ޖިންސީ ގޯނާގެ މައްސަލައިގައި ސަނީ އުމަރު އަނެއްކާ ވެސް ހައްޔަރުކޮށްފި
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ހުސައިން ސަނީ އުމަރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މިއަދު އަލުން ހައްޔަރުކޮށްފިއެވެ.
އޭނާ ފުރަތަމަ ހައްޔަރުކުރީ ރާއްޖެއިން ބޭރަށް ފުރަން ވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް ހުއްޓާ އިއްޔެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، ޖިނާއީ މައްސަލައެއްގެ ތުހުމަތު އޮއްވާ، އަދި ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށް ފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫކޮށްލުމަށް ފަހު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސަނީ އުމަރުގެ ފަރާތުން އަނިޔާ ލިބިފައިވާ ކުދިންގެ އާއިލާތަކުން އޭނާއާ ދެކޮޅަށް މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމާ އެކު އޭނާ ކުރިން ވަނީ އިންޑިއާއަށް ގޮސްފައެވެ. އަނިޔާ ލިބުނު ކުދިންގެ އާއިލާއިން ބުނެފައިވާ ގޮތުގައި މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތްގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރަން ސަނީ އުމަރު ވަނީ ފަށައިފައެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ.
މި މައްސަލަތައް ފެންމަތިވުމާ ގުޅިގެން ސަނީގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ޓްރެވަލް ގައިސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށައިފައިވާ ކަމަށާއި ސަނީގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ކުންފުނިން ދޭނެ ކަމަށެވެ.

