ރިޕޯޓް

ވޭތުވެދިޔަ ހުރިހާ ދުވަހުގެ މަސައްކަތް ބޭކާރު: އެންމެ ފަހުން ގްރެޖުއޭޓު ވެސް ނުވި!

  • ކޯސް ފުރިހަމަ ކުރުމުން ވެސް ގްރެޖުއޭޓު ނުވީ ކޮން ބައެއް އަދި ކީއްވެ؟
  • އެޕްރޫވު ނުކުރާ ކޯހެއް އެފްއީއިން ހިންގާ ނިންމީ ކީއްވެ؟
  • ލިބޭ ގެއްލުމުގެ ބަދަލު ދޭނީ ކާކު؟
މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން
ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން މާސްޓަރ އޮފް އެޑިއުކޭޝަން އިން އިންގްލިޝް ލެނގުއޭޖު ކޯސް ފުރިހަމަ ކުރި ބައެއް މުދައްރިސުން ގްރެޖުއޭޓު ނުވާ ކަމަށް ބުނާ މައްސަލައެއް ފެންމަތި މަޖިލީހުގެ ސަމާލުކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވަނީ ގެނެސްފައެވެ.

Ads by MWSC

މި މައްސަލަ މީގެ ކުރިން ކަމާ ގުޅުން ހުރި ގިނަ އިދާރާތަކަކަށް ހުށަހަޅާ ވެސް ފަރުވާއެއް ލިބިފައި ނުވުމުން އާދަމް ޝަރީފު ވަނީ މަޖިލީހުގެ ސަމާލުކަމަށް މިކަން ގެނެސް މިކަމަށް މަޖިލީހުން ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.

ކޯސް ފުރިހަމަ ކުރުމުން ވެސް ގްރެޖުއޭޓު ނުވީ ކޮން ބައެއް އަދި ކީއްވެ؟

"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޔޫއިން މާސްޓަރ އޮފް އެޑިއުކޭޝަން އިން އިންގްލިޝް ލެނގުއޭޖު ކޯސް ފުރިހަމަ ކުރި ނަމަވެސް ގްރެޖުއޭޓު ނުވާނެ ކަމަށް އަންގައިފައި ވަނީ އެ ޔުނިވާސިޓިގެ ފުވައްމުލަކު ސިޓީ ކެމްފަހުން ކޯސް ފުރިހަމަ ކުރި 11 މުދައްރިސަކަށެވެ.

މިކަމާ ގުޅިގެން "ދެން"އަށް މަޢުލޫމާތު ދެއްވަމުން ކޯހުގެ ބައިވެރިއެއް ކަމަށްވާ އައިޝަތު ހާނިމާ ބުނީ، ކޯސް ފަށައިގެން 2020ގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ފަށައި އެއް ދުވަހުގެ ކިޔެވުން ފުރިހަމަ ކުރި ފަހުން ކޯސް ކުރިއަށް ނުގެންދެވޭނެ ކަމަށް ފެކަލްޓީ އޮފް އެޑިޔުކޭޝަނުން އެންގި ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ކޯހުގެ ކުދިން ހަމަ ނުވުން ކަމަށެވެ. ހާނިމާ ބުނި ގޮތުގައި އެމީހުން ކިޔަވަމުން ގެންދިޔައީ ބްލޮކޮ މޯޑަށް ކަމުން ކޮންމެ ފަހަރަކު ވެސް ކިޔަވަން ދަތުރު ކުރަނީ މާލެއަށް ކަމަށެވެ. އެއީ ހަފްތާ ބަންދު ގައެވެ. 

އޭގެ ފަހުން ކޯހުގެ ދެވަނަ ސެމިސްޓަރ ފެށި ފަހުން ފެކަލްޓީއަށް ގުޅުމުން ފުވައްމުލަކުގެ އައުޓު ސޯސް ސެންޓަރުގައި އެ ކޯސް އޮންލައިންކޮށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތުދީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުމުން ކޯހުގައި ބައިވެރިވެ ކިޔެވުން ކުރިއަށް ގެންދަން ފެށީ ކަމަށެވެ.

