ރިޕޯޓް

މެމްބަރުންނާއި ރައްޓެހިންނަށް ވެސް ވީއައިޕީ ލައުންޖު ފްރީ: އިންސާފެއް؟

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން
ވެލާނާ އިންޓަރނޭޝަންލްގެ ވީއަޕީ ލައުންޖް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާ އެކު އެއާޕޯޓަށް ފުރަންދާ އެ ބޭފުޅުންގެ ރައްޓެހިންނަށް ވެސް ވީއައިޕީ ލައުންޖުން މަޖިލީހުގެ ޚަރަދުގައި ހިދުމަތް ލިބޭ ގޮތަަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކުރުމާ އެކު ގިނަ ބައެއްގެ ފާޑު ކިޔުން މަޖިލީހަށް ވަނީ އަމާޒުވެފައެވެ. އެންމެން ވެސް ކުރާ އެއް ސުވާލެއް އެބައޮތެވެ. އެއީ؛ މިއީ މިދަނޑިވަޅުގައި ކުރަން އެންމެ ރަނގަޅު ކަމެއް ހެއްޔެވެ؟ މިއީ ދިވެހި ރައްޔިތުންނަށް އިންސާފެއް ހެއްޔެވެ؟

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ހޯއްދެވުމާ ގުޅޭގޮތުން ހުށަހަޅުއްވައިފައިވާ މައްސަލައިގައި މިދިޔަ ބުދަ ދުވަހު ސިއްރު ކޮމިޓީ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ. އަދި މިބައްދަލުވުމުގައި މަޖިލީހުގެ މެންބަރުންނަށް ދެވޭނެ ޚިދުމަތްތައް ދިރާސާކޮށް ގޮތް ނިންމުގެ ބާރު މަތިކޮށްފައިވާ އާންމު ކޮމިޓީން ވަނީ މެންބަރުންނަށާއި އެ މެންބަރެއްގެ އާއިލާއަށް މިހާރު ލިބޭ ލައުންޖުގެ ހިދުމަތުގެ އިތުރުން، އެ މެންބަރަކު ހިޔާރުކުރާ އިތުރު ދެ މީހަކަށް އެ ހިދުމަތް ލިބޭ ގޮތަަށް ނިންމައި ފާސްކޮށްފައެވެ.

މިއާ އެކު ގިނަ ބައެއްގެ ނުރުހުމާއި ރުހުން ވެސް މިކަމަށް އަމާޒުވެގެން ދިޔައެވެ. އެގޮތުން އެއްބަޔަކު ބުނަމުންދަނީ މިއީ ތަފާތުކުރުން ގެންގުޅުން ކަމަށެވެ. ނަމަވެސް އަނެއްބަޔަކު ބުނަމުން ދަނީ އެއީ ހެޔޮ ބަދަލެއް ކަމަށާއި އޭގެން އެނގިގެން ދަނީ ތަފާތުކުރުން މި ސަރުކާރުން ނުގެންގުޅޭ ކަންކަމަށެވެ. ނަމަވެސް ވަކި ބަޔަކަށް އެގޮތަށް ވީއައިޕީ ލައުންޖު ބޭނުންކުރަން ލިބުމަކީ މަޖިލީހުގެ ވެސް ފުރިހަމަ ތާއީދު އޮތް ކަމެއް ނޫންކަން ވަނީ ހާމަވެފައެވެ. އެގޮތުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، އެއީ އެމަނިކުފާނު އެއްވެސް ހާލެއްގައި ރުހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އެގޮތުން އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅެން މަގު ހުޅުވިގެންދާއިރު އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދި މެމްބަރުންނާ މެދު ދެކޭ ގޮތް ވެސް ބަދަލުވެގެންދާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

"އަޅުގަނޑު އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރަން އެއީ އެކަން ވެގެންވާނެ ގޮތް ކަމަށް. އަދި އަޅުގަނޑަށް އެއްވެސް އިރަކު ތާއީދެއް ނުކުރެވޭ މެމްބަރުންނަށް ވެސް އެ ހިދުމަތް ލިބުމާ މެދު. އެއީ މެމްބަރުން ވެސް އުޅެން ވާނީ އާންމު ރައްޔިތުންނާ އެކު އެއް ހަމައެއްގައި ކަމަށް އަޅުގަޑަށް ގަބޫލުކުރެވޭތީ" އާދަމް ޝަރީފު ވިދާޅުވިއެވެ.

