އިލެކްޝަންސްއިން ބަލަންވީ ވަރަށް ނުބަލައި، ރައްޔިތެއްގެ ޙައްޤު ހިފެހެއްޓީ: ކަމާލުއްދީން
ސިޔާސީ ޕާޓީއެއް އުފައްދަވަން ހުށަހެޅި ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލު ކުރީ، އެކަން ހިނގައިފައިވާ ގޮތް އެ ކޮމިޝަނުން ބަލަންވީ ވަރަށް ނުބަލައި ކަމަށާއި ފޯމު ބާތިލު ކޮށްގެން ރައްޔިތެއްގެ ޙައްޤު މި ވަނީ ހިފަހައްޓައިފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން (އޭކޭ) ވިދާޅުވެއްޖެއެވެ.
"މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ (އެންއެސްޕީ)ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވަން އެމަނިކުފާނު ހުށަހެޅުއްވީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެމަނިކުފާނުގެ ފޯމު ބާތިލު ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އީސީން އެ ފޯމު ބާތިލު ކޮށްފައި ވަނީ އެމަނިކުފާނު ކުރިން ނިސްބަތްވެ ވަޑައިގެންނެވި ސިޔާސީ ޕާޓީ ކަމުގައިވާ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގައި އަދިވެސް ކަމާލުއްދީނުގެ ނަން އޮތުމުންނެވެ. އެހެން ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރެ، އައު ސިޔާސީ ޕާޓީއެއް ނުއުފެއްދެވޭނެ ކަމަށާއި އެހެން ޕާޓީއެއްގައި ބައިވެރި ވެސް ނުވެވޭނެ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.
އެކަމާ ގުޅޭގޮތުން "ދެން"އިން ސުވާލު ކުރުމުން ކަމާލުއްދީން ވިދާޅުވީ އެމަނިކުފާނު އެމްއާރްއެމުން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ވަކިވެ ވަޑައިގެންނެވި ކަމަށާއި އެކަން އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވެސް ޓްވީޓެއް ކުރައްވައި ހާމަ ކުރެއްވި ކަމަށެވެ.
"އިލެކްޝަންސުން ބައްލަވަންވީ ވަރަށް ނުބައްލަވާ، ރައްޔިތެއްގެ ޙައްޤު ހިފެހެއްޓެވިޔަސް އަޅުގަނޑު އެކަމާ ކުރާނެ ކަމެއް ނެތް. އެމްއާރްއެމްއިން ކުރަން ޖެހޭ ކަމެއް ނުކޮށް އޮތުން އެއީ ވެސް އަޅުގަނޑު ކުރާނެ ކަމެއް ނޫން. އަޅުގަނޑަކަށް އެމްއާރްއެމް ތެރެއަށް ވަދެ އެ ބޭފުޅުން ލައްވާ ކަމެއް ނުކުރުވޭނެ" ކަމާލުއްދީން ވިދާޅުވިއެވެ.
މީގެއިތުރުން ކަމާލުއްދީން ވިދާޅުވީ ދައުލަތުގެ މުއައްސަސާއަކުން މިފަދައިން ކަންތައް ކުރެއްވުމުން، ރައްޔިތުންނަށް ދެން އިތުރަށް ކުރެވޭނެ ކަމެއް ވަރަށް ކުޑަވާނެ ކަމަށާއި މި ޤައުމު ހަލާކު ވެގެން މިދަނީ މިފަދައިން ކަންތައް ކުރުމުގެ ސަބަބުން ކަމަށެވެ.