމިންބެ ވެސް އެއްގޮތަކަށް ނުފެންނަތާ ވަރަށް ދުވަސްވެއްޖެ." ޖީނާ ބުންޏެވެ. ޝާމިންގެ ނަން އަޑު އިވުމުން ތާޝާއަށް ލިބުނީ ފޫހިކަމެކެވެ.

" ޝާނާ ދޮންތަގެ އުފަންދުވަސް އަންނަނީ ދޯ.. އެނގޭތަ އެ ދުވަހު ޝާމިންބެ ޖީން ހޯދަން އައީ ޝާނާދޮންތައަށް ސަޕްރައިޒް ޕާޓީއެއް ޕްލޭން ކުރަންވެގެންނޯ.. އަހަރެން އެވާހަކަ ޖީން ކައިރީގައި ބުނަން ހަނދާން ނެތުނީ.." ތާޝާ ކިޔައިދިނެވެ.

" ވަޓް... ޝާމިންބެއަށް ރަނގަޅަށް އެނގޭނެ އަހަރެންނަކީ އުފަންދުވަސް ފާހަގަކޮށް އުޅޭ މީހެއް ނޫންކަން... އެހެން ނޫނަސް އެ ދެމީހުން އިން ފަހުން ތިން އަހަރު ވެގެން ދިޔައިރު ވެސް އަހަރެން ނުދެކެން ދޮންތަގެ އުފަންދުވަހޭ ކިޔާފަ އެދެމީހުން ސެލެބްރޭޓް ކުރި ދުވަހެއް... " ޖީނާ ބުންޏެވެ.

" ޖީން.. ޝާނާދޮންތަގެ ހުރި ހަމައެކަނި ސިބްލިންއަކީ ތީ.. އެހެންވީމަ ޖީން ޖެހޭނެ ޝާނާ ދޮންތައާ ވާހަކަދައްކާ ކަންތައްތައް ދަނީ ރަނގަޅަށް ތޯ ނުވަތަ ނޫންތޯ ބަލަން... އަހަރެންނަށް ޝާނާދޮންތަ ފެންނައިރު މޫނުމަތީގައި އެއްވެސް ކަހަލަ އުފާވެރިކަމެއް ނުހުރޭ.. ޝާނާދޮންތަގެ ލޮލުން އަހަރެންނަށް ފެންނަނީ ޕެއިން.. ސީރިއަސްލީ ޔޫ ޝުޑް ގޯ ޓޯކް ޓު ހަރ.." ތާޝާ ބުންޏެވެ.

ތާޝާގެ ވާހަކަތައް އިވިފައި ޖީނާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. ތާޝާއަށް ހަޤީގަތް އެނގުމުން ޝާނާއާ ދޭތެރޭގައި ތާޝާ އެގޮތަށް ނުވިސްނާނެކަން ޔަގީނެވެ. ޖީނާގެ ފޯނަށް މެސެޖެއް އައީ އެކަމާ ވިސްނަން އިންދައެވެ. މެސެޖްކިޔާލުމަށް ފަހު ޖީނާ ތާޝާއަށް ބަލައިލީ ހިނތުންވެލަމުންނެވެ.

" ކިހިނެއްވީ؟" ޖީނާ ބަލައިލި ގޮތުން ތާޝާ އަހައިލިއެވެ.

" ތާޝާގެ ޒިދާންގެ މެސެޖެއް.. މިގަޑީގަ ބައްދަލުކުރަން ބޭނުމޯ... " ޖީނާ ބުންޏެވެ. ތާޝާ ފުންމައިގެން ތެދުވެ އިށީނީ ޒިދާންގެ ނަން އަޑުއިވިފައެވެ.

" އަސްލުތަ... ކީއްވެ އަހަރެންނަށް މެސެޖް ނުކުރީ..." ތާޝާ އަހައިލިއެވެ.

" ޒިދާން ބޭނުންވަނީ ތާޝާއަށް ސަޕްރައިޒެއް ދޭން.. މިއުޅެނީ ވަރަށް ސްޕެޝަލް ތަނަކަށް ދާން.." ޖީނާ ބުންޏެވެ.

" ދެންދޭބަލަ ތައްޔާރުވާން.. އަހަރެން ބޭނުން އަސުރު ނަމާދުގަޑި ވާންވާއިރަށް އަންނަން.." ޖީނާ ބުންޏެވެ. ތާޝާ އަވަހަށް ތެދުވެގެން އަލަމާރި ކައިރިއަށް ދިޔަގޮތުން ޖީނާއަށް ހެވުނެވެ. ޖީނާ ވެސް ތައްޔާރުވާން ދާން އުޅެފައި ހިތަށް އެރި އެއްޗަކުން މަޑުކޮށްލިއެވެ. ޖީނާ ބޭނުން ވަނީ އެތަނަކަށް އަނީކްވެސް ގޮވައިގެން ދާށެވެ. އެހެންކަމުން ތާޝާ ކައިރީގައި އިރުކޮޅެއްގެ ތެރޭގައި އެނބުރި އަންނާނެ ކަމަށް ބުނަމުން ޖީނާ ކޮޓަރިން ނިކުތެވެ.

