ވެކްސިން ޖެހޭނެ 40،000 އެއްހައި ދަރިވަރުން އެބަތިބި: އެޑިއުކޭޝަން

ގާތްގަނޑަކަށް 40،000 ދަރިވަރުންނަކީ ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހޭނެ ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ކޮވިޑް-19އިން ރައްކާތެރި ކުރުމަށް ސްކޫލްތަކުގައި މިއަދު ވަނީ އުމުރުން 12-17ގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފައެވެ.
އެކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ރޭ ބައިވެރިވެ ވަޑައިގެން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ، ސްކޫލު ކުދިން ވެކްސިން ޖަހަން ދާން ޖެހޭ މަރުކަޒުތަކާއި ގަޑިތައް ބެލެނިވެރިންނަށް އަންގާނެ ކަމަށާއި އެ މިނިސްޓްރީގެ އަމާޒަކީ މި މަހުގެ ނިޔަލަށް ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ކަމަށެވެ.
"މިހާރު އެ ސްކޫލެއްގައި ކިޔަވަމުންދާ ދަރިވަރުންނަށް ވެކްސިން ދީ ނިމުމުން، ގްރޭޑް 10 ނިންމި ދަރިވަރުންނަށް ވެކްސިން ޖެހުމުގެ ކަންކަން ވެސް ކުރިއަށް ދާނެ،" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
މި ޕްރޮގްރާމާ ބެހޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުޖާހިދު ވިދާޅުވީ، ސްކޫލުތަކުގެ ވަކި އުމުރުފުރައެއްގެ ކުދިންނަށް ކޮވިޑް ވެކްސިން ޕްރޮގްރާމް ފެށުމުގެ ގޮތުން ސްކޫލްތަކަށް ބޭނުންވާ ވެކްސިން މިހާރު ވަނީ ފޮނުވައިފައި ކަމަށެވެ.
މީގެ އިތުރުން ދަރިވަރުން ވެކްސިން ޖަހަން ކިއުއަކަށް އަރާކަށް ނުޖެހޭނެ ކަމަށާއި ވެކްސިން ޖަހާނީ އެ ދަރިވަރަކަށް ދީފައި އޮތް ވަގުތުގައި ކަމަށް މުޖާހިދު ވިދާޅުވިއެވެ. އެގޮތުން 30 މިނެޓު ތެރޭގައި 100 ވަރަކަށް ދަރިވަރުންނަށް ވެކްސިން ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.