ޚަބަރު

އޭސީސީއަށް ހާޒިރު ކުރާތީ ނިމާލުގެ ބަސް: ނުގަވައިދުން މީހަކަށް ވަޒީފާ ދޭންވީ އެއްވެސް ސަބަބެއް ނެތް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މާލޭ ދާއިރާގެ ރައީސް މުޙައްމަދު ނިމާލް.. ދެން އިމޭޖްސް

ނުގަވާއިދުން އެއްވެސް ފަރާތަކަށް ވަޒީފާ ދީފައިނުވާނެ ކަމަށާއި އެފަދައިން ކަންތައް ކުރަންވީ ސަބަބެއް ވެސް ނެތް ކަމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ނައިބު ލީޑަރު މުޙައްމަދު ނިމާލު ވިދާޅުވެއްޖެއެވެ.

Ads by STELCO

ނިމާލު މިހެން ވިދާޅުވެފައި މިވަނީ ބ. އޭދަފުށީ އިންޖީނުގެއަށް މުވައްޒަފުން އިތުރު ކުރުމަށް ޓަކައި، އެއްވެސް އިއުލާނެއް ނުކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުވައްޒަފުން ނެގި ކަމަށް ބުނާ މައްސަލައެއްގައި މާދަމާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގާފައިވުމުންނެވެ.

އެކަމާ ގުޅިގެން "ދެން" އަށް މައުލޫމާތު ދެއްވަމުން ނިމާލު ވިދާޅުވީ، އެއީ އެމަނިކުފާނު ފެނަކައިގެ އެމްޑީއަކަށް ހުންނެވި އިރު 2012 ވަނަ އަހަރު ހިނގައިފައިވާ ކަމެއް ކަމަށާއި އެހެން ނަމަވެސް ގަވައިދުން ބޭރުން އެއްވެސް މުވައްޒަފަކަށް ވަޒީފާ ދީފައިނުވާނެ ކަމަށެވެ.

"އަޅުގަނޑު ކީއްކުރަންތޯ އެފަދައިން ކަމެއް ކުރަންވީ؟ ކުރަންވީ ސަބަބެއް ވެސް އޮންނަންވާނެ ނޫންތޯ؟ އޭދަފުއްޓަކީ އަޅުގަނޑުގެ އާއިލާ މީހަކު، ދުރުތާ ތިމާގެ މީހަކު ވެސް ހުރި ތަނެއް ނޫން. ދެން ކޮން އަމިއްލަ ފައިދާއަކަށްތޯ އަޅުގަނޑު އެފަދަ ކަމެއް ކުރާނީ؟ ނުގަވާއިދުން އެއްވެސް މީހަކަށް ވަޒީފާ ދީފައެއް ނުވާނެ." ނިމާލު ވިދާޅުވިއެވެ.

ނިމާލު ތަކުރާރުކޮށް ވިދާޅުވީ، ނުގަވާއިދުން އެއްވެސް މީހަކަށް ވަޒީފާ ނުދެއްވާ ކަމަށާއި ވަޒީފާދީފައި ވާނީ ލިބުން ޙައްޤުވާ ފަރާތްތަކަށް، ޤާނޫނާ ޤަވާއިދުގެ މަތިން ކަމަށެވެ. އަދި މިއީ ސިޔާސީ ގޮތުން އެމަނިކުފާާނާ އިދިކޮޅާ މެދު އޮންނަ ދެބަސްވުންތަކެއްގެ ސަބަބުން ނަންގަވައިގެން އުޅުއްވާ މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ނިމާލު ވިދާޅުވިއެވެ.

އޭސީސީއަށް ނިމާލު ހާޒިރު ކުރަން އަންގައިފައި ވަނީ މާދަމާ ހެނދުނު 11:30 އަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!