އަނީކްގެ ކޮޓަރީގެ ދޮރުގައި ޖީނާ ޓަކިޖަހައިލިއެވެ. މާގިނައިރެއް ނުވަނީސް އަނީކް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ހަމައެކަނި ސޯޓެއްގައި ހުރި އަނީކް ފެނުމުން ޖީނާއަށް އިސްޖަހައިލެވުނީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ. ޖީނާގެ ދޮންމޫނު ރަތް ޖަމްބަކަށް ބަދަލުވެގެން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ޖީނާއަށް ވީގޮތުން އަނީކް ގާތަށް ހިނިއައެވެ. އިތުރަށް ލަދުގަންނަވައިލުމުގެ ގޮތުން އަނީކް ޖީނާއާ ކައިރިއަށް ކުރިއަށް ދެފިޔަވަޅު އަޅައިލިއެވެ. ޖީނާ ލަދުގަތުމުން އަނީކަށް މާ ރީއްޗެވެ. އެރީތިކަމަށް އަނީކަށް ތައުރީފް ކޮށްލެވުނީ ހިތުންނެވެ. އެމޫނުން ނަޒަރު ވަކިކޮށް ނުލައި އަނީކް ބަލަހައްޓައިގެން ހުރިއިރު ޖީނާއަށް އިސްއުފުލައިލާން ވެސް ނުކެރުނެވެ.

" ކަމަކުތަ؟" އަނީކް އަހައިލީ މަޑުމަޑުންނެވެ. އެހާ ގާތުން އަނީކްގެ އަޑުއިވުމުން ޖީނާ ގައިން ހީބިހަ ނަގައިގަތެވެ. އަނީކް ހުރީ ވަރަށް ގާތުގައިކަން އެނގުމުން އެހިތުގެ ތެޅުން ވެސް އަވަސްވެލިއެވެ.

" މި..މި..މި..." ޖީނާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. އެކަންވީ އަނީކަށް މަޖާ ކަމަކަށެވެ.

" މިމިމި އެއީ ކޯއްޗެއްތަ؟" ޖީނާ އާ ޖެއްސެވުމުގެ ގޮތުން އަނީކް ބުންޏެވެ. ޖީނާ ހިތާހިތުން އަނީކަށް ކުދި ކިޔައިލިއެވެ. މިއަދު އަނީކްގެ އަމަލުތައް ތަފާތުވެގެން އުޅެނީ ކީއްވެތޯ ހިތަށް އެރިއެވެ.

" ބޭރަށް ދާން މިއުޅެނީ... ދާނަންތަ؟" ހިތްވަރުކޮށްލަމުން ޖީނާ އަވަސްއަވަހަށް އަހައިލިއެވެ.

" ލައްބަ ދާނަން..." ޖީނާގެ ކަންފަތްދޮށަށް ގުދުވެލަމުން އަނީކް ބުންޏެވެ. ޖީނާއަށް ފަހަތަށް ޖެހެވުނީ ލިބުނު ސިހުމަކުންނެވެ. އަނީކް އަމަލުތައް މިއަދު ތަފާތުކަން ޖީނާއަށް ފާހަގަކުރެވުނެވެ. އޭނާއަށް ވެސް މި ވަނީ ކީއްހެއްޔެވެ؟ އަނީކް ގާތްވުމުން މިވަރަށް ހިތް ތެޅެނީ ކީއްވެ ހެއްޔެވެ؟ އަވަސްއަވަހަށް އަނެއްފަރާތަށް އެނބުރެމުން ޖީނާ އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. ފައިއޮޅޭވަރުން ޖީނާ އަރިވެސް އަޅައިލިއެވެ. ޖީނާ ދިޔަ މަންޒަރު ބަލަން ހުރެފައި އަނީކް ކޮޓަރިއަށް ވަންއިރު އޭނާގެ ތުންފަތްމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ.

