ޚަބަރު

މި އަހަރު މާލޭގައި، އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތެއްގައި ނުކުރާނެ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މި އަހަރުގެ އަޟްހާ އީދު ނަމާދު، މާލޭގައި ބޮޑު ޖަމާއަތެއް ހަދައިގެން ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރ ޒާހިރު ވިދާޅުވީ މިއަހަރު ބޮޑު ޖަމާއަތެއް ހަދައިގެން މާލޭގައި އަޟްހާ އީދު ނަމާދު ނުކުރި ނަމަވެސް މާލެ ސަރަހައްދުގައި ހުކުރު ނަމާދު ކުރާ ކޮންމެ މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށެވެ. އެގޮތުން މިފަހަރު މާލެ ސަރަހައްދުގައި 39 މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށް މިނިސްޓަރ ޒާހިރު ފާހަގަ ކުރެއްވިއެވެ.

މި އަހަރުގެ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތެއްގައި ނުކުރަން ނިންމެވީ ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް ކަމަށާއި، އެގޮތަށް ބޮޑު ޖަމާއަތެއްގައި ނަމާދު ކުރަން ހުއްދަ ދީފި ނަމަ ތޮއްޖެހުން އިތުރުވެ ބަލީގެ ނުރައްކަލަށް ހުށަހެޅުމުގެ ބިރު އޮންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، މޮނިޓަރިންގައި ނެތް ރަށްތަކާއި، ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދޫކުރެވިފައިވާ ރަށްތަކަށް އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމުގެ ހުއްދަ ދޫކުރަމުން ގެންދަވާނެ ކަމަށާއި، އެ ރަށެއްގެ ކައުންސިލުން އެ ހުއްދައަށް އެދުމުން ހުއްދަ ދެވިގެން ދާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!