ދަރިންގެ ތަރުބިއްޔަތު ފެށޭ ދަރުސްގަހަކީ މައިންބަފައިންގެ އުނގު: ޚުތުބާ
ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ ވަރަށް ފަސޭހަ ކަމެކޭ ހީވެދާނެއެވެ. އެހެން ނަމަވެސް އެކަމުގައި ހުރި ގޮންޖެހުންތައް އެނގޭނީ މަޔަކަށް ނުވަތަ ބަފައަކަށް ވުމުންނެވެ.ދަރިންނަކީ އަޅުގަނޑުމެންނަށް الله ތަޢާލާ ދެއްވައިފައިވާ ވަރަށް އަގުބޮޑު ނިޢުމަތެކެވެ. އެ ނިޢުމަތަށް އަޅުގަނޑުމެން ރައްކާތެރިވާން ޖެހެއެވެ. މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވައިލައިފައިވާ މައުޟޫއުއަކީ "ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު" މިއެވެ.
ﷲ ތަޢާލާ، އެކަލާނގެ އަޅުތަކުންނަށް ދެއްވި، ގިނަ ނިޢުމަތްތަކުގެ ތެރެއިން އެއް ނިޢުމަތަކީ، ދަރިން ކަމަށާއި އެހެންކަމުން މި ބޮޑު ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުން، ﷲ ތަޢާލާއާއި އެކަލާނގެ ރަސޫލާ އަންގަވާފައިވާ ގޮތުގެ މަތިން، އެ ދަރިންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދައިދިނުމަށް ގަދައަޅައި މަސައްކަތް
ކުރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ، އެންމެ މަތިވެރި އެއް ވާޖިބު ކަމުގައި ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.
ދަރިން ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފުކަންމަތީގައިކަން އަންގަވަމުން، މާތް ނަބިއްޔާ ޞައްލަالله އަލައިހި ވަޞައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. މާނައަކީ: "ކޮންމެ ކުއްޖަކު ވެސް އުފަންވަނީ ފިޠުރަތުގެ ސާފު ގޮތުގައެވެ. ފަހެ، އޭނާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އޭނާގެ މައިންބަފައިންނެވެ."
ތަރުބިޔަތު ފެށޭ ދަރުސްގަހަކީ، މައިންބަފައިންގެ އުނގު ކަމަށާއި ދަރިންގެ ޢުމުރުގެ އެންމެ ކުރީކޮޅު، މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުން ނިހާޔަތަށް ބޭނުންވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ އަދި އެ ކުދިންނަށް އަމާޒުވެގެން އަންނަ ޝައިތާނީ ވަސްވާހާއި،އެސްފީނާ ފަދަ ކަންތައްތަކުން، އެކުދިން ސަލާމަތް ކުރުމަށް ޓަކައި ކެނޑިނޭޅި، ﷲއަށް ދުޢާ ދެންނެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ވެސް ޚުތުބާގައި ބުނެފައިވެއެވެ. އަދި ދަރިންނަށް ޓަކައި މައިން ބަފައިން ކުރާ ދުޢާއަކީ، އެކުދިންގެ އިޞްލާޙުގެ ތަޅުދަނޑި ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
“ދަރިން ތަރުބިޔަތު ކުރުމުގައި، މައިންބަފައިން އަދާކުރަންޖެހޭ އަނެއް ދައުރަކީ، ޢާއިލީ ގުޅުން ބަދަހިކުރުމުގެ ދައުރެވެ. މި ދައުރު ފުރިހަމައަށް އަދާކުރެވިއްޖެ ނަމަ، ޢާއިލާ ބާއްޖަވެރިވާނެއެވެ. މި ގުޅުން ބަދަހިވުން ބިނާ ވާނީ، މައިންބަފައިންނާއި ދަރިންނާ ދެމެދު ކުރެވޭ މުޢާމަލާތުގައި ހުންނަ ހަރުދަނާ ކަމެއްގެ މައްޗަށެވެ. އެހެންކަމުން، ތަރުބިޔަތުގެ މައިދާނުގައި، މަންމައާއި ބައްޕަގެ ޢަމަލާއި ބަސް އެއްގޮތްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެން ނުވެއްޖެ ނަމަ، އެތަނުން ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނަން ދަރިފުޅަށް އޮޅިދާނެއެވެ.”