ލައިފްސްޓައިލް

10 އަހަރުން ދަށުގެ 37% ކުދިން ފޭސްބުކް ބޭނުން ކުރޭ: ދިރާސާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުމުރުން 10 އަހަރުން ދަށުގެ 37 އިންސައްތަ ކުޑަ ކުދިން ފޭސްބުކް ބޭނުން ކުރާ ކަމަށް ނޭޝަނަލް ކޮމިޝަން ފޮ ޕްރޮޓެކްޝަން އޮފް ޗައިލްޑް ރައިޓްސް (އެންސީޕީސީއާރް)އިން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

Ads by MWSC

ކުޑަކުދިންގެ ޙައްޤުތަކާ ބެހޭގޮތުންނާއި ޤަވާއިދާ ޚިލާފަށް އިންޓަނެޓް ބޭނުންކުރާ ފަރާތްތަށް ހޯދުމަށް ކޮށްފައިވާ އެ ދިރާސާއިން ބުނެފައި ވަނީ އުމުރުން 10 އަހަރުން ދަށުގެ 37.8% ކުޑަކުދިން ފޭސްބުކް ބޭނުންކުރާ ކަމަށާއި އެ އުމުރުފުރައިގެ 24.3% ކުޑަކުދިން އިންސްޓަގްރާމް ބޭނުން ކުރާކަން ހާމަވެފައިވާ ކަމަށެވެ.

އިންސްޓަގްރާމާއި ފޭސްބުކް ބޭނުން ކުރުމުގެ އެންމެ ކުޑަ އުމުރުފުރާއަކީ 13 އަހަރެވެ.

އެންސީޕީސީއާރްގެ ރިޕޯޓުގައި ބުނެފައިވަނީ މިއީ ކަނޑައެޅިގެން އެ ދެ މަންސަ (ފޭސްބުކްއާއި އިންސްޓަގްރާމް)ގެ ގަވާއިދުތަކާ ޚިލާފަށް ހުޅުވައިފައިވާ އެކައުންޓުތަކެއް ކަމަށެވެ.

"މީސް މީޑިއާގެ މަންސަތަކުގައި ބައެއް ފަހަރު އެ އުމުރުފުރާގެ ކުޑަ ކުދިންނާ ނުގުޅޭ ކޮންޓެންޓްސް ދައްކާނެ. މިއީ އެއްވެސް ވަރަކަށް އެކުދިންނަށް އެނގެން ވާނެ އެއްޗެއްސެއް ނޫން އަދި އޭގެން އެ ކުދިންނަށް ފައިދާއެއް ނުކުރާއިރު ދޭނީ ގެއްލުން. އެފަދަ ކޮންޓެންޓް ފެނުމުން ކުޑަ ކުދިންނަށް ނުބައި އުޅުމާއި ދަސްވާން ނުޖެހޭ ބަސްތައް ދަސްވުމުގެ އިތުރުން އޮންލައިންކޮށް ހަނގާ ކުރަން ވެސް ދަސްވާނެ" އެ ދިރާސާ ރިޕޯޓުގައި ބުނެފައިވެއެވެ.

އެންސީޕީސީއާރުން އިތުރަށް ބުނެފައިވަނީ ކުޑަ ކުދިން މޮބައިލް ފޯނާއި އިންޓަނެޓް ލިބޭ އެ ނޫން ވެސް ވަސީލަތްތައް ބޭނުން ކުރާ އިރު، ބެލެނިވެރިން ވަރަށް ބޮޑަށް ބަލަން ޖެހޭ ކަމަށާއި މިހާރަށް ވުރެ ބޮޑަށް ހަރުކަށި ޤަވާއިދުތައް ކަނޑައެޅުން ވެސް މުހިންމު ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!