ލައިފްސްޓައިލް

އެހެން މީހުން ކުރިމަތީގައި ތިމާއަށް އިޙުތިރާމް ނުކުރާ ބަޔަކީ އެއީ ރައްޓެހިންނެއް ނޫން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރައްޓެހިންނަކީ ދިމާވާ އެކި ކަންކަމުގައި ހީސަމާސާކޮށް މަޖާ ކުރާނޭ ބައެކެވެ. ހަމަ އެފަދައިން އެހީތެރިކަން ބޭނުންވާ ދުވަހު އެހީ ވެސް ވެދޭނެ ބައެކެވެ. ނަމަވެސް އަބަދާއަބަދު ތިމާއާ ދިމާކޮށް ހެދުމަކީ އެންމެ ރަނގަޅު ގޮތްތޯ މިއީ ވިސްނާލަން ޖެހޭ ކަމެކެވެ.

Ads by STELCO

ކޮންމެ ދުވަހަކުހެން ދިމާވާ މި ރައްޓެހިން ހުރިހާ ދުވަހެއްގައި ވެސް، ވަކި މީހެއް، ވަކި ހަމައެއް ލަމައެއް ބެލުމެއް ނެތި ދިމާކޮށް، ތިމާއަކީ ވަރަށް ދަށް މީހަކަށް ހަދާލައިގެން އުޅޭނަމަ އޭގެން ދޭހަވަނީ އޭނާ ތިމާއަށް އިޙުތިރާމް ނުކުރާ ކަމެވެ. މިކަން މިހެން ވާ ނަމަ އެކަން އެހެން ނުކުރުމަށް ތިމާއަށް ބުނަން ކެރެން ވެސް ޖެހޭނެއެވެ. އެހެން ނޫން ނަމަ އެއީ ތިމާގެ ރައްޓެއްސެއްގެ ގޮތުގައި ހުންނަން ހެޔޮ ވާވަރުގެ މީހެއް ނޫނެވެ.

ކޮންމެ އިންސާނެއްގެ ވެސް ހިތެއް އޮވެއެވެ. ކެތްކުރެވޭނީ ވަކި ވަރަކަށެވެ. ހަނގާ ކުރުމޭ ނުބުންޏަސް އަސްލު ހަގީގަތުގައި އެ ކުރެވެނީ ހަނގާކަން ވެސް އެނގޭ ހެއްޔެވެ؟ އޭގެ ސަބަބުން ތިމާ އެމީހުންނާ ބައްދަލުވާން ފޫހި ވާނެއެވެ. މަޑުމަޑުން ތިމާ އެކަނިވެރި ވާން ފަށާނެއެވެ. އަނެއް ކޮޅުން އެމީހުންނާ ދުރުވަނީ އޭ ކިޔައި ދެރަ ކުރެވޭތޯ ވެސް އެމީހުން މަސައްކަތް ކުރާނެއެވެ. ތިމާ ބޮޑު އަނދަވަޅުގަނޑަކަށް ވެއްޓޭ ވަރު ވެދާނެއެވެ. ވީއިރު މިކަންކަމާ ވިސްނައިލާށެވެ.

ރައްޓެހިންނަކީ އެކަކު އަނެކަކަށް އިޙުތިރާމް ކުރާ ބަޔަކަށް ވާން ވާނެއެވެ. ހުރިހާ ރައްޓެހިން ތެރޭގައި ތިމާޖޯކަރަކަށްހަދައިގެން އެ ގެންގުޅެނީ ރައްޓެހިންނެއް ނޫނެވެ. އާންމުކޮށް އެފަދަ މީހުންގެ އަޑި ވަރަށް ނުބައި ވާނެއެވެ. އެމީހުންގެ މުނިފޫހި ފިލުވުމަށް ޓަކައި ގެންގުޅޭ އަޅަކުހެން ގެންގުޅުމަކީ ރައްޓެހިން ގެންގުޅޭ ގޮތް ކަމުގައި ވާނަމަ، މީ ކޮންފަދަ ރައްޓެހިކަމެއް ހެއްޔެވެ؟ ހަމަގައިމު ވެސް އަޅުގަނޑު ތިޔަ ފަދަ ރައްޓެހި ކަމަކަށް ނޭދޭނަމެވެ.

ދެން އުޅޭނީ ކޮފީތަކަށް އަރައި ފޫހި ފިލުވުމަށް ޓަކައި ގެނެސް ދިމާ ކުރަން ބައިންދާފައި ތިބޭ ރައްޓެހިންނެވެ. އެމީހުނަށް ވެސް ކޮންމެވެސް ވަރަކަށް އިޙުތިރާމް ކުރުމަކީ އޮތްކަމެއްކަން ނޭނގެނީ ބާވައެވެ؟ އެމީހުނަށް ހެޔޮ ނޭދޭ ތާނގައި ހެޔޮކޮށް ކަންތައް ކުރަނީއެއް ވެސް ނޫނެވެ. ހައިރާންވާންވީ ކަމަކީ ތިމާއާ ދޭތެރޭގައި މިފަދަ ގޮތްކުޑަ ގޮތަކަށް ކަންތައް ކުރާއިރު ވެސް، މަޖާވެފައި އެމީހުންގެ ޚިދުމަތުގައި އެމީހުންނާ އެއްކޮށް ހުންނާތީއެވެ. މިކަން މިހެން ވިޔަ ނުދޭށެވެ. އެކަމާ އެމީހުނަށް ބަސް ބުނާށެވެ. ތިމާގެ ދިފާއުގައި އަޑު އުފުލާށެވެ. އެމީހުން ބޭނުން ގޮތަކަށް ތިމާއާ ދޭތެރޭ ކަންތައް ކުރަން ފުރުސަތު ނުދޭށެވެ.

ތިމާގެ ރައްޓެހިންގެ ކުރިމަތީގައި ތިމާގެ އަގު ހިފަހައްޓާށެވެ. އެހެނީ ތިމާއަކީ އެއްވެސް އަގެއް ނެތް މީހެއްކަމުގައި ދައްކުވައިދޭ ރައްޓެހިންނާ ދުރުވާށެވެ. އަދި ތިމާއަށް އިޙުތިރާމް ކޮށްތިމާއަށް ހެޔޮ އެދޭ ރައްޓެއްސަކާ ގާތްވާށެވެ. ކޮންމެހެން މާ ގިނަ ރައްޓެހިން ތިބުން މުހިންމެއް ނޫނެވެ. ނަމަވެސް ހެޔޮ އެދޭ، ތިމާއަށް އަނެކާ ކުރިމަތީ އިޙުތިރާމް ކުރާ ރައްޓެހިންނަކީ ޖަވާހިރެއް ފަދަ ބައެކެވެ.

Ads by Allied Insurance
  1. ރިޒޫ

    ވަރަށް ރަނގަޅު ވާހަކައެއް