ޚަބަރު

އަތް ހޫރުވައިލެއްވުމަކީ ލިބިގެންވާ ޙައްޤެއް، ސިޔާސީ ހަރަކާތެއްގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންފައެއް ނުވޭ: ވަކީލުން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ޑރ. މުހައްމަދު ޖަމީލް އަހުމަދު.. ދެން އިމޭޖްސް

މިއަދު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިޔަށް ގެންދިޔަ އިޙްތިޖާޖުގައި މިވަގުތު ގޭ ބަންދުގައި ހުންނެވި އިދިކޮޅު ލީޑަރ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމްގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ،މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވިއެވެ.

Ads by STELCO

"އިންސާފު ހޯދަން" ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދާ އެއްވުމުގެ ބައިވެރިން ރައީސް ޔާމީންގެ ގެކޮޅު ހުންނަވާ ސަރަހައްދަށް ވަޑައިގަތުމުން ރައީސް ޔާމީން ވަނީ ކުޑަ ދޮރުން އެއްވުމުގެ ބައިވެރިންނަށް ހަނާ އަޅުއްވައިފައެވެ. އަދި ޤައުމީ ދިދައަކާއި ޕީޕީއެމްގެ ދިދައެއް ވިހުރަވާ ލެއްވިއެވެ. މިކަމާ ގުޅިގެން ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ވަނީ ރައީސް ޔާމީން، މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށާއި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން "ދެން"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ.ޖަމީލް ވިދާޅުވީ، ރައީސް ޔާމީން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރި ވަޑައިގެންފައިނުވާ ކަމަށާއި މިއަދުގެ ހަރަކާތުގައި ބައިވެރި ވަޑައިގަންނަވާ ނަމަ ތިރިއަށް ފައިބައިގެން އެތާނގައި ތިއްބެވި ބޭފުޅުންނާ ބައްދަލު ކުރައްވާނެ ނޫންތޯ ސުވާލު ކުރައްވައިފައެވެ. އަދި ވިދާޅުވީ ކަރެކްޝަނުން އެފަދައިން ވިދާޅުވި ނަމަވެސް ރައީސް ޔާމީން ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.

"އެއީ ކަރެކްޝަނުން ވިދާޅުވާ އެއްޗެއް ދެއްތޯ، ރައީސް ޔާމީން އެފަދަ އެއްވެސް ކަމެއް ނުކުރައްވާ. މުޒާހަރާގެ ބައިވެރިއެއް ނުވޭ. ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ، މަގުމަތީގައި ތިބޭ ބަޔަކާ ދިމާޔަށް އަތް ހޫރުވައިލެއްވުމަކީ ލިބިގެންވާ ޙައްޤެއް ކަމަށާއި ޝަރީއަތަށް ހާޒިރު ކުރާއިރު ވެސް އެގޮތަށް އަމަލު ކުރައްވާ ކަމަށެވެ.

"އެމަނިކުފާނަށް އޮންނަ ޙައްޤެއް ދެއްތޯ ޝަރީއަތަށް ނިކުމެ ވަޑައިގަންނަވާ ވަގުތުގައި ވެސް މަގުމަތީގައި ވެސް އެއްވެ ތިބި ބަޔަކު ފެނިއްޖިއްޔާ އަތް ހޫރުވައިލުމަކީ. އެއްވެސް ބަޔަކާ ބައްދަލުކޮށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެފައެއް ނުވޭ. އެއްވެސް ޤާނޫނާ ޚިލާފު ކަމެއް ނުކުރައްވާ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ދިވެހި ދިދަ އެ ބޭފުޅެއް ހުންނަވާ ގޭގައި ނެގުމާއި ހޫރުވުމާއި އެކަންތަކަކީ މަނާ ކަމެއް ނޫން ކަމަށެވެ. ޕީޕީއެމްގެ ދިދަ ވިހުރުވުމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން، ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ދިދަ ވެސް ގޭތެރޭގައި ވެސް ހުންނަ ކަމަށާއި އެއްވެސް ގެއެއްގެ ތެރޭގައި ޕީޕީއެމް ދިޔަ ނުވަތަ ޝިއާރު ބޭނުން ކުރުމަކީ މަނާ ކަމެއް ނޫން ކަމަށެވެ.

"ޕީޕީއެމްގެ ދިދަ ގޭތެރޭގައި ވެސް ހުންނާނެ ނޫންތޯ، އެއްވެސް ގެއެއްގެ ތެރޭގައި ޕީޕީއެމް ދިދަ، ޕީޕީއެމްގެ ޝިއާރު، ޕީޕީއެމްގެ ޕްރޮގްރާމްތައް ޓީވީއެމްއިން އަންނައިރު ބެލުން، މަނާ ކުރާ ޤާނޫނެއް ނެތެއް ނޫންތޯ" ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ގޭ ބަންދަަށް ދޫކޮށްފައި ވަނީ ކޮވިޑް-19 ހާލަތާ ގުޅިގެން ހައިރިސްކް ބޭފުޅަކަށް ވާތީއެވެ. އެމަނިކުފާނު ޖަލަށް ލައިފައި ވަނީ މަނީ ލޯންޑަރިންގެ މައްސަލައެއްގައެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ، އެމަނިކުފާނުގެ މައްޗަށް އިއްވައިފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށެވެ. އަދި ދާދިފަހުން ލީކްވި ފަނޑިޔާރުންގެ އޯޑިއޯ ކަަމަށް ބުނާ އޯޑިއޯތަކާ އެކު ރައީސް ޔާމީންގެ ހުކުމް އިންސާފު ނޫން ކަމަށް ބުނާ ވާހަކައިގެ އަޑު ވަނީ ގަދަވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!