ސަލްމާން މިސްކިތް ހުޅުވައިދެއްވުމަށް ސައުދީގެ ވަލީ އަޙްދު ރާއްޖެ ވަޑައިގަންނަވަނީ
ސައުދީ ސަރުކާރުން ފަންޑުކޮށްގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ބިނާކުރި ކިންގ ސަލްމާން މިސްކިތް ހުޅުވަން ސައުދީ އަރަބިއްޔާގެ ވަލީ އަޙްދު، ސަލްމާން ރަސްގެފާނުގެ ދަރިކަލުން މުޙައްމަދު ބިން ސަލްމާން ވަޑައިގަންނަވާނެ ކަމަށް ރާއްޖެއިން ސައުދީއަށް ކަނޑައަޅުއްވައިފައިވާ ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް ވިދާޅުވެއްޖެއެވެ.
ސައުދީގެ"އަރަބް ނިއުސް"އަށް ދެއްވި އިންޓަރވިއުއެއްގައި ޚަލީލް ވަނީ ކިންގ ސަލްމާން މިސްކިތަކީ ރާއްޖެއާއި ސައުދީއައި ދެމެދު އޮންނަ ގުޅުން ރަމްޒުކޮށްދޭ މުހިންމު ބިނާއެއް ކަމަށް ވިދާޅުވެފައެވެ. އަދި ސައުދީން ރާއްޖޭގެ ތަރައްޤީއަށާއި ރާއްޖޭގައި ދީން ކުރިއެރުވުމަށް ކުރައްވާ މަސައްކަތަށް ޝުކުރު އަދާ ކުރައްވައިފައި ވެއެވެ.
ސަލްމާން މިސްކިތް ހުޅުވާނެ ތާރީޚަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، މިހާރު މިސްކިތުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި ވަލީ އަޙްދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއްގައި މިސްކިތް ހުޅުއްވައިދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް މިސްކިތް ހުޅުވާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.
ސަލްމާން މިސްކިތް އެންމެ ފުރަތަމަ ހުޅުވަން މަސައްކަތްކޮށްފައި ވަނީ މިދިޔަ އަހަރު މާރިޗް މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް ކޮވިޑް-19 ވަރަށް ހަލުވިކޮށް އެދުވަސްވަރު ފެތުރެމުން ދިއުމާ ގުޅިގެން އެކަން ކުރުން ވަނީ ފަސްކޮށްފައެވެ. އޭގެ ފަހުން މިއަހަރުގެ އޭޕްރީލް މަހު ސައުދީން ވަނީ ސަލްމާން މިސްކިތް ބެލުމަށާއި ހުޅުވާނެ ތާރީޚެއް ބެލުމަށް ވަފުދެއް ޒިޔާރަތްކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ މިއަހަރުގެ ރަމަޟާން މަހުގެ ކުރިން މިސްކިތް ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ.