ރިޕޯޓް

މިފަހަރު ޢީދު ކަރަންޓީނާ ނުލައި، އެކަމަކު އެންމެ އުފާވެރިތަ؟

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިއަދަކީ މިއަހަރުގެ އަޟްހާ އީދު ދުވަހެއެވެ. ކޮވިޑް19ގެ ނުރައްކާތެރި އަދި ވޭން ގަދަ ހާލަތުގައި ދިވެހިން ތިބޭތާ ދޮޅު އަހަރަށް ފަހު ކަރަންޓީނާއި ނުލައި ދިވެހިންނަށް އީދަށް ރަށްރަށަށް ދެވުނު އުފާވެރި އިހްސާސް ފުރަތަމަ ފަހަރަށް ކުރެވުނު ފަހަރެވެ.

Ads by Sosun Fihaara

"އަހަންނަށް އިހުސާސް ކުރެވުނީ ޖަލަކުން މިނިވަންވީމަ ކުރެވޭނެ އިހްސާސް. ރަށަށް އައިސް ފުރަތަމަ ވެސް ލެވުނީ ބޮޑު ނޭވައެއް." އީދަށް ރަށަށް ދިޔަ ރަައްޓެއްސެއްގެ އިހްސާސް އޭނަ ސިފަކޮށްދިނެވެ.

ކޮވިޑް19 އާއެކު މިވީ ދޮޅު އަހަރު ތެރޭ ރައްޔިތުން އެތައް ވޭނެއް އުފުލައިފިއެވެ. އެތައް އާއިލާއެއް ނިކަމެތި ވެއްޖެއެވެ. އެތައް އާއިލާއެއްގެ ލޯބިވެތި މެމްބަރުން މިދުނިޔެއިން ވަކިވެއްޖެއެވެ. ލޯބިވާ އަނބިދަރިންނާއި މައިންބަފައިން ނުފެނި އެތައް ދުވަހެއް ހޭދަކުރަންޖެހިއްޖެއެވެ.

"ރަށަށް އަންނަން ހިތުލާއިރަށް އަދި ހައްތަހާ ފިޔަވަޅު ހަރުކަށި ކުރޭ. އާދެވެނީ އަހަރުވާން ގާތްވެފަ ހުއްޓާ އަދި އައިސް ކަރަންޓީނުގައި ހުންނަންވީމަ އަންނަން އުޅުމަށް ވުރެ ނައިސް ހުރީމަ ހަމަގައިމު ވެސް ނަފްސާނީ ގޮތުން ކުރި އަސަރު ކުޑަ. ގައިމު އަނބިދަރިން ފެނި 6 ފޫޓު ދުރުގަ ހުރެގެން 14 ދުވަސް ހޭދަ ކުރުމަށް ވުރެ މާ ހިތަށް ފަސޭހަ" ކަރަންޓީން ވާންޖެހުމުގެ ސަބަބުން ރަށަށް ނައިސް 9 މަސް ހޭދަ ކުރަން ޖެހުނު ސަބަބު ކިޔައިދިން އެކުވެރިއެއް ބުންޏެވެ.

ކޮވިޑް19ގެ ހާލަތުގައި ބަންދުގައި ތިބެގެން އަޅުގަނޑުމެން އީދުތަކެއް ފާހަގަކޮށްފީމެވެ. ހާލަތުގެ ހުރިގޮތުން ދިވެހިން އެންމެ މަޖާ ނަގާ އީދުތަކާއި ބަންދުތައް ގޭ ބަންދުވެގެން ނިންމައިލައިފީމެވެ. ކުޅިވަރެއް ކުޅުން އެއްކިބައިގައި ބާއްވައިފައި އަހަރުމެން ތިބީ ޓީވީން ވެސް ބަލައިލާނެ ކުޅިވަރެއް ނުފެނިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރަށަށް އައުން އަދި އޮތީތާއެވެ.

ކަން މިހެން އޮތްނަމަވެސް މިއަހަރުގެ ބޮޑުއީދު ފާހަގަ ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި އެޗްޕީއޭގެ ގައިޑް ލައިންތަކަށް ތަބާވުމަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ. ބައެއް ރަށްރަށް އަދިވެސް މޮނިޓަރިންގެ ހާލަތުގައި އޮތް އިރު އަނެއްބައި ރަށްރަށުން މީހާރުވެސް ތައްޔާރުވަމުން ދަނީ މިއަދު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށެވެ. އެއަށް ފަހު ކުޅިވަރުތައް ކުޅުމަށެވެ. މަޖާ އީދަކަށެވެ. އެހެން ނަމަވެސް އީދަށް ރަށަށް ނާދެވި މާލޭގައި ތާށިވެފައި ތިބި މީހުން ވެސް މަދެއް ނޫނެވެ.

އުއްމީދު ކުރި ލުއިތައް ލިބިއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިހެން އީދަށް ކަރަންޓީނާ ނުލައި ރަށަށް ވެސް އާދެވިއްޖެއެވެ. ކުޅިވަރު ކުޅުމުގެ ހުއްދަ ލިބިއްޖެއެވެ. އެހެން ނަމަވެސް ގައިޑްލައިންތަކާ ހިލާފު ނުވާ ގޮތަށެވެ.

Ads by Ooredoo
  1. ޢައްޑަނަ

    ޢަދި ފަހުން އޮތީ .