ޚަބަރު

މުޅި ދުނިޔެ ވެކްސިނަށް ޖެހިފައި، ރާއްޖޭގެ ވެކްސިން ޕްރޮގްރާމް މެދުކަނޑައިނުލާ ކުރިޔަށް ގެންދެވޭނެ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެކްސިން ޖެހުމަށް ކިއު ހަދާފައި.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

އަވައްޓެރި އިންޑިއާއަށް އެރި ކޮވިޑް-19 ތިންވަނަ ރާޅާ އެކު ވެކްސިންގެ އެންމެ ބޮޑު ކާރުޚާނާތަކުގެ ދުވެލި ދަށްވެ، މުޅި ދުނިޔެ ވެކްސިނަށް ޖެހިފައިވާ ދަނޑިވަޅެއްގައި ކޮވިޝީލްޑް ވެކްސިންގެ އިތުރު ޑޯޒްތަކެއް ރާއްޖެއަށް މިވަނީ ލިބިފައެވެ.

Ads by STELCO

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން (ތަހޭ) "ދެން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ވެކްސިންގެ ޕްރޮގްރާމް މިއަދު ފަށައިފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ބޭނުންވާ ވެކްސިން ރާއްޖެއަށް ލިބުމުން ކަމަށެވެ. އަދި ކޮވިޝީލްޑް ވެކްސިން ފޯރުކޮށްދީފައި ވަނީ ނަން ހާމަ ކުރުމަށް ބޭނުން ނުވާ ފަރާތަކުން ކަމަށާއި މިއީ ހެޔޮ އެދޭ ފަރާތަކުން ފޯރުކޮށްދިން ވެކްސިން ކަމަށް ވެސް ތަހޭ ވިދާޅުވިއެވެ.

ކުރިން ވެސް މިފަދައިން ރާއްޖެއަށް އެހީގެ ގޮތުގައި ކޮވިޝީލްޑް ވެކްސިން ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮވިޝީލްޑް ވެކްސިން ލިބުން ދަތިވެ، މެއި މަހުގެ ދެވަނަ ދުވަހު ވެކްސިން ޖެހުން މެދުކަނޑައިލުމަށް ފަހު، ދެވަނަ ޑޯޒް އަލުން ޖަހަން ފަށައިފައި ވަނީ މިއަދުއެވެ.

އިންޑިއާގެ ސިރަމް އިންސްޓިއުޓްއިން އޮކްސްފޯޓް ޔުނިވާސިޓީގެ ފޯމިއުލާއަކަށް އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިން އުފެއްދޭ މިންވަރު ދަށްވެ، އިންޑިއާއިން ވަނީ ވެކްސިން އެކްސްޕޯޓް ކުރުން ހުއްޓައިލައިފައެވެ. އިންޑިއާގެ ވެކްސިން ޕްރޮގްރާމް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދިއުމަށް ވެކްސިން އެކްޕޯޓް ކުރުން ހުއްޓައިލި ފަހުން ވެސް، ސަރުކާރުގެ އެދުމަކަށް އިންޑިއާއިން ރާއްޖެއަށް ވަނީ ވެކްސިން ފޯރުކޮށްދީފައެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޕްރޮގްރާމް ފުރަތަމަ ފަށައިފައި ވަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ދިން އެއް ލައްކަ ޑޯޒް ކޮވިޝީލްޑް ވެކްސިނާއެކުގައެވެ. އޭގެ ފަހުން ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އިންޑިއާއިން ވަނީ ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއް ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އަދި އެއަށް ފަހު، މި އަހަރުގެ މާރިޗް މަހު 29 ވަނަ ދުވަހު އިންޑިއާގެ ސިރަމް އިންސިޓިޓިއުޓްއިން ކޮވިޝީލްޑް ވެކްސިންގެ 3 ލައްކަ ޑޯޒް ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ވަނީ ގެނެސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!