މޮނީޓަރިންގެ ހާލަތުގައި އޮތް ކިނބިދޫގައި އީދު ކުޅިވަރު ބޭއްވި މައްސަލައެއް

ކޮވިޑް-19އަށް ފައްސި ވޭދަނައެއް ފެނި ، މޮނިޓަރިންގައި އޮތް ތ. ކިނބިދޫގައި އީދު ކުޅިވަރުތައް ބޭއްވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގައި އީދު ކުޅިވަރުތައް ނުބޭއްވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުރިން ވިދާޅުވެފައިވެއެވެ.
ނަމަވެސް ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސައިން އޮންލައިން ނޫސް "މިހާރު"އަށް ވިދާޅުވެފައި ވަނީ، އެ ރަށުގައި އީދު ކުޅިވަރުތައް ކުރިއަށް ގެންދަނީ ރަށުގެ ހާލަތާ ގުޅިގެން އެޗްޕީއޭއާ ވާހަކަ ދެއްކުމަށް ފަހު، އެޗްޕީއޭގެ ލަފާގެ މަތިން އެ އިދާރާއިން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.
މީގެ އިތުރުން ރަށުގައި އީދު ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް، މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްރަށުން އަމަލު ކުރުމަށް އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރަމުން ގެންދާ ކަމަށް ވެސް ކައުންސިލު ރައީސް ވިދާޅުވިއެވެ.