ޚަބަރު

ފަސްއަހަރުގެ މެދުކެނޑުމަކަށް ފަހު ދަގަނޑޭ އަލުން ސާފް ޗެމްޕިއަންޝިޕަށް ، ދިގު އިންތިޒާރެއްގެ ނިމުން!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖޭގެ ފުޓްބޯޅައިގެ ރަސްގެފާނު އަލީ އަޝްފާޤް ސާފެ ޗެމްޕިއަންޝިޕުން ނުފެންނަތާ ފަސް އަހަރަށް ފަހު މިރޭ ނޭޕާލާ ދެކޮޅަށް ރާއްޖެއިން ނިކުންނަ މެޗްގައި ފެނިގެންދާނެއެވެ.

Ads by Sosun Fihaara

އަލީ އަޝްފާޤްގެ ކުޅުމެއް ސާފް ޗެންޕިއަންޝިޕް އިން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2015 ވަނަ އަހަރު އިންޑިއާގައި އޮތް ސާފް ޗެންޕިއަންޝިޕްގައެވެ. އެފަހަރު ރާއްޖެ ސެމީގައި އިންޑިއާއާ ބައްދަލުކޮށް 3-2 ގެ ނަތީޖާއަކުން ދަށްވިއިރު، އެ މެޗްގައި ދަގަނޑޭގެ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. އެއަށް ފަހު 2018 ވަނަ އަހަރު އޮތް ސާފް ޗެންޕިއަންޝިޕްގައި އޭރު ޤައުމީ ކޯޗަކަށް ހުރި ޕީޓަރ ސެގާޓްގެ ނިންމީ ޤައުމީ ސްކޮޑްގައި ދަގަނޑޭ ނުހިމަނާށެވެ. ކޯޗުގެ އެ ނިންމުމަށް ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް އަމާޒުވި ނަމަވެސް އެފަހަރު ދަގަނޑޭއާ ނުލާ ދިވެހި ރާއްޖެ ވަނީ ސާފްގެ ތަށި ހިއްލައިލައިފައެވެ.

ސާފްޗެންޕިއަންޝިޕްގެ މެޗެއްގައި ދަގަނޑޭ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ 2005 ވަނަ އަހަރުއެވެ. އުމުރުން 20 އަހަރުގައި ސާފްގެ މުބާރާތުގައި ބައިވެރިވެ، އޭނާ ވަނީ ރާއްޖެއަށް ތިން ގޯލް ކާމިޔާބުކޮށްދީފައެވެ. އޭގެ ފަހުން ދަގަނޑޭ ވިދާލީ 2008 ވަނަ އަހަރު ފުރަތަމަ ފަަހަރަށް ރާއްޖެ ސާޕް ޗެންޕިއަންޝިޕް ކާމިޔާބު ކުރި ބުރުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދުމުންނެވެ. އޭގެ ފަހުން ބަނގްލަދޭޝްގައި 2009ވަނަ އަހަރު ބޭއްވި މުބާރާތުގައި ތިން ގޯލް، އިންޑިއާގައި 2011 ވަނަ އަހަރު ބޭއްވި މުބާރާތުގައި ދެ ގޯލް، އަދި 2013 ވަނަ އަހަރު ބޭއްވި މުބާރާތުގައި އޭނާ ވަނީ 10 ގޯލް ޖަހައިފައެވެ.

ސާފްގެ މުބާރާތްތަކުގައި ޖުމްލަ 20 ގޯލް ދަގަނޑޭ ޖަހާފައިވާއިރު، މި މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތީ އޭނާގެ އަތުގައެވެ. ދެވަނަ އަަށް އެންމެ ގިނަ ގޯލް ޖަހައިފައި ވަނީ އިންޑިއާގެ ފޯވާޑް ސްނިލް ޗެތްރީއެވެ.

މިރޭގެ ފުރަތަމަ 11އިން ޖާގަ ހޯދައިފައިވާ ދަގަނޑޭއާ ގިނަ ދިވެހިންގެ އުންމީދު އޮތީ ގުޅިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!