މިފަދަ ނިންމުމެއް މަޖިލީހުން ނިންމާފައިވާއިރު ދެ ދުވަހުން އެއް ދުވަހު ސަރުކާރުން ބުނާ އަޑު އިވެގެން ދަނީ ޚަރަދުތައް އަތް ނުފޯރާ ވަރަށް އަރައިގެން ދާ ވާހަކައެވެ. އެ ގޮތުން މިހާރުވެސް ދިވެހި ދައުލަތުގެ ބަޖެޓު ޑެފިސިޓް، ނޫނީ ބަޖެޓު ދަރަނި 7.7 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. އެހެންކަމުން މަޖިލީހުގެ އެ ނިންމުމަކީ ވެސް ނުހަނު ޚަރަދު ބޮޑު ކަމަށްވާނެކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުވަނީ ވިދާޅުވެފައެވެ.

"ދެން"އާ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައި އޮތް މިފަދަ ދަނޑިވަޅެއްގައި މަޖިލީހުން ފާސްކުރި ކުރުމަކީ އެއީ އެންމެ ރަގަޅު ގޮތް ނޫން ކަމަށެވެ. އަދި ވީއައިޕީ ލައުންޖުއަކީ އެހެން ބޭނުންކުރަން ގާއިމުކޮށްފައި ހުރި ތަނެއް ނޫން ކަމަށް ވެސް ކުރީގެ އިކޮނޮމިކު މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ސަރުކާރުގެ އިސް ބޭފުޅުން ނޫނީ ލޯ އެންފޯސްމަންޓު ތި ދެންނެވި ގޮތަށް މަޖިލީހުގެ މެމްބަރުންނާއި ރައްޓެހީންގެ ރައްޓެހިން މި ލެވެލްއަށް ދާކަށް ނުޖެހޭ ވީއައިޕީ ލައުންޖްއަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އުފަލަށް ޓަކައި އަދި މަތީ ފެންވަރެއްގެ ޚިދުމަތެއް އެބޭފުޅުންނަށް ފޯރުކޮށްދިނުމަށް ޓަކައި ހުންނަ ތަނެއް. ދެން ކޮންމެ ޤަައުމެއްގަ ވެސް ދައުލަތުގެ އިސް ބޭފުޅުންނަށް އެ ތަންތަނުން އެ އޮންނަ އިންތިޒާމެއްގެ ދަށުން ޚިދުމަތް ލިބޭނެ. އެހެން ނަމަވެސް، ރައްޓެހިންނާއި އާއިލާގެ މެމްބަރުންނާއި ގޮސް މާބޮޑަށް ޝެއަރ ކޮށްގެން ދިއުމަކީ މި ސަރުކާރަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް އެއީ. ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑެތި އަސަރު ކުރާނެ. އަނެއްކާ ރައްޔިތުންނަށް ވެސް އެންމެ އިންސާފުވެރި ގޮތެއް ނުން އެއީ" ސައީދު ވިދާޅުވެފައިވެއެވެ.

އެހެންކަމުން މަޖިލިސް ތަޅުމުގައި ވޯޓްލާން ވެސް ނުޖެހޭ މި ނިންމުން ނިންމާފައިވާއިރު މިއީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފަކަށް މެނުވީ ނުވާނެއެވެ. ރައްޔިތުން މެމްބަރުން މަޖިލީހަށް ހޮވަނީ އެމީހުންގެ ހައްގުގައި ވަކާލާތުކޮށް އެމީހުންގެ ދާއިރާތަކުގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސް ކަންކަން ހައްލުކުރުމަށެވެ.

ރައްޔިތުންގެ ފައިސާއަކީ އެއްވެސް ހާލެއްގައި މެމްބަރުންނާއި އައްޔާރުންނާއި އިޔާރުންނާއި މިތުރުން އައްޔާޝީ ކުރަން އޮތް އެއްޗެއް ނޫނެވެ.

Ads by HDC
  1. ށަވިޔަނި

    ވަރަށްެަރަނގަޅު ވާހަކަފުޅެއް އިނދިކޮޅު މެންބަރުން ތިޔަދެއްކެވީ ތިއީރައްޔިތުންނަށް ހެޔޮއެދޭ ބަޔަކީ ޝުކުރިއްޔާ

  2. ޢަލީ

    މަޖިލިސް މެންބަރުން 10،000 މީހަކަށް 1 މެންބަރު 10،000 ދަށު އާބާދީ އަކަށް 1 މެންބަރު ހަމަޖައްސާ ވީއައިޕީ ވެސް މެސްބަރަކާއި އިތުރު 1 މީހަކަށް އިތުރުވާ މީހަކަށް މެންބަރުން އަތުން ޕޭ ކުރާގޮތަށް ބަދަލް ކުރަންވީނޫތޯ؟