ގައިދުރުކޮށް ޖަމާޢަތް ހެދޭ ގޮތަށް ޖުލައިއިން ފެށިގެން މިސްކިތްތައް ހުޅުވައިލަނީ

ޖުލައި މަހު 1އިން ފެށިގެން ގައިދުރުކޮށް ޖަމާއަތުގައި ނަމާދު ކުރެވޭ ގޮތަށް މިސްކިތްތައް ހުޅުވައިލާން ނިންމައިފިއެވެ.
މިއަދު ރައީސުލް ޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ، މިސްކިތްތަކުގައި ގައިދުރުކަމާ އެކު ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތު ހުޅުވައިލާން ނިންމައިފައިވާ ކަމަށާއި، މިގޮތަށް އަމަލު ކުރަން ފަށާނީ، މި ފެށޭ ޖުލައި މަހުގެ 1އިން ކަމަށެވެ.
މީގެ ކުރިން މާލޭ ސިޓީ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން މާލެ އެއްވެސް މިސްކިތަކަށް ގޮސް ނަމާދު ކުރުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފައެވެ. އަދި މިސްކިތަށް އަރާ ނަމާދުކުރާ ފަރާތްތައް ބެލުމަށް މިސްކިތްތައް ދޮށުގައި ފުލުހުން ހަރަކާތްތެރި ވެސް ވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަައީސް ވަނީ ކޮވިޑާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކަށް ލުއި ދެއްވައިފައެވެ. އެގޮތުން މިސްކިތްތަކުގައި ގައިދުރުކަމާ އެކު ޖަމާއަތުގައި ނަމާދު ކުރެވޭ ގޮތަށް ބަދަލު ގެނެސް، މާލޭގައި ކާފިއު ނޫން ވަގުތުތަކުގައި ފާހާ ނުލާ ބޭރުގައި އުޅޭވޭ ގޮތަށް ވަނީ ހަމަ ޖެހިފައެވެ.
އެހެން ނަމަވެސް މި އުސޫލުތަކަށް އަމަލު ކުރަން ފަށާނީ މި ފެށޭ ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.