ތޮއްޑޫ މޮނިޓަރިންގަ އޮންނަތާ 2 މަސް، މިވަގުތު އެއްވެސް ހަރަކާތްތެރި ވޭދަނައެއް ނެތް
އއ.ތޮއްޑޫގައި މި ވަގުތު ކޮވިޑް19ގެ އެއްވެސް ވޭދަނައެއް ނެތްކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
އެ ރަށުން ކޮވިޑް19ގެ ފައްސި ވޭދަނައެއް ފެނި މޮނިޓަރިންއަށް ލީތާ ދެ މަސް ވެއްޖެއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ތޮއްޑޫ ފައްސި ވޭދަނައެއް ނެތުމުން މިހާރު މަސައްކަތް ކުރަމުންދަނީ ރަށް މޮނިޓަރިންއިން ނެގުމަށް ކަމަށެވެ.
"ރަށް މޮނިޓަރިންއަށް ލީ މިދިޔަ މެއިމަހު 24ގައި. މިވަގުތު ރަށުގައި ނެތް އެއްވެސް އެކްޓިވްކޭސް އެއް. މޮނިޓަރިންއިން ނެގުމަށް ނަގަން ޖެހޭ ރެންޑަމް ސާމްޕަލްތައް މިހާރު ނަގަމުން މިދަނީ. އުއްމީދު ކުރަނީ ދެ ދުވަހެއް ތެރޭ މޮނިޓަރިންއިން ނެގޭނެކަމަށް" ކަރަމް ވިދާޅުވިއެވެ.
ކަރަމް ވިދާޅުވީ މޮނިޓަރިންގައި އޮތް ނަމަވެސް ރަށުގެ އާއްމު ހާލަތު ރަނގަޅުކަމަށެވެ. މިގޮތުން ތޮއްޑޫގައި ހައްދާ ތަރުކާރީއާއި މޭވާ ވެސް ވިއްކަން ފޮނުވުނު ކަމަށާއި މޮނިޓަރިންގައި އޮތް އިރު ވެސް ރަށަށް ގެސްޓުން ގެނެވޭތީ ހާލަތަށް މާބޮޑު ބަދަލެއް ނާންނަކަމަށް ކަރަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮވިޑަށް ފައްސިވުމުގެ ސަބަބުން ދަނޑަށް ނުދެވުމުގެ ޝަކުވާތަކެއް ހުރި ނަމަވެސް މާބޮޑެތި ޝަކުވާ ތަކެއް ނާންނަކަމަށެވެ.
ކޮވިޑް19 ގެ ވޭދަނަތައް ފެނި މީގެ ކުރިންވެސް އެރަށް ވަނީ މޮނިޓަރިންއަށް ލައިފައެވެ. އަދި އެރަށުން މިހާތަނަށް ޖުމްލަ 361 މީހަކަށް ކޮވިޑް ޖެހި ރަނގަޅުވެފައިވާކަމަށް ކަރަމް ވިދާޅުވިއެވެ.