ޔުނިވާސިޓީގެ މާސްޓަރސް ކޯހަކީ ދޮޅު އަހަރުގެ ކޯހެއް ނަމަވެސް އޮންލައިންކޮށް ފެށި އެ ކޯހުގެ މުއްދަތަކީ އެއް އަހަރުކަމަށް ސަރުކާރުން ނިންމައިފައިވާ ކަމަށާއި އެއީ ޕްރައިވެޓު ކޮލެޖުތަކުގައި ވެސް އެފަދަ ކޯސްތައް އެއް އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާތީ އެގޮތަށް ނިންމަން ހަމަޖެހިފައިވާ ކަމަށް ފެކަލްޓީއިން ބުނެފައިވާ ކަމަށް ހާނިމާ ކިޔައިދިނެެވެ.

އެ ކޯހުގެ ދިވެހި ބެޗުގެ ކުދިންގެ ކޯސް ނިމި ގްރެޖުއޭޓު ވެސް ވެފައިވާއިރު އިންގްލިޝް ލެންގުއޭޖުގެ ކުދިންގެ ހުރިހާ ކަމެއް ނިމި އެންމެ ފަހު ވަގުތު ގްރެޖުއޭޓު ނުވާކަމަށް އެންގިކަން ހާނިމާ ފާހަގަކުރިއެވެ.

" އަޅުގަނޑުމެން ކައިރީ ބުނެފަ އޮތީ ވަން އިޔަރގެ ކޯހަކަށް މީތި ބަދަލުވާނެ ޔޭ. ދެން ހުރިހާ ކަމެއް ހަމަޖައްސައި 2020ގެ ދެވަނަ ސެމިސްޓަރގައި ކިޔަވަން ފައްޓައިގެން އަޅުގަނޑުމެން އަތުން ކޯސް ފީ ވެސް ނަގައި ރަޖިސްޓްރީވެ ހުރިހާކަމެއް ކޮށް ނިމި މިއަހަރުގެ ޖޫން ޖުލައިގައި އަޅުގަނޑުމެން ނިމުނީ. އަޅުގަނޑުމެން ހުރިހާ ރިސާޗެއް ވެސް ހުށަހަޅައި އަޅުގަނޑުމެން އަތުން ހުރިހާ ފީއެއް ވެސް ނަގައި ޓެސްޓުތައް ނިމި އަޅުގަނޑުމެން ފާސްވިކަން ވެސް މޫޑީސް މެދުވެރިކޮށް އަންގައި ހުރިހާ ކަމެއްކޮށް ނިންމައިފައި ގްރެޖުއޭޝަން އިންޓެންޝަން ފޯމަށް ދާންދެން ފުރުވައި އަދި ނުވިތާކަށް ގްރެޖުއޭޝަން ފީގެ 500 ރުފިޔާ ވެސް އަޅުގަނޑުމެން އަތުން ނަގައިފައި އެންމެ ފަހު ގަޑީގައި ކޯސް ކޯޑިނޭޓަރު މި ބުނަނީ ކޯސް ވަން ޕޮއިންޓް ފައިވް އިޔާޒްއިން ވަން އިޔަރއަށް ޗޭންޖުކުރާ ފޯމެއް އޮންނާނެއޭ އެ ފޯމް ހުރިހާ ކުދިން ވެސް ފުރާފައި ހަވާލުކޮށްލާށޭ. ދެން އަޅުގަނޑުމެން އެ ފޯމު ވެސް ފުރައިފައި ދީފިން. އޭރު ދެން ގުރެޖުއޭޝަން ޑޭޓް ކައިރި ވާތީ ބައެއް ކުދިން ޓިކެޓު ވެސް ނަގައި ނިމިފައި އޮތީ މާލެ ދާން. ފުރަތަމަ ގްރެޖުއޭޝަންވި ލިސްޓު ނެރުނު އަޅުގަނޑުމެންގެ ނަން ވެސް އޮތް އިނގޭތޯ ލިސްޓުގައި. އެކަމަކު އެންމެ ފަހު ގަޑީގައި ކޯސް ކޯޑިނޭޓަރ މި ވިދާޅުވީ، ނެތޯ ތި ކުދިންނަށް މި ފަހަރު ގްރެޖުއޭޓު ވެވޭކަށް، އެމްކިޔުއިން މި ވަން ޕޮއިންޓް ފައިވް އިޔަރގެ ކޯސް އެއް އަހަރަށް ބަދަލުކުރަން އެޕްރޫވްކޮށްފައި ނުވާ ކަމަށް." ކުރި ހުރިހާ މަސައްކަތް ފެނަށް ދިއުމުން އެކަމާ ވަރަށް އަސަރުކޮށްފައި ހުރި ހާނިމާ އަސަރުން ފުރިގެންވާ އަޑަކުން "ދެން"އަށް ކިޔައިދިނެވެ.

