ޚަބަރު

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އޭސީސީން ދައުވާ ކުރަން ފޮނުވީ އެންމެ ތިން މައްސަލަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އޭސީސީ ރައީސް މަރިޔަމް ޝިއުނާ/ ދެން އިމޭޖްސް

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވީ އެންމެ ތިން މައްސަލަ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by MWSC

އެ ކޮމިޝަނުން އިއްޔެ އާންމުކުރި 2020ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އަހަރު އެ ކޮމިޝަނުގައި 968 މައްސަލައެއް ރަޖިސްޓްރީ ކުރިއެވެ. އެ މައްސަލަތަކާއި އޭގެ ކުރިން ހުށަހަޅާފައިވާ މައްސަލަތަކާ އެކު ޖުމްލަ 961 މައްސަލައެއް ވަނީ ބަލައި ނިންމައިފައެވެ. ނަމަވެސް ދައުވާ ކުރަން ފޮނުވީ އޭގެ ތެރެއިން 15 މައްސަލައެވެ.

އޭސީސީން ބެލި މައްސަލަތަކުގެ ތެރޭގައި މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވި މައްސަލަތަކުގެ ތެރެއިން، ފުރަތަމަ މައްސަލައަކީ "ގެދޮރުވެރިކުރުވުން" ޕްރޮގްރާމުގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ހައްގު ނޫން ފަރާތްތަކަކަށް ދީފައިވާ ކަމަށް ބުނާ މައްސަލައެވެ.

އެއަށް ފަހު އޭސީސީން ދައުވާ ކުރަން ފޮނުވައިފައި ވަނީ ވެމްކޯއަށް ހެވީ ވެހިކަލްތަކެއް ހޯދުމަށް ކޮށްފައިވާ އިއުލާނެއްގައި ވެހިކަލްތައް ހަތް ދުވަހުގެ ތެރޭގައި ޑެލިވަރީކުރަން ޖެހޭނެ ކަމަށް ބަޔާންކުރި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި އޭސީސީން ބުނެފައި ވަނީ، ހަތް ދުވަސް ދިނީ ވަކި ފަރާތަކުން އޭރު ވެހިކަލްތައް އެތެރެކޮށްފައި ވާތީ ވަކި ބަޔަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށެވެ.

އެ ކޮމިޝަނުން އެ މައްސަލައިގެ އިތުރުން ދައުވާ ކުރަން ފޮނުވައިފައި ވަނީ އެސްޓީއޯއަށް 2016 ވަނަ އަހަރު ގެނައި އެޓޮކޯ ބޭހުގެ ބެޗުގެ ބޮޑު ބައެއް ނުވިކި 2018 ވަނަ އަހަރު މުއްދަތުހަމަވި އިރު، އެ ބޭހަށް ޑިމާންޑު ނެތީސް އިތުރު ބެޗެއް އޯޑަރު ކުރި މައްސަލައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!