ނަފްސާނީ ދުޅަހެޔޮކަމަށް އެކަނި ވަގުތު ހޭދަކުރުން މުހިންމު
ގިނަ މީހުންނަށް ގަބޫލު ކުރެވިފައި އޮންނަނީ މީހުންގެ ތެރެއަށް ނިކުމެ، ކަންކަމާ މަސްއޫލުވެ އުޅުމުން ސްޓްރެސްއާ ދުރުކޮށްދޭ ކަމަށެވެ. ބައެއް ހާލަތްތަކުގައި ކަން މިހެން އޮތް ނަމަވެސް ސްޓްރެސްއާ ދުރުވެ އެކަނި ވަގުތު ހޭދަކުރުމަކީ ވެސް މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ.
ސައިކިއޭޓްރިސްޓް އަދި ސައިކޯތެރަޕިސްޓް ޑރ. ރޫހީ ސަތީޖާ ވިދާޅުވާ ގޮތުގައި އެކަނި ވަގުތު ހޭދަކުރުމަކީ ނަފްސާނީ ގޮތުން މީހާ ދުޅަހެޔޮކަންމަތީ ހުރުމަށް ވަރަށް މުހިންމު ކަމެކެވެ.
"ބައެއް ފަހަރު މީހުންނާ އެކު އުޅުމަކީ އެހެން ވިސްނުންތަކާ ދުރުކޮށްދޭނެ ކަމެއް. އެހެން ނަމަވެސް އެއީ ސްޓްރެސް އުފެދުމަށް ވެސް މަގުފަހިވާ ކަމަކަށް ވެދާނެ. އެހެން މީހުން ހިތަށް އަރާނެ އެއްޗެއް ނުވަތަ އެހެން މީހުން ވިސްނާނެ އެއްޗަކާ މެދު ކަންބޮޑުވާ ހާލަތްތައް ވެސް އަތުވެދާނެ. އެފަދަ ހާލަތެއްގައި ތިމާ ބޭނުންވާ ގޮތަށް ވުރެ އަނެކާ ބޭނުންވާ ގޮތް އިސްކުރެވޭ ހާލަތްތައް އާދޭ" – ތަސީޖާ ވިދާޅުވިއެވެ.
ޑޮކްޓަރު ވިދާޅުވާ ގޮތުގައި އެކަނިވެރިކަން އިހުސާސްވުމާއި އެކަނި ވަގުތު ހޭދަކުރުމަކީ މުޅިން ތަފާތު ދެ ކަމެކެވެ. އެކަނިވެރިކަމަކީ އެހެން މީހުންނާއި ވަކިވެ ބާކީ ވެފައިވާ ކަމުގެ އިހުސާސް ކުރެވުމެވެ. އެހެން ނަމަވެސް އެކަނި ވަގުތު ހޭދަކުރުމަކީ ތިމާ ބޭނުންވާ ކަންކަމަށް ވަގުތު ހުސްކޮށް އަމިއްލަ މާހައުލެއްގައި ހަމަޖެހިލުމެވެ. ހާއްސަކޮށް އެކަނި ވަގުތު ހޭދަކުރާއިރު އެކި ކަންކަމާ ގުޅިގެން ތިމާ ނިންމާ ނިންމުންތައް އެހެން މީހެއްގެ ނުފޫޒަކާ ނުލައި ނިންމަން ފަސޭހަވާނެއެވެ.
އެކަނި ވަގުތު ހޭދަކުރުމަކީ އުފެއްދުންތެރިކަމަށް ވެސް ވަރަށް މުހިންމު ކަމެކެވެ. އަދި މީހާ ބާރުވެރިވުމަށް ކުރެވޭ މަސައްކަތުގައި ވެސް އެއީ މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. މީގެ އިތުރުން އެހެން މީހުންނާ އެކު އިޖުތިމާއީ ގުޅުން އުފެއްދުމަށް ވެސް އެކަނި ވަގުތު ހޭދަކުރުން ވަރަށް މުހިންމުވެއެވެ.
އެކަނި ވަގުތު ހޭދަކުރާއިރު ތިމާ ބޭނުންވަނީ ކޮން ކަމެއްތޯ ބަލައި އެކަންކަން ކުރެވިދާނެއެވެ. މިސާލަކަށް ބޭނުން ވަނީ ނެޓްފްލިކްސްއިން ފިލްމެއް ބަލައިލާން ކަމަށްވާ ނަމަ އެކަން ވެސް ކުރެވިދާނެއެވެ. ނުވަތަ އެއްޗެއް ކުރަހާލުމާއި، ފޮތް ކިޔުން ނުވަތަ ޑައިރީއެއް ލިޔުން ފަދަ ކަންކަން ވެސް ބޭނުންވާ ނަމަ ކުރެވިދާނެއެވެ.
ނަފްސާނީ މައްސަލަތަކަކީ ގިނަ ފަހަރު މީހުންނަށް މާބޮޑު އިސްކަމެއް ނުދެވި ދޫކޮށްލެވޭ ކަމެކެވެ. އެހެން ނަމަވެސް އެއީ މީހާގެ ދެން ކުރަން ހުންނަ ކަންކަން، ހާއްސަކޮށް މަސައްކަތާއި އާއިލީ މައްސަލަތަކުގައި ވެސް ނަފްސާނީ ދުޅަހެޔޮކަން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.