ރިޕޯޓް

ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ނުލިބި އ.ދ އޮމަދޫގެ ބިމުން ބޮޑު ބައެއް ގެއްލިފައި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އދ. އޮަމަދޫ ގިރާ ސަރަހައްދު/ ފޮޓޯ އޮމަދޫ ކައުންސިލް

އދ. އޮމަދުއަކީ ވެސް ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން އަބަދުވެސް އެކިފަހަރު އެކި ޞަރަޙައްދުތަކުން ގިރަމުން ދިޔަ ރަށެކެވެ. އަދި ރަށް ހެދެމުން ވެސް ދަނީ އެކިފަހަރު އެކި ދިމާއިންނެވެ. އެގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރަށުގެ އިރުމަތީކޮޅުން ވަނީ ގާތްގަނޑަކަށް 200 ވަރަކަށް ފޫޓު ގިރައިލައިގެން ގޮސްފައެވެ. އަދި ހުޅަނގު ކޮޅުން ވެސް ވަރަށް ބޮޑުތަން ގިރައިލައިގެން ދިޔަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ހުޅަނގު ކޮޅު ތުނޑިއަކީ އެކި މޫސުންތަކަށް ހެދެމުން އަދި ގިރަމުން ގޮސްފައިވާ ތަނެކެވެ.

Ads by MWSC

1999ގައި އދ. އޮމަދޫ ރަސްމީ ބަނދަރު ހެދި ހިސާބުން ރަށުގެ ހުޅަނގު އުތުރު ފަރާތުން ގިރަމުން ގޮސްފައި ވަނީ އާދަޔާ ޚިލާފަށެވެ. މިކަން ކޮންޓްރޯލް ކުރުމަށް ޓަކައި އެކި ދުވަސްވަރު ރައްޔިތުން ވަނީ ތަފާތު އެތައް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ބަނދަރުގެ ހުޅަނގު ނެރުގެ އަތްދަށު ފައިކަށި މަރާމާތުކޮށް ކޮންކްރިޓް ބްލޮކް އެޅިއެވެ. ނަމަވެސް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އަދި ޖަމްބޯ ގޯނި ބަހައްޓައިގެން އެއަށް ވެލި އަޅައިގެން ވެސް އެ ޞަރަޙައްދު ޙިމާޔަތް ކުރެވޭތޯ މަސައްކަތް ކުރިއެވެ. މިއިން އެއްވެސް ކަމެއް ކާމިޔާބެއް ނުވިއެވެ. 1999އިން ފެށިގެން މެދުނުކެނޑި އެ ރަށް ދަނީ ގިރަމުންނެވެ.

ރަށް ގިރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް

އދ. އޮމަދޫ ހުޅަނގު އުތުރު ފަރާތުން ގިރުމުގެ ސަބަބުން ދަނީ އަގު ނުކުރެވޭވަރުގެ ގެއްލުންތައް ލިބެމުންނެވެ. އެގޮތުން އެ ޞަރަޙައްދުން އެތައް ސަތޭކަ ރުކެއް ވަނީ ނެތި ގޮސްފައެވެ. އަދި އެތައް ބައިވަރު ގަސްތަކެއް ވަނީ ނެތި ގޮސްފައެވެ. ނެތިގޮސްފައިވާ ގަސްތަކުގެ ތެރޭގައި ފުނަ، ކާނި، ދިއްގާ، މިދިލި އަދި ކަނދުގަސް ފަދަ އެތައް ގަހެއް ހިމެނެއެވެ. މީގެ 20 އަހަރު ކުރިން ދީފައިވާ ގޯތިތަކާއި ގޮނޑުދޮށާއި ދެމެދު 500 ވަރަކަށް ފޫޓު ހުރި ނަމަވެސް މިހާރު ވަނީ އެގޯތިތަކާއި ގޮނޑުދޮށާ ދެމެދު 30 އެއްހައި ފޫޓަށް ކުޑަވެފައެވެ. މީގެ ސަބަބުން އެ ގޯތިތަކަށް ސީދާ ލޮނުގެ އަސަރުކުރަމުން ދެއެވެ.

އޮމަދުއަކީ ޓުއަރިޒަމަށް ފައްކާވަމުން އަންނަ ރަށެއް ކަމަށްވުމާއި އަދި ފަތުރުވެރިންނަށް އެންމެ މަޤުބޫލު އެއް ވަޞީލަތް ކަމުގައިވާ ދޮންވެލި ގޮނޑުދޮށް ގެއްލުން މިއީ ރަށުގެ އިޤުތިޞާދަށް ނުހަނު ގެއްލުން ވަމުންދާ ކަމެކެވެ. ރަށުގެ އެތައް ސަތޭކަ ރުކެއް ގެއްލިގެން ދިއުން އެއީ ރަށުގެ އަންހެނުން ކުރަމުންގެންދާ މަސައްކަތް ކަމުގައިވާ ފަންގި ވިނުމަށް ލިބުނު ބޮޑު ހީނަރުކަމެކެވެ. މީގެ ސަބަބުން ވެސް ރަށުގެ އިޤުތިޞާދަށް ގެއްލުން ލިބެމުން ދެއެވެ. މިރަށުގެ ލޭނާރު ކަމުގައިވާ މަސްވެރިކަން ކުރާފަރާތްތަކުން އެންމެ ބޮޑަށް އުއްމީދު ކުރަމުންދާ އެއް މަސައްކަތް ކަމުގައިވާ ސްލިޕްވޭ އެޅުން އަދި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތަށް ބިމުގެ ދަތިކަން ވަނީ އިންތިހާއަށް ކުރިމަތި ވެފައެވެ. މިކަން ކުރިމަތިވީ ރަށުގެ ބޮޑުބައެއް ގިރައިލައިގެން ދިއުމުގެ ސަބަބުން ނެވެ.

