ޚަބަރު

ޓީމް އެމްވައިއޭ ބަލިކޮށް ޓީމް މޮޖީޓޯ ފައިނަލަށް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދި އައިލެންޑް ސްޕޯޓްސް އެކަޑަމީއާއި ނ.މާފަރު ކައުންސިލާ ގުޅިގެން މާފަރުގައި ކުރިއަށް ގެންދާ އަޟްހާ ވޮލީ ކަޕް 2021ގައި ޓީމް އެމްވައިއޭއާއި ޓީމް މޮޖީޓޯ ބައްދަލު ކުރި މެޗު ޓީމް މޮޖީޓޯއިން ފަސޭހަކަމާ އެކު ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.

Ads by STELCO

މި މެޗުގައި ޓީމް މޮޖީޓޯގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އިއްޔެގެ މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ޖަރޒީ ނަންބަރު 10 ހުސައިން ރައްޒާން ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އެ ގޮތުން އޭނާ ވަނީ 12 ޕޮއިންޓް ޓީމް މޮޖީޓޯއަށް މިއަދު ހޯދައިދީފައެވެ.

މިއަދުގެ މެޗު ވެސް ޓީމް މޮޖީޓޯއިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު އެ ޓީމުން 25-8 އިން ކާމިޔާބު ކުރި އިރު ދެވަނަ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 25-15 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީމް މޮޖީޓޯގެ ޖާރޒީ ނަންބަރު 10 ހުސައިން ރައްޒާންއެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ “ދެން އޮންލައިން” އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ރެޑްވޭވެވެ. މީގެ އިތުރުން ސްޕޮންސަރުތަކަށް ބަލާއިރު މައި ސްޕޮޓް، އެވިއާ މޯލްޑިވްސް، ސިނާން ގްރޫޕް، ލުލީ މާރޓް، ކެފެނޭޓް ރޯޔަލް، ރިސްކް އެލްމިނިއަމް، ޓީލް ޗޮއިސް، ދޮން ގޮއްޔެ އަދި ހޯޕް ޓްރެވަލްސް ހިމެނެއެވެ. އަދި ނ.އަތޮޅު ކައުންސިލުން ވެސް ވަނީ މި މުބާރާތަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މުބާރާތުގެ ތިންވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ކޭންކޭން ސްޕޯޓްސް ކްލަބާއި ޓީމް އެމްވައިއޭއެވެ. އެ މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ފައިނަލުގައި ވާދަކުރަން ޖެހޭނީ ޓީމް މޮޖީޓޯއާއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އީދު ދުވަހުގެ ހަވީރު 4:00ގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!