ބޯހިޔާވަހިކަމުގެ ހާލަތު މި ހިސާބަށް އައީ ކުރީ ސަރުކާރުގެ ސަބަބުން: ޔައުޤޫބް

ބޯހިޔާވަހިކަމުގެ ހާލަތު މި ހިސާބަށް އައީ ވެސް ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔައުޤޫބް ވިދާޅުވީ ފާއިތުވި ސަރުކާރުގެ ތެރޭގައި އެއް ރަށަކަށް، އެއްތަނަކަށް ތަރައްޤީގެ ހުރިހާ މަޝްރޫޢެއް ޖަމާކުރަމުން ދިޔަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބޯހިޔާވަހިކަމަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށެވެ.
ޔައުޤޫބް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމަށް ހައްލު ލިބެންޖެހޭނެ ކަމަށެވެ. މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ތަރައްޤީގެ ހުރިހާ މަޝްރޫއެއް ހަމަހަމަ ކަމާއެކު ކުރިއަށްގެންދަން ޖެހޭނެ ކަމަށް ޔައުޤޫބް ވިދާޅުވިއެވެ.
ޔައުޤޫބް މިފަދައިން ވިދާޅުވެފައި ވަނީ، ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މާލޭގެ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ބޯހިޔާވަހިކަމުގެ ވަޢުދު ނުފުދި ލަސްވާތީ ހުށަހަޅައިފައިވާ މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.