އދ. އޮަމަދޫ ގިރާ ސަރަހައްދު/ ފޮޓޯ އޮމަދޫ ކައުންސިލް

ގިރާ ޞަރަޙައްދު ހިމާޔަތް ކުރުމަށް ސަރުކާރާ ގުޅިގެން ކުރެވުނު މަސައްކަތްތައް

އދ. އޮމަދޫގެ ގިރާ ޞަރަޙައްދު ޙިމާޔަތް ކުރުމަށްޓަކައި 2000 ވަނަ އަހަރުން ފެށިގެންވެސް ދަނީ ސަރުކާރާއި މަޝްވަރާތައް ކުރެވެމުން އަދި މި ޞަރަޙައްދު ޙިމާޔަތް ކޮށްދެއްވުން އެދި އާދޭސް ކުރަމުންކަމަށް ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.  އެގޮތުން 2010 ވަނަ އަހަރުންފެށިގެން މިހާތަނަށް ގާތްގަނޑަކަށް ތިރީހަކަށް ސިޓީ ފޮނުވައިފައިވާނެކަމަށާއި މިނިސްޓްރީ އޮފް އެންވަރމެންޓް ގައި ތިއްބެވި އެކި ވަޒީރުންނާއި ވެރިންނާއިއެކު ދިހަވަރަކަށް ބައްދަލުވުމަށްވުރެ ގިނަ ބައްދަލުވުން ބޭއްވިފައި ވާނެކަމަށް ރަށު ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވިއެވެ. މީގެ އިތުރުން އެކިއެކި ވަޒީރުން އދ. އޮމަދުއަށް ވަޑައިގެންނެވުމުން އެ ޞަރަޙައްދު ދައްކައިގެން ވެސް ޙައްލު ހޯދޭތޯ އާދޭސް ދަންނަވަމުން އަންނަކަމަށްވެސް އާދިލް ވިދާޅުވިއެވެ.

"މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އައިސްފައިވާ ކުރިއެރުމަކީ އެ ޞަރަޙައްދު ސާރވޭ ކޮށް ނިންމުން. އަދި މިހާރު ވަނީ ސާވޭކޮށް އޭގެ ރިޕޯޓް ތަކާއި އެކު ޕްލޭނިންގް މިނިސްޓްރީ އަށް ފޮނުވާފަ. އެކަމަކު އޭގެ ފަހުން ކުރި މަސައްކަތްތަކަށް އެދެވޭ ޖަވާބެއް ލިބިފައެއް ނުވޭ. ފޯނުގުޅައިގެން ކުރެވުނު މުޢާމަލާތްތަކުން އެކަން ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެވެމުން ދާކަމަށް ވިދާޅުވުން ފިޔަވައި އިތުރު އެއްވެސް ކުރިއެރުމަށް ލިބިފައެއް ނުވޭ. މިކަމާއި ގުޅިގެން ފޮނުވި އެއްވެސް ސިޓީއަކަށް ޖަވާބެއްވެސް ލިބިފައެއް ނުވޭ. ދެން  ޕްލޭނިންގް މިނިސްޓަރާއި ގުޅަން ކުރިމަސައްކަތް ވަނީ ނާކާމިޔާބުވެފަ" އާދިލް ވިދާޅުވިއެވެ.

މި ޞަރަޙައްދު ޙިމާޔަތް ނުކުރެވިއްޖެ ނަމަ ލިބިދާނެ ގެއްލުންތައް

މިހާރު ވެސް މިވަނީ މި ޞަރަޙައްދުން ގާތްގަނޑަކަށް 1000 ފޫޓުގެ ދިގުމިނުގައި 500 ވަރަކަށް ފޫޓު ގިރައިގެން ގޮސްފައެވެ. ކޮންމެ އަހަރެއްގެ މައްޗަށް މިހާރު ވެސް މިދަނީ މުޅި ޞަރަޙައްދުގެ ދިގުމިނުގައި 20 ފޫޓާއި 30 ފޫޓާ ދެމެދުގެ ޢަދަދަކަށް ގިރަމުންނެވެ. އެގޮތުން 2021 ނިމޭއިރު އެ ޞަރަޙައްދާ އެންމެ ކައިރީގައިވާ ގޯތީގެ އިންފާރާ ހަމައަށް ގިރާނެކަމަށް ލަފާކުރެވެއެވެ. އަދި އޭގެ ސަބަބުން އެ ގޯތީގެ ވެރިފަރާތަށް ޢަދަދު ނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން މިހާރު އެ ޞަރަޙައްދުގައި ހުރި ފަންސާހަކަށް ފުނަގަސް (ބޮޑެތިގަސް) އެއްކޮށް ނެތިގެން ދާނެއެވެ. އަދި 200 ވަރަކަށް ރުއް ވެއްޓި ރަށުގެ މައިމަގުގެ ބޮޑުބައެއް ގެއްލިގެން ދާނެއެވެ.

މިހައި ހިސާބަށް ދިއުމުން އެ ޞަރަޙައްދު ޙިމާޔަތް ކުރުމަށް ޓަކައި މިހާރު ކޮށްފައިވާ ޕްލޭނަށް އިތުރު އެތައް ބަދަލުތަކެއް އަންނާނެކަމަށް ލަފާކުރެވެއެވެ. އަދި މިމަސައްކަތަށް މިހާރު ޚަރަދުކުރަން ޖެހޭ ޢަދަދުގެ އެތައް ގުނައެއް އިތުރުވެގެން ހިނގައިދާނެއެވެ.

އދ. އޮަމަދޫ ގިރާ ސަރަހައްދު/ ފޮޓޯ އޮމަދޫ ކައުންސިލް

މެމްބަރުން ގޮނޑިއަށް އައުމަށް ޓަކައި އޮމަދޫ ރައްޔިތުންނަށް ކުރާ އެންމެ ބޮޑު ވައުދު

ވޭތުވެދިޔަ މާޒީގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ކޮންމެ މެމްބަރެއްގެ ވެސް ގޮނޑިއަށް އައުމަށް އޮމަދޫ ރައްޔިތުންނަށް ވާ އެންމެ ބޮޑު ވައުދަކީ، ވޭތުވެދިޔަ ތާންގާއި އެއްވެސް މެމްބަރެއް މިކަމާ މަސައްކަތް ކޮށްފައި ނުވިކަމުގައި ވިޔަސް އެ ބޭފުޅެއްގެ މެމްބަރުކަމުގައި އެންމެ އިސްކަމެއް ދީގެން އދ. އޮމަދޫގެ ގިރާ ޞަރަޙައްދު ޙިމާޔަތް ކުރާނެ ކަމުގެ ވައުދެވެ. އެހެން ނަމަވެސް ސަރުކާރުން ނުކޮށްފިއްޔާ އަމިއްލައަށް ނަމަވެސް ކުރާނެކަމަށް ބުނެ ހޮވުމަށް ފަހު ވަނީ ރުކަށްއެރިބޭގެ ނަދުރާއި މެމްބަރުގެ ވައުދާ ތަފާތެއް ނުހުރެއެވެ. އެގޮތުން އެރަށުގެ ރައްޔިތުން ފާހަގަކުރާ އެއް މެމްބަރަކީ ވޭތުވިދިޔަ ދައުރުގައި ދަނގެތީ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި އިލްހާމް އަޙުމަދެވެ. ހޮވުމަށް ފަހު އެއްވެސް ކަމެއް މަޖިލީހަށް ނުގެންދިޔަ ތާންގައި މެމްބަރާއި ފޯނުން ވެސް ބައްދަލު ނުވި ވާހަކައަކީ އޮމަދޫގެ ހުރިހާ ރައްޔިތުން ވެސް ދައްކާ ވާހަކައެކެވެ.

މީގެ އިތުރުން ދަނގެތީ ދާއިރާގެ މިހާރުގެ މެމްބަރު ކަމުގައިވާ ކާނަލް މުހައްމަދު ނާޒިމް ވެސް މިހައިތަނަށް އޮމަދޫގެ ރަށް ގިރުމުގެ މައްސަލައިގައި މަޖިލީހުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމީ އެރަށު ރައްޔިތުން ހިތާމައާ އެކު ފާހަގަ ކުރާކަމެކެވެ.

އޮމަދޫ ރައްޔިތުން ހިތާމައާ އެކު ފާހަގަ ކުރާ ގޮތުގައި މިހައިތަނަށް އައިއިރު އަދި އެއްވެސް ދާއިރާއަކުން ރަށަށް ކުރިއެރުމެއް އައިސްފައި ނުވި ނަމަވެސް އުއްމީދަކީ ދާއިރާގެ މެމްބަރު ދާއިރާމަތިން ހަނދާން ނައްތަވައިލައްވައި އަމިއްލަ މަސްލަހަތު އިސްކުރައްވާ ޕާޓީ ހައްދަވައިގެން ޕާޓީ ޕްރޮމޯޓް ކުރާއިރު އެ ރަށަށް ކަންތައްތަކެއް ކޮށްދެއްވުމެވެ.

Ads by HDC
  1. ސަލީމް

    އއ އަތޮޅުވެރިވެގަނެގެން އުޅޭ މަހުޖަނުކޮބާތޯ . ..