ޚަބަރު

ސާކްގެ ދައުރު އިތުރަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިލައްވައިފި

ފާތިމަތު ރޫހީ ، ދެން އޮންލައިން
ވަޒީރުން މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ.

Ads by STELCO

އެ މަނިކުފާނު މިކަމަށް ގޮވައިލެއްވީ، ސާކްގެ ޗާޓަރގެ 40 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ. އެ މެސެޖުގައި، ސާކްގެ ހިތްވަރު އަލުން އާލާކުރުމަށް ޓަކައި، އިތުބާރު ބިނާކުރުމުގެ ގޮތުން ސާކް ސަމިޓް އަލުން ބޭއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދެކުނު އޭޝިއާގެ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވެ، ސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރެވޭނީ ގުޅިގެން މަސައްކަތްކުރުމާއި، އެއްބާރުލުން އިތުރުކޮށް، މަޝްވަރާގެ މަގުން ކަމަށްވެސް އެ މަނިކުފާނު ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، އިޔާދަކުރަނިވި ހަކަތަ ތަރައްގީކުރުމާއި، އާންމު ޞިއްޙަތާއި، ކާނާގެ ސަލާމަތާއި، އިޤުތިޞާދީ ހަމަހަމަކަން ކަށަވަރުކުރުމާއި، ދެމެހެއްޓެނިވި އަދި ހުރިހާ ފަރާތްތަކަށް ހިއްސާވާ ތަރައްޤީއެއް ކަށަވަރުކުރުން ފަދަ ނާޒުކު މައްސަލަތަކަށް ޙައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ސާކާއި ސާކުގެ ގުނަވަންތަކަކީ މި ފަދަ ގޮންޖެހުންތަކަށް ހައްލުހޯދުމަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads by Allied Insurance