ޚަބަރު ރައްޔިތުންގެ މަޖިލިސް

ޓެރަރިސްޓުންގެ ގޮތުގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް ޤާނޫނީ ހުރަހެއް ނެތް: ބަންޑާރަ ނައިބު

ރައުފާ ރަޝީދު ، ދެން އޮންލައިން

މުޖްތަމަޢަށް ނުރައްކާތެރި ފަރާތްތައް ބަންދުގައި ބެހެއްޓޭނެ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ތެރެއިން ޖާގަ އެބައޮތް ކަމަށާއި، އެފަދަ ފަރާތްތައް ހިފާ ހައްޔަރުކޮށް، އަމުރު ނެރުމުގެ ބާރު ޤާނޫނުން ލިބިދީފައިވާކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފުޢަތު ވިދާޅުވެއްޖެއެވެ.

Ads by STELCO

ބަންޑާރަ ނައިބު ވިދާޅުވީ ޤާނޫނުގެ ތެރެއިން ހޯމް މިނިސްޓަރަށާއި، ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި ޓެރަރިޒަމްގެ ކުށުގެ ގޮތުގައި 12 ކުށެއް ކަނޑައަޅާފައި ވާކަމަށެވެ. އަދި މުޖުތަމައަށް ނުރައްކާތެރި މީހުން ހިފާ ހައްޔަރުކޮށް އެފަދަ މީހުންގެ މައްޗަށް މޮނިކޮމް އަމުރުނެރުމުގެ ބާރު ހޯމް މިނިސްޓަރަށް ޤާނޫނުން ލިބިދީފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ބަންޑާރަ ނައިބު ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ޤާނޫނުގައި އެޅިދާނެ ފިޔަވަޅުތައް ސާފުކޮށް ސަރީހަކޮށް، ބަޔާންކޮށްފައިވާ ކަމަށާއި އެ ގާނޫނު ތަންފީޒު ކުރުމަށް ޓަކައި އިތުރަށް މައްސަލަ ހުރިކަމަށް ފާހަގަކުރެވޭ ނަމަ އެކަންތައްތަކަށް ބަލާނެ ކަމަށެވެ. އަދި މުޖުތަމައަށް ނުރައްކާތެރި މީހުންގެ މައްޗަށް މޮނިކޮމް އަމުރު ނެރުމަށް ހައިކޯޓަށް ގޮސްފި ނަމަ މިހާތަނަށް އެއަމުރު ނެރެދީފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު އަމަލު ކުރަމުންދާ ޤާނޫނުގައި އެޅިދާނެ ފިޔަވަޅުތައް ސާފުކޮށް ސަރީހަކޮށް، ބަޔާންކޮށްފައި އެބަވޭ. އެހެންވީމަ އެތަންފީޒު ކުރުމަށް ޓަކައި އިތުރަށް މައްސަލަ ހުރިކަމަށް ވަނީ ވިއްޔާ އެޔަށް އަޅުގަނޑުމެން އެޑްރެސް ކުރަންވީ" ބަންޑާރަ ނައިބު ވިދާޅުވިއެވެ.

މޮނިކޮން އަމުރަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އެކަށީގެންވާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކޮށްފާނެ ކަމަށް ހޯމް މިނިސްޓަރަށް ފެންނަ މީހުން 'މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށް' ކޯޓުން ނެރޭ އަމުރެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!