އަޝްރަފް ސަރއަށް ޝުކުރުގެ ޖިޒީއެއް!
"އަޅުގަނޑު ބެލީ ބަހާ މުޖުތަމަޢު ރައްޓެހި ކުރެވޭތޯއެވެ. ދިވެހިބަހުގެ އަހުލުވެރީންނާއި ދިވެހިބަހާ ދެމެދު އޮތް ދުރުކަމާއި ފޭކަން ދުރުކޮށް ދިވެހިބަސް ދިވެހީންގެ ހިތާއި ހިތުގެ ވިންދާ ގާތް ކޮށްދެވޭތޯއެވެ. އަޅުގަނޑު ބެލީ ދިވެހިބަހާއި ދިވެހިތާރީޚާއި ދިވެހި އަދަބިއްޔާތަކީ ދިވެހީންގެ އަމިއްލަވަންތަ ތަރިކަ ކަމުގައި ހެދޭތޯއެވެ. އާދޭހެވެ! އަޅުގަނޑު ބެލީ އެކުވެރިކަމާއި ލޯތްބާއި ކުލުނާއި އޯގާވެރިކަމުގެ އަތަކުން ބަހާއި އަދަބާއި ތާރީޚުގައި ފިރުމައިދެވޭތޯއެވެ."
މިއީ ، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ، އެ އެކެޑަމީގައި ދަހަރެއް ހޭދަ ކުރެއްވުމަށް ފަހު އިއްޔެ އޮފީހުން ނިކުމެވަޑައިގަތް ފަހުން އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔަ އިޙްޞާޞްތައް އާންމުންނާ ޙިއްޞާ ކުރައްވަމުން ވިދާޅުވި ބަސްފުޅުތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ.
ދިވެހިބަހުގެ އެކެޑަމީގެ އޮފީހަށް އަޝްރަފް ޢަލީ ވެދެވަޑައިގެން މުހިންމު އަދި ތާރީޚީ މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވައިފައެެވެ. ބަސް ފަންނިއްޔާތަށް އަހުލުވެރިކުރުމާއި އައު ބަސް އުފެއްދެވުމާއި އޮންލައިން ބަސް ފޮތްތައް އުފެއްދެވުމާއި ދިވެހިބަހުގެ މުއްސަނދިކަން ވިއްކެވުމަށް އެތައް މަސައްކަތްތަކެއް ކުރެއްވިއެވެ. މީގެ އިތުރުން ބަހާއި އަދަބާއި ތާރީޚުގެ ދާއިރާއިން ޢިލްމީ ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ބަހާއި އަދަބުގެ ދާއިރާތަކަށް ދިރުން ގެންނެވުމަށް ޒަމާންތަކަށް ދެމިގެންދާނޭ މަސައްކަތްތަކެއް ކުރެއްވިއެވެ. އެ މަސައްކަތުގެ ތަފްޞީލް ޙިއްސާކޮށް މި ލިޔުން ދިގު ކުރާކަށް ނެތީމެވެ.
އެއް ދަހަރުގެ އަގު ހުރި ، އޮފު ހުރި މަސައްކަތްތަކާ ގުޅުއްވައިގެން އަޝްރަފް ލިޔުއްވިއެވެ.
"ފާއިތުވީ 10 އަހަރުގައި ބަސް ފަންނިއްޔާތަށް އޮޅުކޮށް ރައްޓެހިކުރާން ކުރެވުނު މަސައްކަތުގެ ނަތީޖާ އޮންލައިން އެކި މަންސަތަކުން ފެންނާތީ އަޅުގަނޑު ހިތްހަމަ ޖެހެއެވެ. އޮންލައިން ބަސްފޮތްތަކާއި އެޕުތަކާއި ''ފައްވާރާއި'' ''ބަސްދާރާއި'' އީ ފޮތްތައް ހިސާބަކަށް ނަމަވެސް އާންމު ކުރެވި ފެންނާން ހުރީތީ އުފާވެއެވެ."
ތެދެކެވެ. އަޝްރަފް ޢަލީ ވަނީ ދިވެހި ލިޔުންތެރިންގެ ޤާބިލްކަމާއި ފަންނުވެރިކަން ކުރިއަރުވަން ވެސް އެތަކެއް މަސައްކަތެއް ކުރައްވައިފައެވެ. "ދެން"ގެ ދޮޅު އަހަރުވީ ކުރު ޙަޔާތުގައި އޭނާއަކީ މަދަދުޤާރެކެވެ. ނަޞޭޙަތްތެރިވި ވާޢިޒެކެވެ. އިރުޝާދު ދެއްވެވި މުރުޝިދެކެވެ. އުނގައްނަވައި ދެއްވި މުދައްރިސެކެވެ.
އަޝްރަފް ޢަލީގެ އިސްވާރުކަމުގެ ދަށުގައި ދިވެހިބަހުގެ އެކެޑަމީއިން ވަނީ "ދެން"އަށް ތަމްރީން ޕްރޮގްރާމެއް ހިންގަވައި ދެއްވައިފައެވެ. މީގެ އިތުރުން ނޫހުގެ ލިޔުންތައް ކިޔުއްވައި އިރުޝާދު ދެއްވަމުން ގެންދެވިއެވެ. ކުށް މަދުކޮށް ، ކުށް ފިލުވުމަށް ބާރު އެޅުއްވިއެވެ. އިރުޝާދު ދެއްވުމާ އެކު ކަންކަން ބަލައިގަތުމަކީ އޭނާގެ ތަނަވަސް ސިފައަކަށް ވިއެވެ.
އަޝްރަފް ޢަލީގެ ދެވަނަ ގެ ކަމުގައި ވި ދިވެހިބަހުގެ އެކެޑަމީއިން އޭނާ ނިކުންނެވީ އަސަރާއެކީގައެވެ. ޒިންމާ އަދާ ކުރެއްވުނު ކަމުގެ ހިތްހަމަ ޖެހުމާއި ވަކިވާން ޖެހުމުގެ ހިތްދަތިކަމުގެ މަސްހުނި ޝުޢޫރުތަކާ އެކީގައެވެ. ރައިވަރު ހެއްދެވުމައި ވެސް ކުޅަދާނަ އަޝްރަފް ، އެކަން ހާމަ ކުރައްވައި ރައިވަރުގެ ބަސްކޮޅެއް ހިއްސާ ކުރެއްވިއެވެ.
"އެ ދަތުރު ވިޔަސްމެ ދަތިން ވެ ބަރު
ނުވެޔޭ އުދާހެއް ހިތްވެ ބަރު"
ދަހަރެއްގެ ދަތުރު ބުރަވެ ދަތި ވިޔަސް އަޝްރަފްގެ ހިތް ބަރުވެ އުދާހެއް ނެތެވެ. އެހެން ނުވާންވީ ވެސް ކީއްވެތޯއެވެ.
ތެދު ހިތުން ކުރުމުން ފިކުރު
ފަނޑުވެގެން ނުދަނީ ޒިކުރު
ވެދުމަކަށް ވާހެން މިތުރު
ޚިދުމަތަށް އޮހެނީ ޝުކުރު