ރައްޔިތުންގެ މަޖިލިސް

މި ސަރުކާރުން ލޯނު ނެގުމުން ދޭހަކޮށްދެނީ، ލޯނު ދެއްކުމަށް މި ސަރުކާރު ޤާބިލުކަން: ޔައުޤޫބް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މި ސަރުކާރުން ލޯނު ނަގައިގެން ބައެއް މަޝްރޫއުތައް ހިންގަވަމުންދާތީ، ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ރައްދު ދެއްވައިފިއެވެ.

Ads by Hajj Corporation

ރައީސް ޔާމީންގެ ވެރިކަމުވައި އިކޮނިމިކް މިނިސްޓަރުކަން ކުރެއްވި، މާވަށު ދާއިރާގެ މެންބަރު އަޙްމަދު ސައީދު، ސަރުކާރުން ލޯނު ނަގަމުންދާތީ ފާޑު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުން މެންބަރު ޔައުޤޫބު ވިދާޅުވީ، މި ސަރުކާރުން ބޮޑެތި އަދަދުތަކުން ލޯނު ނަގަމުންދަނީ، އެ ލޯނު އަނބުރާ ދެއްކުމުގެ ގާބިލުކަން ހުރުމުން ކަމަށެވެ. އަދި އިޤްތިޞާދީ މިނިސްޓަރުކަން ކުރެއްވި ބޭފުޅަކު އިޤްތިޞާދާ ބެހޭ ގޮތުން ދެކޮޅު ނުޖެހޭ ވާހަކަ ދައްކަވާނީ، އޭރު މިނިސްޓްރީ ހިންގެވި ގޮތާ މެދު ސުވާލު އުފެދޭކަމަށް ޔައުޤޫބް ވިދާޅުވިއެވެ.

"ފާއިތުވި ސަރުކާރުގައި އިޤްތިޞާދީ ވަޒީރަަކަށް ހުންނަވައިގެން، އިޤްތިޞާދީ ގޮތުން ދެކޮޅު ނުޖެހޭ އެތައް ވާހަކައެއް. އޭރު މިނިސްޓްރީ ހިންގެވި ގޮތާ މެދު މިހާރު އެތައް ގޮތަކުން ސުވާލު އުފެދޭތީވެ" ޔައުޤޫބް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ހިންގެވުމަށް ޗައިނާއިން ބޮޑެތި ލޯނުތައް ނަގައިފައިވެއެވެ. އޭރު އިދިކޮޅުގައި އޮތް އެމްޑީޕީއިން ލޯނު ނެގުމާ ދެކޮޅަށް ވާހަކަދެއްކިއެވެ. މިއަދު ޕީޕީއެމްއިން އިދިކޮޅުގައި އޮތްއިރު، ލޯނު ނެގުމާ ދެކޮޅަށް އެބޭފުޅުން ވެސް ދަނީ ވާހަކަ ދައްކަވަމުންނެވެ.

މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ކޮވިޑާ ގުޅިގެން އިގްތިސާދު ހީނަރުވެފައިވާ ވަގުތެއްގައި ގިނަ އަދަދެއްގެ ސުކޫކު ވިއްކާ ކަމަށާއި އަދި ގިނަ ބަޔަކު ވަޒީފާއިން ވަކިކުރަމުންދާ ކަމަށެވެ. މިއީ ކަންބޮޑުވާ ކަމެއް ކަމަށާއި ބަޖެޓް ނުކޮށް، ފައިސާ ހޯދާނެ ގޮތެއް ނުބަލާ، ބައެއް ބޮޑެތި މަޝްރޫއު ހިންގުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

ޔައުޤޫބްގެ ވާހަކަފުޅުގައި ވެސް ވަނީ، ބޮޑެތި އަދަދުތަކުން ލޯނު ނަގަން ފެށީ ކުރީގެ ސަރުކާރުން ކަމަށް ވިދާޅުވިއެވެ.

"ދެންމެ ވާހަކަފުޅު ދައްކަވަމުން ވިދާޅުވި، ލޯން ނަގާ ވާހަކަ، ލޯނު ބަރިބަރިއަށް ނަގާ ވާހަކަ. އަޅުގަނޑު ފުރަތަމަ ކަމަކަށް ފާހަގަކޮށްލަން، ފުރަތަމަ ކަމަކަށް އެހާ ބޮޑެތި އަދަދުތަކުން ލޯނު ނަގަން ފެށީ އެ ބޭފުޅާ ހިމެނުނު ސަރުކާރުން."  ޔައުޤޫބް ވިދާޅުވީ، ލޯނު ނެގުމަކީ މައްސަލައެއް ނޫން ކަމަށާއި ލޯނު ދޫކުރަނީ މިސަރުކާރުގެ ޤާބިލު ކަމުން ކަމަށެވެ.

"ލޯން ނަގާއިރު، ލޯނު ދޭ ފަރާތުން އެބަ ބަލާ، ލޯން ދޫކުރެވެނީ ކިހާ ފެންވަރެއްގެ ބަޔަކަށްތޯ. ލޯނު ނަގާ ފަރާތަކީ ލޯނު އަނބުރާ ނުދެއްކޭ ވަރުގެ ފަރާތެއް ކަމުގައިވާ ނަމަ ލޯނު ދޫކުރާ ފަރާތަކުން ލޯނު ދުލެއް ނުކުރާނެ. މިދައްކަނީ އާދައިގެ އެމައުންޓެއްގެ ވާހަކައެއް ނޫން. ބޮޑެތި މިލިޔަނުން، އެތައް މިލިޔަން ޑޮލަރުގެ ވާހަކަ މިދައްކަނީ. އެމީހުން ލޯނު ދޫކުރުގެ ކުރިން އެތައް ބައިވަރު ކަމެއް ބަލާނެ" ޔައުޤޫބް ވިދާޅުވިއެވެ.

 

Ads by HDC
  1. މާއްކޫ އޮޑިޓަރު

    މި ސަރުކާރުން ލޯނު ނެގުމުން ދޭހަކޮށްދެނީ، ލޯނު ދެއްކުމަށް މި ސަރުކާރު ޤާބިލުކަން:
    އެހެން ސަރުކާރަކުން ލޯނު ނެގުމުން ދޭހަކޮށް ދެނީ ދަރަނި ދަންތުރައެއްކަން.

  2. ކިނބޫ

    ތާއްކޫއޮޑިޓަރެއް ކަމަށް މިހާރު ދެން ނެތް ގަބޫލު ކުރެވޭކަށް. އޮޑިޓަރުންނަކީ ނިކަން ރަނގަޅަށް ވާނުވާ އެނގޭ ބައެއް.