އިލްމުވެރިންގެ ބެލެނިވެރިފަރާތުގެ ބަހެއް ނެތި އިލްމުވެރިންނަށް ފިޔަވަޅު އަޅާތީ ކަންބޮޑުވުން ފާޅުކޮށްފި
ދިވެހިރާއްޖޭގެ އިލްމުވެރިންގެ ބެލެނިވެރިފަރާތް ކަމުގައިވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބަހެއް ނެތި ދީނީ ކަންކަމާ ގުޅުވައިގެން އިލްމުވެރިންނަށް ފިޔަވަޅު އަޅާތީ ކަންބޮޑުވުން ފާޅުކޮށް، އިލްމުވެރިންގެ ގުޅުމުން ސިޓީއެއް ފޮނުއްވައިފިއެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒާހިރަށް އެޑްރެސްކޮށް އިލްމުވެރިންގެ ގުޅުމުން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގައި ދީނީ ނަޞޭޙަތް ދިނުމާ ގުޅޭ ކަންކަން ކުރެވޭ ގޮތަށް ޤާނޫނީ ގޮތުން ހަމަޖެހިފައި އޮންނަނީ އެކަމަށް ޓަކައި ދައުލަތުގެ ފަރާތުން ދޫކުރައްވާ ޚާއްޞަ ހުއްދައެއްގެ ދަށުން ކަމަށެވެ. އަދި އެކަންކަން ހިނގާ ނުހިނގާ ގޮތް ބައްލަވައި އިންތިޒާމު ކުރެއްވުމުގެ ޒިންމާ ހަވާލުކުރެވި ހިމެނިފައި ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ އިޚްތިޞާޞްތަކުގެ ތެރޭގައިކަން ވެސް ސިޓީގައި ފާހަގަ ކުރައްވައިފައިވެއެވެ.
އެކަން މިހާތަނަށް ކުރައްވަމުން ގެންދަވަނީ ވެސް އިސްލާމިކް މިނިސްޓްރީންކަން ފެންނަން އޮތް ކަމަށާއި ކަން އެހެން އޮތްއިރު، އެހެން ފަރާތްތަކުން އެ މިނިސްޓްރީގެ އިޚްތިޞާޞްގެ ތެރެއަށް ވަނުމާއި މިނިސްޓްރީން ނިންމަވަން ޖެހޭ ކަންކަމުގައި އިސްވެ ގޮތް ނިންމައި އޭގެ މައްޗަށް ބިނާކޮށް ގޮތް ކަނޑައަޅައި އެކި ފަރާތްތަކަށް އަދަބުދީ ހެދުމަކީ ކުރެވިގެންވާނެ ކަމެއްކަމަކަށް ދެކެވަޑައި ނުގަންނަވާ ކަމަށް އިލްމުވެރިންގެ ގުޅުމުން ފޮނުއްވި ސިޓީގައިވެއެވެ.
"ނަމަވެސް ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންގެ ބަހުގެ މައްޗަށް ޝަރުޢީ ޢިލްމު ނުދަންނަ މީހުން ދީނީ ގޮތުން ބަސް ކިއުމާއި، ދީނީ ޢިލްމުވެރިން ދީނުގައި ކަން އޮންނަ ގޮތް ސާފު ކޮށްދެއްވުމަށް ހަރުދަނާ ރައުޔުތަކާއި ދަލީލުތަކުގެ މައްޗަށް ބިނާކުރައްވައިގެން ވިދާޅުވާ ވިދާޅުވުމަކަށް ގުޅުވައިގެން، އެކަން އޮތީ އެ ގޮތަށްކަން ނުވަތަ ނޫންކަން ވެސް ނުދަންނަ ފަރާތްތަކުން ދީނީ ޢިލްމުވެރިންނަށް ފިޔަވަޅު އަޅަމުން ދިއުމަކީ ޢިލްމުވެރިންނަށް ކުރިމަތި ކުރެވޭ ނުރައްކަލާއި އިހާނާތްތެރިކަމެއް ކަމާއި ބިރުވެރިކަމެއްކަން ފާހަގަކުރަން" އެ ސިޓީގައި އިތުރަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އެކިއެކި ފަރާތްތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ރަސްމީކޮށް ހަމަޖެހިފައިވާ ފަރާތްތަކުން އެ ފަރާތުގެ ބެލެނިވެރިކަމުގެ ދަށުގައި ވާ ފަރާތްތަކުގެ ދިފާޢުގައި އަބަދުވެސް ބަސް ބުނަމުން ދާކަމީ ފެންނަން އޮތް ޙަޤީޤަތެއް ކަމާއި އެގޮތުން މީޑިއާއަށާއި އެކި ނޫސްތަކަށް އިންޒާރު ދިނުމާއި މިނިވަންކަމާ އެކު ނޫސްތަކުގައި ބޭނުން އެއްޗެއް ލިޔުމަށް ހުރަސް އަޅާ ނަމަ ދައުލަތުގެ އިދާރާތަކުން އެފަދަ ކަމެއް ކުރި ނަމަވެސް ނުވަތަ ޢާންމުންގެ ތެރޭގައި އެފަދަ ކަމެއް ހިނގި ނަމަވެސް މީޑީއާތަކުގެ ދިފާޢުގައި މީޑިއާތަކުގެ ބެލެނިވެރި ފަރާތުން ބަސް ބުނުމާއި އެނޫން ވެސް އެފަދަ މިސާލުތައް ދިވެހި މުޖުތަމަޢުން ފެންނަން އޮތްކަން ވެސް އެ ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.
