ޚަބަރު

ކުޑަކުދިން ސްކްރީން ޓައިމްއާ ދުރުކުރުމަށް މޮމްސްގެ "ސުޕަރ ކިޑްސް" ޗެލެންޖު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަންހެނުން ބާރުވެތި ކުރުމުގެ ގޮތުން ރާއްޖޭގައި ހިންގަމުން އަންނަ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "މޮމްސް"އިން ކުޑަކުދިންނަށް ޚާއްސަކޮށް "ސުޕަރ ކިޑްސް"ގެ ނަމުގައި ޗެލެންޖެއް އިފްތިތާހު ކޮށްފިއެވެ.

Ads by MWSC

މާގިރި ހޮޓެލްގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދުއެވެ.

ކުޑަކުދިންނަށް ޚާއްސަކޮށް، އިފްތިތާހު ކުރި މި ޗެލެންޖަކީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ގޭގައި ގިނަ ވަގުތު ކުޑަކުދިންނަށް ތިބެން ޖެހުމުން، އެކުދިންނަށް ލިބިފައިވާ ހުސް ވަގުތު ފައިދާ ހުރި ގޮތަކަށް ހޭދަ ކުރުމަށާއި ކުދިން "ސްކްރީން ޓައިމް" އާ ދުރުކުރުމުގެ ގޮތުން ހުޅުވައިލައިފައިވާ ޗެލެންޖެކެވެ. އެ ގޮތުން މޮމްސް އެންޖީއޯގެ ފަރާތުން މިފަހަރު ވަނީ ތިން ޗެލެންޖެއް އިފްތިތާހު ކޮށްފައެވެ. އެއީ "ކައިންޑްނެސް ޗެލެންޖް"، "ފުޓްބޯލް ޗެލެންޖް"އާއި "ހެޕީ ޕްލެނެޓް ޗެލެންޖް" އެވެ.

މިއަދުގެ ޙަފްލާގައި ވާހަކަ ދައްކަވަމުން ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވީ، މިފަދަ ހަރަކާތްތަކަކީ ކުޑަކުދިންނަށް ވަރަށް ފައިދާ ހުރި ހަރަކާތްތަކެއް ކަމަށާއި މި ފަދަ ޗެލެންޖުތައް އެކުދިން ލައްވާ ކުރުވުން މުހިންމު ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ފާހަގަ ކުރެވޭ ކުޑަ ކުދިންނަށް މިފަދައިން ހަވާލު ކުރާ މަސައްކަތްތަށް ބެލެނިވެރިން ފުރިހަމަ ކުރާކަން. އަޅުގަނޑުގެ އެދުމެއް މިއަދު މި އިފްތިތާހު ކުރެވުނު ޗެލެންޖުތައް ފުރިހަމަ ކުރުމުގައި މަންމައިން އެ ކުދިންނަށް އެހީތެރިވިޔަސް، މީގެ މަސައްކަތްތައް އެކުދިން ލައްވާ ފުރިހަމަ ކުރުމަށް" ފަސްޓް ލޭޑީ ފަޒްނާ ވިދާޅުވިއެވެ.

މޮމްސްގެ ފަރާތުން މި އިފްތިތާހު ކުރި ޗެލެންޖުތަތަކީ ވަކި ސުންގަޑިއެއް ކަނޑައަޅައިފައިވާ ޗެލެންޖުތަކެއް ނޫނެވެ.

މި ޗެލެންޖުތަކުގައި ބައިވެރިވުމަށް މޮމްސްގެ ފޭސްބުކް ޕޭޖުގައި ރެޖިސްޓްރޭޝަނަށް ހުޅުވައިލާއިރު، އެ ޖަމިއްޔާގެ ފަރާތުން ބުނީ މި ޗެލެންޖުތައް ފުރިހަމަ ކުރުމުން ކުދިންނަށް މެޑަލްއާއި ސެޓްފިކެޓު ހަވާލު ކުރާނީ ވެސް ބެލެނިވެރިން ކަމަަށެވެ.

"އިޚްތިޔާރުކުރާ ޗެލެންޖް ޕެކާ އެކު އަޅުގަނޑުމެން ދޭނަން މެޑަލްއާއި ސެޓްފިކެޓް ވެސް. ކުދިން އެ މަސައްކަތްތައް ފުރިހަމަ ކުރޭތޯ ބަލާނީ ބެލެނިވެރިން. ބެލެނިވެރިން ކުދިންނަށް މެޑަލްއާއި ސެޓްފިކެޓް ދޭނީ" މޮމްސްގެ ފަރާތުން ބުންޏެވެ.

މޮމްސްއިން ބުނީ، މި ޗެލެންޖުތައް އެއް ބަޔަށް ވެސް ފުރިހަމަ ކުރެވިދާނެ ކަމަށާއި އެކަން ވެސް ފާހަގަ ކުރާނީ ބެލެނިވެރިން ކަމަށެވެ.

Ads by Allied Insurance
  1. ޝެހޭ

    އިތުރު މަޢުލޫމާތު ބޭނުން