އެޕްރޫވު ނުކުރާ ކޯހެއް އެފްއީއިން ހިންގައި ނިންމީ ކީއްވެ؟

އުސޫލެއްގެ ގޮތުން ބަލާ ނަމަ ނުވަތަ ޤާނޫނީ ގޮތުން ބަލާ ނަމަ އެމްކިޔުއިން އެޕްރޫވު ނުވާ ކޯހެއް ޕްރައިވެޓު ތާކުން ވެސް އަދި ޕަބްލިކު ތާކުން ވެސް ހިންގައިގެން ނުވާނެއެވެ. ނަމަވެސް އެފްއީއިން އެވަނީ އެމްކިޔުއޭއިން އެ ކޯސް އެޕްރޫވު ނުކުރަނީސް ކުދިން އަތުން ރުފިޔާ ނަގައިގެން ކޯސް ހިންގާ ދަރިވަރުންގެ ވަގުތާއި މަސައްކަތް ވެސް އަދި ފައިސާ ވެސް ބޭކާރުކޮށްފައެވެ.

އެމްކިޔުއިން ކޯސް އެޕްރޫވު ނުކުރާކަން އެނގޭނީ ކޯސް ނިމި ގްރެޖުއޭޓުވާ ހިސާބަށް ދިއުމުން ނޫން ކަމަށާއި އެއަށް ވުރެ ކުރިން އެފްއީއަށް އެކަން އެނގިފައި އޮންނާނެ ކަމަށް ދަރިވަރުން ގަބޫލު ކުރެއެވެ. އަދި އެކަމާ ގުޅިގެން ޔުނިވާސިޓީގެ ވައިސް ޗާންސެލަރއާއި ޑީންއަށް ވެސް އެ ދަރިވަރުން މެއިލްކޮށް މެސެޖު ކުރުމުން ވެސް ޖަވާބެއް ނުދިނުމުން މީޑީއާއެއް މެދުވެރިކޮށް ވެސް މިކަން ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތްކުރި ކަމަށާއި ނަމަވެސް ސިޔާސީ ކަމަކަށް ނުވުމުން ބައެއްގެ ސަމާލުކަން އެކަމަށް ނުލިބުނު ކަމަށް ވެއެވެ.

ނަމަވެސް ވަރަށް ބުރަ މަސައްކަތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މެދުވެރިކޮށް އެކި އިދާރާތަކަށް މިހާރު މައްސަލަ ހުށަހަޅައިފައިވާ ކަމަށް ވެސް މައުލޫމާތު ހާނިމާ ދިނެވެ.

ދަރިވަރުންގެ ތުހުމަތުތަކާ ގުޅިގެން އެފްއީގެ ބަހެއް ލިބޭތީ ކުރި މަސައްކަތުން އެ ފެކަލްޓިގެ ރެޖިސްޓްރާ ލާމިރު ވިދާޅުވީ، އެފްއީއިން ހިންގީ އެޕްރޫވް ނުވާ ކޯހެއް ނޫން ކަމަށާއި ކޯސް ފެށިއިރު ވެސް ދަރިވަރުންނަށް ދޫކޮށްފައި ވާނީ ދޮޅު އަހަރުގެ ކޯހުގެ ލިޔެކިޔުންތައް ކަމަށެވެ.

