ޚަބަރު

މިނިވަންކަން ދެމެހެއްޓުމަށް ބޭރުގެ ގައުމުތަކާ އެކު އޮންނަގުޅުން ދެމެހެއްޓުން މުހިންމު: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭރު ގައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ޓަކައި ވަރަށް މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބާގައި ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިޠާބުގައެވެ. އެގޮތުން ރައީސް ވަނީ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުވެ، ދުނިޔޭގެ ފެންވަރުގައި ބަސް ކިޔޭވަރުގެ ޤައުމަކަށް ރާއްޖެ ވެގެން ދިޔައީ، ރާއްޖޭގެ މިނިވަންކަން ފުރިހަމައަށް ޙިމާޔަތްކުރެވޭ ގޮތަށް، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ މިނިވަންކަމަށް ވެސް ޙުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން، ބައިނަލްއަޤުވާމީ ގުޅުންތައް ދަމަހައްޓަމުން އަންނާތީކަމުގައި ފާހަަގަކުރައްވައިފައެވެ.

ރައީސް ވާހަކަފުޅު ފައްޓަވަމުން ވަނީ ދިވެހިރާއްޖެ އިނގިރޭސީންގެ އިސްތިޢުމާރީ އަޅުވެތިކަމުން، މިނިވަންވިތާ 56 އަހަރު ފުރޭ، 57 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެންމެހާ ދިވެހި ރައްޔިތުންނަށް، އެމަނިކުފާނުގެ ހިތުގެ އިޚްލާޞްތެރި ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާހުރެ ޤައުމަށް ކުރިމަތިވެފައިވާ ޙާލަތަކީ ވެސް މުޅި ޤައުމުގެ އެއްބައިވަންތަކަމާއި ރައްޔިތުންގެ އެއްބާރުލުމަށް ބޭނުންވެފައިވާ ޙާލަތެއްކަން ފާހަގަ ކުރައްވައި، އަންނަ ޙަފްތާގެ ތެރޭގައި ސަރުކާރުން ފެށުމަށް ތައްޔާރުވަމުން އަންނަ ކޮވިޑް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލި އަޅުވާލެއްވިއެވެ.

އެގޮތުން، މި ޕްރޮގްރާމުގެ އަމާޒަކީ، ފުރަތަމަ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް މި ފެށޭ އޮގަސްޓްމަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުންކަމަށާއި، އެއަށް ފަހު މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ޖަހައި ނިންމުމަށް މަސައްކަތްކުރާނެކަމުގައި އެމަނިކުފާނު ފާހަަގަ ކުރެއްވިއެވެ.އަދި ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް، ރާއްޖެއަށް މިހާރު ވެކްސިން ގެނެސްފައިވާކަން ހާމަކުރައްވައި، މިފުރުޞަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެއްވުމަށް، ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮވިޑް-19އާ އެކު މިކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި، ވިސްނުން ދެން އަމާޒުކުރަންވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ޢާންމު ދިރިއުޅުމައިގެން ކުރިއަށް ގޮސް ޤައުމުގެ އިޤްތިޞާދަށް އިތުރު ދިރުމެއް ގެނައުމަށް ކަމަށެވެ.އަދި ސަރުކާރުން މަސައްކަތް ކުރަނީ، ކޮވިޑްގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމާއެކު މި ދަތި އުނދަގުލުގެ ތެރޭގައި ވެސް، ރައްޔިތުންގެ އަސާސީ ޙައްޤުތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!