*****

އެނދުމަތީގައި އިން ޝާނާގެ ދެ ލޯ ، ކުރިމަތީގައި ހުރި ޓީވީއަށް އަމާޒުވެފައި ހުއްޓަސް ވިސްނަމުން ދިޔައީ އެހެންކަމަކާއެވެ. ކުލައޮއްސިފައިވާ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހިތާމައެވެ. އެ ދެ ލޮލަށް ވެރިވެފައިވަނީ މާޔޫސްކަމެވެ. އޭނާގެ ހިޔާލުތަކާ ގުޅިފައި ވަނީ ރާއިފެވެ. ޝާނާއަށް ކުރެވެމުން ދިޔައީ ތަރިތައް ގުނަން އުޅުމުގެ ތެރޭގައި ހަނދު ގެއްލުނު ކަހަލަ އިހުސާސެކެވެ. ޝާމިންގެ ލޯބި ކާމިޔާބު ކުރުމަށް ރާއިފްގެ ހިތްހަލާކު ކޮށްލީ އަމިއްލަ އެދުން ބޮޑުކަމުންނެވެ. ރާއިފްގެ އެއްވެސް ކުށެއް ނެތިއެވެ. ރާއިފްގެ ފަރާތުން ޝާނާއަށް އިންތިހާއަށް ލޯބި ލިބުނަސް އޭރު ޝާނާއަށް ހީކުރެވުނީ ޝާމިން ލިބުމުން އޭނާއަށް މާއުފަލުގައި އުޅެވޭނެ ކަމަށެވެ. އެހެން ނަމަވެސް ކަންތައްވީ ހީކުރިގޮތަކަށް ނޫނެވެ. އިނދެގެން ތިން އަހަރުވީއިރު ވެސް ޝާމިން ޝާނާ ގައިގައި އިނގިލީ ކުރި ވެސް ޖައްސައިނުލައެވެ. އަމިއްލައަށް ފެނިގެން ޝާނާއާ ބަހެއް ނުކިޔައެވެ. މަތިންބައިން ޖެހިގެން ޝާނާ ވާހަކަ ދެއްކިޔަސް ރައްދުގައި އެއްޗެއް ބުނަނީ މަދު ފަހަރަކުއެވެ. އެއްޗެއް ބުނާއިރު ވެސް ބުނަނީ ޝާނާ ހިތްހަލާކުވާ ފަދަ ބަސްތަކެވެ. އެހެން އަންހެންކުދިންނަށް ގުޅައިގެން ލޯބީގެ ވާހަކަ ދައްކާ އަޑު ކިތަންމެ ރެއަކު ޝާނާއަށް އިވެއެވެ.

ރާއިފްގެ ފަރާތުން ޝާނާއަށް އިންތިހާއަށް ލޯބި ލިބުނެވެ. އަޅާލުމާއި އޯގާތެރިކަން ލިބުނެވެ. ރާއިފް ޝާނާ ގެންގުޅެމުން ދިޔައީ ރާނީއެއް ފަދައިންނެވެ. ރާއިފްގެ އެހާ ފުދުންތެރިކަން ނެތް ނަމަވެސް ޝާނާ ދުލުން ބުނެފި ކޮންމެ އެއްޗެއް ޝާނާއަށް ހޯދައިދެއެވެ. ބުނި ކޮންމެ ކަމެއް ވީ އެންމެ އަވަހަކަށް ކޮށްދެވޭތޯ ބަލާނެއެވެ. ކޮންމެ ދުވަހަކު ވެސް ލޯބީގެ މާނަފުން ބަސްތަކުން ޝާނާގެ ހިތްފުރާލަދެއެވެ. އެހެން ނަމަވެސް ބަދަލުގައި ޝާނާ ރާއިފްގެ ހިތްހަލާކުކޮށްލީ އެއްވެސް ރަހުމެއް ނެތިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއިފް އޭނާގެ ފުރާނަ ދުއްވާލަން މަސައްކަތް ކުރީއެވެ. މިއަދު ޝާނާއަށް އޭނާގެ ކުށް އިހުސާސް ވެއްޖެއެވެ. ހަޤީގީ ލޯތްބަކީ ކޮބައިކަން ހާމަވެއްޖެއެވެ. އެހެން ނަމަވެސް ވަގުތު ފާއިތުވެއްޖެއެވެ.

*****

އަނީކް ކާރު ދުއްވަމުން ދިޔައީ ޖީނާގެ އިރުޝާދާ އެއްގޮތަށެވެ. ދަނީ ކޮންތަނަކަށް ކަމެއް ޖީނާ އަނީކް ކައިރިއަކު ވެސް ނުބުނެއެވެ. ދާތަނެއް ނޭނގުނަސް ތާޝާ އިނީ އުފަލުންނެވެ. ކޮންމެ ތަނަކަށް ދިޔަ ނަމަވެސް އޭނާގެ ލޯބިވާ ޒިދާނާ ބައްދަލު ކުރެވޭނެތީއެވެ. ފަނަރަ މިނެޓްގެ ދަތުރަކަށް ފަހު ކާރު މަޑުކުރަން ޖީނާ ބުނުމުން އަނީކް މަޑުކޮށްލިއެވެ.

އެންމެ ފުރަތަމަ ކާރުން ފޭބީ ތާޝާއެވެ. ޖީނާއާއި އަނީކް ފޭބީ އެކުއެކީގައެވެ. ކުރިމަތިން ފެންނަމުން ދިޔަ ބޮޑު ގެޔަށް ތާޝާ ބަލައިލީ ހައިރާންވެފައެވެ.

" މީކޮންތަނެއް؟" އަނީކް ވެސް ގެޔަށް ނަޒަރު ހިންގާލަމުން ބުންޏެވެ. ޖީނާ އެގެއާ ދިމާލަށް ބަލަހައްޓައިގެން ހުރިއިރު ތުންފަތްމަތިން ފެންނަނީ ހިނިތުންވުމެކެވެ. ނަމަވެސް ތާޝާއަށް ކުރެވެމުން ދިޔައީ މުޅިން ތަފާތު އިހުސާސެކެވެ.

  1. ގާހަކަ

    ހާދަލަހޭ ބައިތަށް އަަޕް ކުރާލެއް ތަންކޮޅެށް އަވަހަށް އަޕް ކޮށްދީބަ ޕުލީޒް