"އަދި އެއީ މުޖުތަމަޢުގެ ހަމަޖެހުން ދެމެހެއްޓުމަށް ޓަކައި، ކޮންމެ ފަރުދަކު އެފަރުދެއްގެ ދިފާޢުގައި ތެދުވަން ޖެހުމުން މެދުވެރިވާ ނުތަނަވަސްކަން މުޖުތަމަޢުގައި އަށަގަތަ ނުދިނުމަށް ޓަކައި އެކަން އޮންނަން ޖެހޭނެ ގޮތްކަމުގައި ވެސް ދެކެމެވެ. ނަމަވެސް ޢިލްމުވެރިންގެ ޤާނޫނީ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އެކަން އެގޮތަށް ކުރެއްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ދައުރު ފެންނަމުން ނުދާކަމީ އަޅުގަނޑުމެން އެކަމާ މެދު ހިތާމަކުރާ އަދި އެކަމާ މެދު ކަންބޮޑުވާ ކަމެކެވެ." އިލްމުވެރިންގެ ގުޅުމުން ފޮނުއްވައިފައިވާ ސިޓީގައިވެއެވެ.
މީގެއިތުރުން އެ ސިޓީގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އިސްލާމް ދީނާ ގުޅޭ އެންމެހައި ކަންކަމުގެ ރަސްމީ ބެލެނިވެރި ފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމުގައިވީ ހިނދު، އެ މިނިސްޓްރީގެ މޭންޑޭޓުގައި ހިމެނޭ ކަންކަމުގެ ތެރެއަށް އެހެން މުއައްސަސާތަކުން ވަދެ ގޮތްކިޔައި ގޮތް ނިންމުމަކީ އޭގެ ސަބަބުން މިނިސްޓްރީގެ އަގު ވެއްޓި، ހައިބަތާއި ހައިސިއްޔަތު ވެސް ނެތިދާނެ ކަމެއް ކަމުގައެވެ. އަދި އޭގެ އިތުރުން ދީނީ ޢިލްމުވެރިންނާއި އެބޭފުޅުން އަދާކުރައްވަމުން ގެންދަވާ ދީނީ ވާޖިބުތަކަށް ބޮޑެތި ހުރަސްތަކާއި ގޮންޖެހުންތައް ކުރިމަތިވެގެން ދާނެ ކަމެއް ކަމަށް ވެސް އެ ސިޓީގައިވެއެވެ.
"ވީމާ، އެފަދަ ކަންކަން އެގޮތަށް ހިނގިޔަ ނުދިނުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ދީނީ އަދި ޤާނޫނީ ވާޖިބާއި ޒިންމާ އަދާ ކުރެއްވުމުގައި މިހާރަށްވުރެ ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވުމަށާއި، ދީނީ ޢިލްމުވެރިންނަށް ކުރިމަތިވެވަޑައިގަންނަވާ ކަންކަމުގައި ވީހާވެސް އަވަހަކަށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ، އަދި ފިޔަވަޅުތައް އަޅުއްވާ ފަރާތެއްގެ ގޮތުގައި ވެވަޑައިގަތުން އެދި ދަންނަވަމެވެ." އެ ސިޓީގައި އިތުރަށް ވިދާޅުވެފައެިވެއެވެ.
މި ފަދަ ކޮންމެކަމެއްގައި ދީނީ ޢިލްމުވެރިންގެ ފަރާތުން މިނިސްޓްރީއަށް ބޭނުންފުޅުވެވަޑައިގަންނަވާ އެންމެހާ އެއްބާރުލުމެއް ދިނުމަށް ތައްޔާރީގައި ތިބި ކަމުގެ ޔަޤީންކަން ދެއްވާކަމަށް އިލްމުވެރިންގެ ގުޅުމުން ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައިވެއެވެ.