ސާފް ޗެމްޕިއަންޝިޕް ފެށެން ދެ ދުވަސް ،ތަށި ހޯދުމުގެ ފޯރި ކޮބާ؟

ޒަމާނުއްސުރެ ދިވެހިންގެ ހިތުގައި އެންމެ ލޯބި ޖެހިފައި އޮތް ކުޅިވަރަކީ ފުޓުބޯޅައެވެ. ސިޔާސީ ފިކުރުތަކުގެ ވާދަވެރިކަމާއި އެހެނިހެން ޚިޔާލު ތަފާތުވުންތައް އެކަހެރިކޮށް ދިވެހިން އެއްތަންވެ އެއްބައެއްވަންތަކަން ދައްކައިދޭ ކުޅިވަރަކީ ފުޓްބޯޅައެވެ. ސިޔާސީ ކޯޅުން ބޮޑުވެފައި ވަނިކޮށް 2008ވަނަ އަހަރު ދިވެހި ފުޓްބޯޅަ ޓީމު ހޯދައިދިން ސާފު ޗެމްޕިއަންޝިޕުން އެކަން މުޅި ރާއްޖެއިން ފެނިގެން ދިޔައެވެ. "އަހަރެމެންގެ ފަހަރު"ގެ ފެއްސާއި ރަތާއި ހުދު ، ސިޔާސީ އެހެން ހުރިހާ ކުލަތަކެއްގެ މައްޗަށް ގަދަވެގަތެވެ.
ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ 1ވަނަ ދުވަހަކީ ވެސް ދިވެހީންނާ ބައްދަލުކުރާ މިފަދަ ޢީދެކެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ބޮޑު މުބާރާތް މި ފަހަރު ރާއްޖޭގެ ވެރިރަށް މާލޭގައި ބޭއްވުމަށް ގިނަ ތައްޔާރީތަކެއް ވަމުން ގެންދާކަމަށް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމުން ވަނީ އިއުލާކޮށްފައެވެ. އަދި މި ފަހަރަކީ ރާއްޖެ ތިންވަނަ ފަހަރަށް މި ތަށި ހޯދުމަށް މަސައްކަތް ކުރާ ފަހަރެވެ.
އެފްއޭއެމުން ބުނާ ފޯރިގަދަ ތައްޔާރީތައް ފެނޭތަ؟
ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތުގެ ތެރެއިން 7 މުބާރާތް ކާމިޔާބުކުރީ އިންޑިއާއެވެ. ޝްރީލަންކާއާއި ބަނގްލަދޭޝް އަދި އަފްޣާނިސްތާނުން އެއް ތަށި ހޯދައިފައިވާއިރު ރާއްޖެ ވަނީ ސާފުގެ ދެ ތަށި ހޯދައިފައެވެ. އެހެންކަމުން ރާއްޖެއަކީ އިންޑިއާއަށް ފަހު މި ސަރަހައްދުގެ އެއްވަނައެވެ. ފީފާ ރޭންކިންގެ 158 ވަނައިގައި މިވަގުތު އޮތް ރާއްޖެ ، ސާފް ޗެމްޕިއަންޝިޕްގައި ހޯދައިފައިވާ ކާމިޔާބީތަކަށް ބަލާއިރު، ރާއްޖެ ވަނީ ވާދަކުރި ދިހަ މުބާރާތުގެ ސެމީ ފައިނަލް ކުޅެފައެވެ. އޭގެ ތެރެއިން ފަސް މުބާރާތެއްގެ ފައިނަލް ކުޅެފައިވެއެވެ. ރާއްޖެ ފައިނަލުގައި ކުޅެފައި ވަނީ 1997 ވަނަ އަހަރު ނޭޕާލުގައި ބޭއްވި މުބާރާތުގައާއި 2003ވަނަ އަހަރު ބަނގްލަދޭޝްގައި ބޭއްވި މުބާރާތާއި، 2008ވަނަ އަހަރު ރާއްޖެއާއި ސްރީލަންކާގައި ބޭއްވުނު މުބާރާތުގެ އިތުރުން 2009 ވަނަ އަހަރާއި 2018ވަނަ އަހަރު ބަނގްލަދޭޝްގައި ބޭއްވުނު މުބާރާތުގައެވެ. މީގެ ތެރެއިން މުބާރާތުގެ ތަށި ރާއްޖެއިން ނަގައިފައި ވަނީ 2008ވަނަ އަހަރާއި އެންމެ ފަހުން 2018ވަނަ އަހަރު ބޭއްވި މުބާރާތުގައެވެ. މި ދެ ފަހަރު ވެސް ރާއްޖެ ތަށި ނެގީ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހުގައެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް ރާއްޖެއެވެ. މި ފަދަ ބޮޑު މުބާރާތެއް ބާއްވަން ވަގުތު ކުޑަތަން ވެފައިވާއިރު އެންމެ ގިނަ މީހުން ކުރާ ސުވާލަކީ ކުރީން ފެންނަ ފޯރި މިހާރު ކޮބައިބާވައެވެ. އެ ސުވާލު އުފައްދާ ސަބަބުތައް ވެސް އެބަހުއްޓެވެ. މުބާރާތް އިޝްތިހާރުކުރަން އެފްއޭއެމުން ހަދައިފައިހުރި އެޑްތަކާއި މުބާރާތާއި މާބޮޑު ގުޅުމެއް ނެތުމާއި ވަގުތު ކުޑަތަން ވެފައިވާއިރު ވެސް މުބާރާތުގެ ފޯރި ރަށު ތެރެއިން ނުފެނުމެވެ. މިކަމާ ގުޅިގެން "ދެން"އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކެރެޓަރީ ހުސެއިން ޖަވާޒު ވިދާޅުވީ، ތައްޔާރީތައް ވުމުގައި ލަސްކަން ޤަބޫލުކުރައްވާ ކަމަށާއި ފޯރި ނަގަން ވަގުތު ނުލިބުނީ ކަމަށެވެ. ސަބަބެއްކަމުގައި ޖަވާ ވިދާޅުވީ ބަޖެޓު ފާސްވުން ލަސްވުމާއި އަދި ބައެއް ކަންކަމުގައި ސްޕޮންސަރުން ލިބުމުގައި ދަތިވުން ކަމަށެވެ."މިހާރުވާނީ ބޭރުމަގުއާއި މާލެ ވަށައި ވެސް ބެނާއާއި ދިދަތަކެއް ދަމައިފައި. ދެން ތައްޔާރީތައް ލަސްވެގެން ދިޔައީ ބަޖެޓު ހަމަ ޖެހުމުގައާއި ސްޕޮންސަރުން ލިބުމުގައި ދަތިވުމުން. ވީވަރަކުން ފޯރި ހިއްޕަން އެބަ އަޅުގަނޑުމެން މަސައްކަތްކުރަން. ބެލުންތެރިން ޖާޒީ ބޭނުން ނަމަ އައިލެންޑް އެޕްރަލްއިން ލިބެން ހުންނާނެ"






ކޮމެންޓް