Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ރިޕޯޓް

11 މަހުގެ ކުއްޖާގެ މަރު: މަންމައަށް ނިދި ޖެހިލި ވަގުތު ގެއްލުނީ "ދެލޮލުގެ ނޫރު"

11 މަހުގެ ކުއްޖާގެ މަރު: މަންމައަށް ނިދި ޖެހިލި ވަގުތު ގެއްލުނީ "ދެލޮލުގެ ނޫރު"

މިއަދުގެ އިރު އޮއްސިގެން އައީ އދ. އޮމަދޫގައި މަސްފެންގަނޑަކަށް ވެއްޓި ނިޔާވި އުމުރުން އެންމެ 11 މަހުގެ ތުއްތު ކުއްޖެއްގެ އަސަރުން ފުރިގެންވީ މަރުގެ ޚަބަރާއެކީގައެވެ.

މިކުއްޖާގެ މަރުގެ ޚަބަރާ އެކު މުޅި އޮމަދޫ ހަމަހިމޭންވެފައިވާއިރު ކުއްޖާގެ އާއިލާއަށް ވަނީ ކުއްލި ޝޮކެއް ލިބިފައެވެ. ކުއްޖާގެ މަންމަގެ ހާލު ގޯސްވެ ސިއްހީ މަރުކަޒުން ފަރުވާ ދިންކަމަށް ވެސް "ދެން"އަށް ވަނީ މައުލޫމާތުލިބިފައެވެ.

މިއަދު އޮމަދޫގައި ނިޔާވި ތުއްތު ތުއްތު ޝުއައިބު ބިން ސަމީހްއަކީ ދެމަފިރިންގެ ތިބި ދެކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. ދޮށީ ދަރިފުޅަކީ 3 އަހަރުގެ ކުއްޖެއެވެ. ނަން ހާމަ ނުކުރުމަށް އެދި "ދެން"އަށް މައުލޫމާތު ދެމުން އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހަވީރު ގާތްގަނޑަކަށް 3:30 ވެސް ވީފަހުން ކުއްޖާ މަސްފެންގަނޑުގެ ތެރެއަށް ވެއްޓިފައި އޮއްވައި ފެނުނީ ކުއްޖާގެ ދޮންބެއަށް ކަމަށެވެ.

Advertisement
HDC — Sidebar (box)

"ދެކުދިން ނިންދަވަން އޮއްވާ މަންމައަށް ނިދި ޖެހުނުކަމަށް ބުނަނީ. ދޮރު ނުލެއްޕި ހުރީމަ ކުޑަމީހާ ހޭލައިގެން ނުކުތީ ކަމަށް ބޮޑަށް ބެލެވެނީ. ފެންގަނޑު ތެރޭގަ ކުއްޖާ އޮއްވާ ކުއްޖާގެ ދޮންބެ އަސުރު ނަމާދު ގާތްވީމަ ފިހާރަ ބަންދުކޮށްފަ ގެޔަށް ވަންނަން ދިޔަ ވަގުތު ފެނުނީ ކުއްޖާ ފެންގަނޑުތެރޭގަ އޮއްވާ" އެމީހާ ބުންޏެވެ.

އެމީހާ ބުނި ގޮތުގައި ކުއްޖާގެ ދޮންބެ ގޮސް ކުއްޖާ ފެންގަނޑުން ނެގި އިރު އަނގަޔާއި ނޭފަތުން ފޮނު އައިސްފައި ހުއްޓެވެ. އަދި އޭރު އެކުއްޖާ ނޭވާ ވެސް ނުލައެވެ. ވަގުތުން ކުއްޖާ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށިކަމަށާއި އެހެން ނަމަވެސް 2 ގަޑި އިރުވަންދެން ޑޮކްޓަރު ކުރި މަސައްކަތް ކާމިޔާބު ނުވެ ، ކުއްޖާ މަރުކަޒަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ނިންމާފައިވާއިރު އާއިލާގެ އެންމެން ވެސް ތިިބީ ކުއްޖާގެ މަރާ އެކު ލިބުނު ޝޮކުގައި ގަބުވެފައެވެ.

ކުއްޖާގެ މަރާ ބެހޭ ގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން އދ. އޮމަދޫ ސިއްހީ މަރުކަޒުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރ އަހުމަދު ނަޝީދު ވިދާޅުވީ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައީ މިއަދު ހަވީރު 3:35 ހާއިރު ކަމަށާއި މަރުކަޒަށް ގެންދިޔައިރު ވެސް ދިރިހުރިކަމުގެ އެއްވެސް ނިޝާނެއް ކުއްޖާގެ ކިބައިގައި ނެތްކަމަށެވެ.

"ކުއްޖާ މަރުކަޒަށް ގެނައިއިރު ވެސް ދިރުމެއް ނެތް. ވިންދެއް ވެސް ނެތް. އެހެން ނަމަވެސް ހަމަ ސީޕީއާރު ދީ ފަސްޓްއެއިޑް ވެސް ދިނިން ހަމަ ޗާންސްއަކަށް ބަލައިގެން. ޑޮކްޓަރ ވަރަށް މަސައްކަތް ކުރި ވިންދު ލިބޭތޯ ވެސް އެހެން ނަމަވެސް ނާކާމިޔާބުވީ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކުއްޖާ ސަލާމަތް ކުރެވޭތޯ ކުރި މަސައްކަތް ނާކާމިޔާބުވެ ކުއްޖާގެ މަރު ސާބިތުކޮށްފައި ވަނީ މިއަދުގެ ހަވީރު 5:25ގައި ކަމަށެވެ. ކުއްޖާ، ނިޔާވީ އިޙްމާލަކުންތޯ ބެލުމަށް އެރަށަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ޓީމެއް މިހާރު ވަނީ ގޮސްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް