ޚަބަރު

އޭކޭ އައު ސިޔާސީ ޕާޓީއެއް ހައްދަވަނީ، ވިދާޅުވީ ރައީސް ކަމަށް ވެސް ކެނޑިޑޭޓަކު ނެރުއްވާނެ ކަމަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އަބްދުﷲ ކަމާލުއްދީން / ފޮޓޯ: އަވަސް

ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން (އޭކޭ) އިސްކޮށް ހުންނަވައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

Ads by STELCO

"މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ (އެންއެސްޕީ)ގެ ނަމުގައި އުފައްދަވާ މި ޕާޓީއާ ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން އޭކޭ ވިދާޅުވީ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބިވަޑައިގެންފި ނަމަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވުމަށް ކެންޑިޑޭޓަކު ނެރުއްވާނެ ކަމަށެވެ.

"ހުރިހާ އިންތިހާބެއްގައި ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބައިވެރިވާނަން. ބައިވެރި ކުރުމުގެ މަޤްސަދު އެބައޮތް. ޕާޓީ އުފައްދަވާ ބޭފުޅުންގެ ވިސްނުންފުޅަކީ 2023 ރިޔާސީ އިންތިހާބަށް ވެސް ކެނޑިޑޭޓަކު ނެރުއްވޭތޯ މަސައްކަތް ކުރެއްވުން" ކަމާލުއްދީން ވިދާޅުވިއެވެ.

އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވާފައިވާ ކަމަށް ވެސް ކަމާލުއްދީން ވިދާޅުވިއެވެ. ޕާޓީ އުފެއްދުމަށް ހުއްދަ ނެގުމަށް ފަހު މިހާރު ކުރިއަށްދަނީ ޕާޓީ އުފެއްދުމަށް ޓަކައި، ވަކި މުއްދަތެއްގެ ތެރޭގައި 3000 މެމްބަރުން ހަމަކުރުން ކަމުގައި ވެސް ވިދާޅުވިއެވެ. އެ އަދަދަށް މީހުން ހަމަވުމުން 300 މީހުންގެ ޖަލްސާއެއް ބާއްވާފައި އިންތިގާލީ ކޮމިޓީއެއް ވެސް ނަގަން ޖެހެއެވެ.

"އައު ޤާނޫނު އަސާސީއެއް ހެދި، އެ ޤާނޫނު އަސާސީގެ ދަށުން ރައްޔިތުން ބާރުވެރިވެ، ބާރުތައް ބެހިގެން ދިޔައިމަ ވެސް ކުރިންސުރެ އުފެދިފައި ހުރި މައްސަލަތައް އަދިވެސް ޤައުމުގައި އެބަހުރި. އެހެންވީމަ އެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތަކާ މެދު އަަޅުގަނޑުމެން ތެރޭގައި ވަރަށް ގިނަ ވިސްނުންތައް ވިސްނައިފައި، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުންނަށް ވިސްނިވަޑައިގަތީ މިކަންކަމަށް ހައްލެއް ގެނެވޭނީ އައު ފަލްސަފާއެއްގައި، އައު އަޒުމެއްގައި ސިޔާސީ ޕާޓީއެއް މެދުވެރިވެގެން ކަމަށް" ކަމާލުއްދީން ވިދާޅުވިއެވެ.

މި ޕާޓީ އުފައްދަން ހުއްދަ ނެގި ވަގުތުން ފެށިގެން މިހާރުވެސް ފުދޭވަރަކަށް މެމްބަރުން އެންއެސްޕީއަށް ސޮއި ކޮށްފި ކަމަށާއި މިއީ ރައްޔިތުންގެ ޕާޓީއެއް ކަމަށް ވެސް ކަމާލުއްދީން ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!