ޚަބަރު

ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ ނަމުގައި އައު ޕަޓީއެއް، އަމާޒު ވެރިކަމަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ލީޑަރަކަށް ހުންނަވާ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ވަކިވެވަޑައިގެން ކުރީގެ ހޯމް މިނިސްޓަރު އަދި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން (އޭކޭ) އުފައްދަވަން މަސައްކަތް ކުރައްވާ "މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީގެ އަމާޒު ހުރީ ވެރިކަމަށް ކަމަށް އޭކޭ ވިދާޅުވެއްޖެއެވެެ.

Ads by Hajj Corporation

ސަންގުޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގަައި ވާހަކަދައްކަވަމުން އޭކޭ ވިދާޅުވީ މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީއަކީ ވަކި ބަޔަކަށް ތާއިދުކޮށް އުޅޭ ބަޔަކަށް ވުރެ ފިކުރަކަށް ބިނާ ކުރެވޭ ޕާޓީއެއް ކަމަށެވެ. އަދި އެ ޕާޓީއާ މީހުން ގުޅެންވީ ސަބަބަކީ އެ ޕާޓީގެ ފިކުރާއި ސިޔާސަތުތައް ކަމަށް ވެސް އޭކޭ ވިދާޅުވިއެވެ.

"ޝަހްސީގޮތުން ވަކި ބަޔަކަށް ތާއިދުކޮށްގެން އުޅޭ ބަޔަކަށް ވުރެ ބޮޑަށް ފިކުރެއް ވަށައި ބިނާ ކުރެވޭނެ ޕާޓީއަކަށް ހެދުމަށް. ދެން އޭގެ ތަފްސީލުތައް މިއަދު މި ޕްރޮގްރާމްގައި އަދި ހާމަކުރަން ތަންކޮޅެއް ދަތި. އަޅުގަނޑުމެންނަށް ހުއްދަ ލިބުނީމަ އެކި މަރްހަލާތަކުގައި އާއްމުކުރަމުން ގެންދާނަން. ދެން އަޅުގަނޑުމެންގެ ޕާޓީއަށް މީހުން ގުޅިވަޑައިގަންނަވަން ޖެހޭ ސަބަބަކަށް ދެންނެވޭނީ އަޅުގަނޑުމެންގެ ފިކުރު ދެއްތޯ. އަޅުގަނޑުމެންގެ ފިކުރާއި ސިޔާސަތުތައް. އެ ރަނގަޅުވީ ވަރަކަށް އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާ މީހުން ވެސް އިތުރުވާނެހެން." އޭކޭ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އޭނާ ވިދާޅުވީ އެޕާޓީއަށް މުހިންމީ މެމްބަރުންގެ އަދަދު ނޫންކަމަށާއި ޕާޓީއަށް ތާއީދު ކުރާ ރައްޔިތުންގެ އަދަދު ކަމަށެވެ. އަދި އިންތިހާބުތަކުގައި ރަައްޔިތުން ވޯޓްލަނީ އޭރަކު އިންތިހާބަށް ކުރިމަތި ލައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން އެ ވަގުތަކަށް އެންމެ ރަނގަޅު ބޭފުޅަކަށް ކަމަށާއި ޕާޓީއަށް ނޫން ކަމަށެވެ.

"ދެން އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންގެ އަދަދެއްނޫން އެންމެ މުހިންމީ ޕާޓީއަށް ތާއިދު ކުރާ ރައްޔިތުންގެ އަދަދު އިނގޭތޯ. އަބަދުވެސް އަޅުގަނޑަށް ވިސްނިފައި އޮތް ގޮތުން ނަމަ ޕާޓީއަކަށް ވެސް ނޫން ދިވެހި ރައްޔިތުން ވޯޓްލަނީކީ. ރައްޔިތުން ވޯޓްލަނީ އޭރަކު އިންތިހާބަށް ކުރިމަތި ލައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން އެވަގުތަކަށް އެންމެ ރަނގަޅު ބޭފުޅަކަށް ރައްޔިތުން ވޯޓް ދީފައި ހުރީ އަޅުގަނޑު ވިސްނައިލި ވިސްނާލުމުން. އެހެންވީމަ ރަނގަޅު ކެނޑިޑޭޓެއް ނެރެވިއްޖެ ނަމަ އަޅުގަނޑުމެންނަށް ވެސް އެފުރުސަތު އޮންނާނެ އިނގޭތޯ. އަޅުގަނޑުމެން އުއްމީދު ކުރަނީ ރަނގަޅު ކެނޑިޑޭޓެއް ނެރެން އިރާދަކުރެއްވިއްޔާ. އެހެންވީމަ އެ ފުރުސަތު އެއީ އެއްވެސް ޕާޓީއަކަށް ގެއްލިގެން ދާނެ އެއްޗެއް ނޫނޭ." އޭކޭ ވިދާޅުވިއެވެ.

"މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ (އެންއެސްޕީ)ގެ ނަމުގައި އުފައްދަވާ މި ޕާޓީއާ ގުޅޭގޮތުން މީގެ ކުރިން "ދެން" އަށް މައުލޫމާތު ދެއްވަމުން އޭކޭ ވިދާޅުވީ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބިވަޑައިގެންފި ނަމަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވުމަށް ކެނޑިޑޭޓަކު ނެރުއްވާނެ ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީ އުފައްދަން އޭކޭ އެ ފަހަރު އިލެކްޝަނަށް ލީ ފޯމު ބާތިލު ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!