" އެއީ މުޅިން ދޮގެއް. އެކުދިންނަށް އަންގައިފައި ވާނީ އެއީ ދޮޅު އަހަރުގެ ކޯހެއްކަމަށް. ކޯސް ފެށިއިރު އެ ކޯހުގެ މުއްދަތު ކުޑަ ކުރުމަށް ދިޔައީ މަސައްކަތްތަކެއް ކުރަމުން. ދެން މިއަހަރުގެ ގްރެޖުއޭޝަން އައިއިރު ވެސް އެ ކޯސް އެއް އަހަރުގެ ކޯހަކަށް ބަދަލު ނުވޭ. އޮގަސްޓު އެއް ތިރީހުގައި ގްރެޖުއޭޝަން ކްލޯޒްވި ފަހުން ސެޕްޓެމްބަރު 15ގައި ކޯސް އެޕްރވުވީ އެއް އަހަރު ދުވަހަށް. އެހެންވީމަ އެކުދިންގެ އެ މުއްދަތު އޭރު ފުރިހަމާ ނުވާތީ އޮގަސްޓު މަހުގައި ގްރެޖުއޭޓު ނުވީ. ދެން އެކުދިންނަށް މާރޗު ހިސާބު ބާއްވާ ގްރެޖުއޭޝަންގައި ބައިވެރިވެވޭނެ. ލިސްޓު ނެރެނީ ގްރެޖުއޭޓުވީމައެއް ނޫން. ލިސްޓުގައި ހުންނާނީ ގްރެޖުއޭޝަން ފޯމެއް ލާފަ އޮތް ނަމަ އެ ފޯމެއްގައި އޮތް ދަރިވަރެއް. އެއީ އެއްވެސް ފޯމެއް މިސްވެފައިވޭތޯ ޔަގީން ކުރުމަށް." ލާމިރު ވިދާޅުވިއެވެ.

ލިބޭ ގެއްލުމުގެ ބަދަލު ދޭނީ ކާކު؟

ކޮންމެ ކޯހެއްވެސް ކުރިއަށް ގެންދެވޭނީ ވަރަށް ގިނަ ފައިސާ އެކަމަކަށް ޚަރަދުކޮށްގެންނެވެ. އެގޮތުން މި ކޯހުގައި ވެސް ބައިވެިވި ކުދިންއަތުން ވަނީ ވަރަށް ބޮޑެތި ޚަރަދުތައް ހިނގައިފައެވެ. ކޯސް ފީއާއި އަދިވެސް އެހެނިހެން ޚަރަދުތަކަށެވެ. 

މުދައްރިސުންނަކީ މިހާރުވެސް ވަރަށް ކުޑަ އުޖޫރައެއްގައި މަސައްކަތްކުރަމުންދާ ބަޔަކަށް ވެފައި ކޯސް ފުރިހަމަކޮށް ލިބެން ޖެހޭ ސަޓިފިކެޓު އެލަވަންސަކީ އެ ޓީޗަރުންގެ ދިރިއުޅުމުގެ ޚަރަދުތަކަށް މުހިއްމު އެއްޗަކަށް ވާނެކަން ޔަޤީނެވެ. 

"ކޯހެއް މި ނިންމަނީ ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްގެން. އެހެންކަމުން ކޯސް ނިންމައި ލިބޭ ސެޓްފިކޭޓު އެލަވަންސަކީ ވަރަށް މުހިއްމު އެއްޗެއް. ނަމަވެސް ބައެއްގެ އިހުމާލުން އަޅުގަނޑުމެންނަށް ލިބެން ޖެހޭ ސެޓިފިކޭޓު އެލަވަންސް ވެސް ކޯސް ނިންމިތާ އަށް މަސް ދުވަސް ފަހުން ލިބުމަކީ ވަރަށް ވެސް ނާއިންސާފުކަމެއް. އިޓްސް ނޮޓު ފެއަރ. އެފްއީ ހޯދަން ޖެހޭ އެޕްރޫވު ނުހޯދާ މިކަހަލަ ފީކަޅާ ކަންކަން ކުރީމަ ގެއްލުންމުން މި ލިބުނީ އަޅުގަނޑުމެންނަށް." ހާނިމާ ވަރަށް ނުރުހުމާ އެކު ބުނެފައިވެއެވެ.

