ޚަބަރު

އާނިސްގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައެއް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
އާނިސް؛ ފްލެޓް ލިބުނު ލިޔުމާއެކު

ޚާއްޞަ އެހީއަށް ބޭނުންވާ ވަރަށް ޚާއްޞަ ކުއްޖެއްކަމުގައިވާ އުމުރުން ހަތް އަހަރުގެ ޔޫސުފް އާނިސް ހާމިދުގެ ނަމާއި ފޮޓޯ ބޭނުން ކޮށްގެން މީހުން އަތުން އޮޅުވައިލައިގެން ފައިސާ ހޯދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by STELCO

މިކަން ކުރަމުން ދަނީ އާމިނަތު އަފޫ އަފޫގެ ނަމުގައި ފޭސްބުކްގައި ހަދައިފައިވާ އައިޑީއަކުންނެވެ. އެ އައިޑީން ކޮށްފައިވާ ޕޯސްޓެއްގައި އާނިސްގެ ފޮޓޯ ހިމަނައި، ބުނެފައި ވަނީ "އަޅުގަނޑުގެ ލޯބިވާ ދަރިފުޅަށް އެހީވެ ދެއްވާތޯ އާދޭސްކޮށް ސަލާން ޖަހަން" ކަމަށެވެ. އަދި ފައިސާ ޖަމާ ކުރަންވީ އެކައުންޓް ނަމްބަރު ވެސް އެ ޕޯސްޓްގައި ހިމަނައިފައި ވެއެވެ.

ފޭކް ޕޯސްޓް

މީހުންނަށް އޮޅުވައިލައިގެން ފައިސާ ހޯދުމަށް އޭނާ ވަނީ ވަރަށް ބޮޑެތި ދޮގުތައް ހަދައި އޮޅުވައިލައިފައެވެ. އެގޮތުން އެއީ އޭނާގެ ދަރިފުޅު ކަމަށާއި މިހާރު އޮތީ ފުވައްމުލަކު ހޮސްޕިޓަލްގައި ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ﷲއަށް ޓަކައި ނަމަވެސް އެހީވެދެއްވައިތޯ ސަލާން ޖަހާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

އާނިސްއަކީ އުފެދުމުގައި ވެސް އުނިކަންތައްތަކެއް ހުރި ކުއްޖެކެވެ. އެ ގޮތުން 7 އަހަރުވީއިރު އާނިސްގެ 11 އޮޕަރޭޝަނެއް މިހާތަނަށް ކޮށްފައި ވެއެވެ. އެހެން ކުދިންނާ ތަފާތުވުމުގެ ސަބަބުން އާނިސްއަށް ލިބެމުން ދިޔަ ހިތްދަތިކަމާއި އާނިސްގެ އާއިލާއިން އާނިސްއަށް ޓަކައި ވަމުންދާ ޤުރުބާނީތަކާއި އޭނާގެ ބޭސްފަރުވާގެ ވާހަކަތައް މީގެ ކުރީން "ދެން"އިން ވާނީ ގެނެސްދީފައެވެ.

އާނިސްގެ ނަމާއި ފޮޓޯ ބޭނުން ކޮށްގެން އޮޅުވައިލައިގެން މީހުން އަތުން ފައިސާ ހޯދަމުންދާތީ އާނިސްގެ އާއިލާއިން ވަނީ އެކަމުގެ ކަންބޮޑުވުންތައް "ދެން"އާ ހިއްސާ ކޮށްފައެވެ. ޚާއްޞަކޮށް މިހާތަނަށް ވެސް އާނިސްގެ ބޭސްފަރުވާގެ ކަންތައްތަކާއި އެހެން ގިނަ ކަންތައްތަކެއް ކުރެވިފައި ހުރީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމުގެ ސަބަބުން ކަމަށް ވާތީ މިފަދަ ކަންކަމަކީ ޙަޤީޤަތުގައި ވެސް އެހީ ބޭނުންވާ ފަރާތްތަކަށް އެ އެހީ ފޯރުމަށް އޮތް ހުރަހެއް ކަމަށް ވެދާނެކަމަށް އާނިސްގެ އާއިލާއިން ފާހަގަ ކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!