ކޮންމެއަކަސް ކޮންމެވެސް ބައެއްގެ އިހުމާލުން ނަމަވެސް މިއޮތީ ބައެއްގެ މަސައްކަތާއި ވަގުތު ވެސް ބޭކާރުވެ އަނެއްކާވެސް ދެކެމުން އައި ހުވަފެން ހަޤީގަތަކަށް ހަދަން އިތުރު އަށް މަސް ދުވަހު މަޑު ކުރަން ޖެހިފައެވެ.

Ads by Allied Insurance
  1. ނަސީބު

    ފުވައްމުލަކު ޓީއާރސީ ތެރޭގައި ބޭއްވި ބައްދަލުވުމެއްގައި ކޯސް އިސްތިހާރު ކުރުމުގެ ގޮތުން ދެއްކި ވާހަކާގައި އެފް އީއިން ވަޑައިގެންނެވި ބޭފުޅުން ވިދާޅުވި މި ކޯސް 1އަހަރުގެ ކޯހެއްގެ ގޮތުގައޭ ކުރިއަށް ދާނީ… ޕްރޮސެސް ވަމުންނޭ ދަނީ.. އަނެއްކާ އެއީ ކޯހަށް ކުދިން ގިނަ ކުރަނަ ޖެހި މަޅިއެއްބާ.. ތި ކޯހަށް ފޯމު ލާފައި ފަހުން ޚިޔާލު ބަދަލުޖިށް ޒިކުރާ ކޮލެޖުން ކޯސް ހެދި ކުދިންނަކީ ނަސީބުވެރިން.

  2. ދަރިވަރެއް

    ދެން އިން ތިކަހަލަ ކިތަންމެ ޙަބަރެއް އެބަހުރި އެމްއެންޔޫގެ..، މިސާލަކަށް ދަރިވަރުން އަތުން ރުފިޔާ ނަގައިގެން ގުރެޖުއަެޝަން މި ބާވަނީ އެމީހުންގެ އޮޑިޓޯރިއަމްގަ ހޯލްއެއް ހިފާލާކަށްވެސް ނުކެރުން ދެން ބުނާނެ ކޮވިޑޭ….. ކޮންމެ ކުއްޖަކު އަތުން 500 ހަަަ ރުފިޔާ ނަގާފަ އެހާ ކުޑަ ތަނެއްގަ، ދެން އިނޗެސް ޔެސް ޓިވީ އެ ހަފްލާ ބަލާލާފަ ހަބަރެއް ލިޔެލާނެކަމަށް އުންމީދު ކުރަން، ދެން އަނެއްކަމަކީ ކޯސް ކިޔެވި އިރު ކޯސް ނިމޭތީ ޕޭމަންޓަ ދައްކަން އަވަހާ ބުނުން ޕޭމަން އިތުރު ކުރަން ބުނީމަ ޖަވާބަކަށް ބުނީ ކުދިން ޒިންމާދުވާށޭ އެހެން ބުނި އިރު އެ އީ ލޮކްޑައުންގަ ކޮވިޑްގެ އެންމެ ނާޒުކު ދުވަސްކޮޅު…

  3. ބިސްނަސް

    އެމް އެންޔޫ ގެ ބިސްނަސް ސްކޫލްގެ ބީ އޭ އެފް ހަދާ ކުދިންނަށް ތީގެ ލަގާ ވަރަށް ރަނގަޅަށް ދީފަ ވަނީ އަދި ދެމުން ދަނީ

  4. އެއްކަމެއްވެސް ރަގަޅަށް ނުކުރެވެނީ ދޯ ؟ ކޮންމެ ކަމެއްވެސް ސިޔާސީ ކުލަ ޖައްސައިގެން މިގެންދަނީ !