ރިޕޯޓް

ޖުޑީޝަރީ އިސްލާޙެއް ނުވި: އަދިވެސް 100ދުވަސް ފުރިހަމަ ނުވަނީތަ؟

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން
ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން އަދި ޖޭއެސްސީގެ މެންބަރު ރައީސް ނަޝީދު

ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އެމްޑީޕީ ކޯލިޝަންގެ ރިޔާސީ ވައުދެކެވެ. އިންސާފު ގާއިމުކޮށްދިނުމަށް ކަމަށް ބުނެ އައި މީހުން ދަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުން ކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ.

Ads by STELCO

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރާނެ ކަމަށް ވަޢުދުވުން

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ ރާއްޖޭގެ ޝަރުޢީ ނިޒާމަށް އޮތީ ސިޔާސީ ނުފޫޒު ވަދެފައި ކަމަށެވެ. އަދި ބުނަމުން ގެންދިޔައީ ފަނޑިޔާރުގެތައް ސިޔާސީ ކަސްތޮޅުންތަކުން ކަސްތޮޅު އެޅިފައިވާ ކަމަށެވެ.ނަމަވެސް އޭރުގައި ޖުޑިޝަރީގައި ތިއްބެވި އެއްވެސް ފަނޑިޔާރަކު އެ ބޭފުޅުންނަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ބަޔާން ނެރުނު މަންޒަރެއް ނުފެނެއެވެ. ނަމަވެސް ޖުޑިޝަރީ މިނިވަންކޮށް ފަނޑިޔާރުގެތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ބުނެ ވެރިކަމަށް އައި ބައެއްގެ ވެރިކަމަށް އަހަރެއް ނުވަނީސް ފަނޑިޔާރުގެތަކަށް ސަރުކާރާ އަދި މަޖިލިސް ގުޅިގެން ނުފޫޒު ފޯރުވަމުން ދާ ކަމަށް ޝަރުޢީ ނިޒާމުގެ އެންމެ މަތީ ކޯޓު އަދި ޝަރުޢީ ގޮތުން އެންމެ ފަހު ބަސް ބުނާނެ އިދާރާކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށް ފައިވާ ސުޕްރީމު ކޯޓުގެ އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެކަމާ ގުޅިގެން ޝަރުއީ ދާއިރާގެ ބެލެނިވެރިފަރާތް ޖުޑީޝަލް ސާވިސް ކޮމިޝަނުން އޮތީ ހަނެވެ. ބަހެއް ނެތެވެ. 

ކަންމިހެން ހުރި އިރު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނާއި، ކޯޓުތަކުގެ ގާނޫނު އަދި ފަނޑިޔާރުންގެ ގާނޫނު ރިވިއުކޮށް، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، އެނޫން ވެސް ކަމާ ގުޅޭގޮތުން އަމަލުކުރެވޭ ބައިނަލްއަޤްވާމީ އުސޫލުތަކާއި ހަމަތަކަށް ބިނާކޮށް، ޢަދުލު އިންސާފުގެ ދާއިރާއާ ގުޅޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހު ގެނައުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް އެމްޑީޕީއިން އިދިކޮޅުގައި އޮތް އިރު ވަނީ ވަރަށް ބޮޑަށް ވަކާލާތުކޮށްފައެވެ. ސަރުކާރުގެ ވައުދުތަކުގައި ހިމެނި، ވެރިކަމަށް ތިން އަހަރުވާން ގާތްވީއިރު ވެސް އެފަދަ އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަދި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ރަނގަޅު އަދި މުހިންމު އިސްލާހުތަކާއި އެކު އިދިކޮޅު ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގް (ޓޮމް) މަޖިލީހަށް ބިލެއް ހުށަހެޅުމުން އެމްޑީޕީގެ މެމްބަރު އެ އިސްލާހު ބޭރުކޮށްލީއެވެ.

ޖޭއެސްސީގެ ނަހަމަ ބޭނުން ކުރާ ކަމަށް ތުހުމަތުކުރުން!

ގާނޫނުއަސާސީގެ 158ވަނަ މާއްދާއާއި 161 ވަނަ މާއްދާއާއި 162 ވަނަ މާއްދާ އަދި 165 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް އިދިކޮޅުން މަޖިލީހަށް ބިލެއް ހުށަހެޅީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރު އެ ބިލް ބޭރު ކުރަން ވޯޓު ދީ އިބްތިދާއީ ބަހުސް މަރުހަލާގައި އެމްޑީޕީގެ މެމްބަރުން އެއްވެސް ވާހަކައެއް ނުދައްކަވައެވެ. ކިރިޔާ ވެސް ނިޒާމީ ނުކުތާތަކެއް ނެންގެވި މެމްބަރުން ވިދާޅުވީ މިއީ އެމްޑީޕީގެ ވައުދެއް ކަމަށާއި، ސަރުކާރުން އެ ބިލު ޑްރާފްޓު ކުރަމުންދާއިރު މިފަދަ ބިލެއް އިދިކޮޅުން ހުށަހެޅީ ސަރުކާރަށް ޖެއްސުން ކުރުމަށް ކަމަށެވެ.

ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ އެ ކޮމިޝަނުގައި ސިޔާސީ ބަޔަކު ތިބުން އެއީ ފުށުއެރުމެއް ނޫން ކަމަށެވެ.

ޖޭއެސްސީ އެކުލަވައިލައިފައި އޮންނަ ގޮތުން އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުންނަށް ތިބެވެއެވެ. އަދި އެ މީހުންގެ ސަބަބުން ފަނޑިޔާރުގެތަކަށް ނުފޫޒު ވަންނަކަމަށް ތުހުމަތުތައް ކުރެވެއެވެ. އަދި އެ ފުރުސަތު އޮންނާނެކަން މީޑިއާތަކުން ވެސް ރިޕޯޓު ކުރެއެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަސްތަކުގެ ތެރޭގައި ޖޭއެސްސީން ވަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލައި އެ މީހުން މަގާމުން ވަކިކޮށްފައެވެ.

ކުރީގެ ރައީސް ، ރައީސް ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުގައި ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުން ތިން ގާޒީއެއްގެ އޯޑިއޯތަކެއް ލީކުވި މައްސަލަ ވެސް ޖޭއެސްސީން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ އޯޑިއޯތަކުގައި ސަރުކާރުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވިކަން ދޭހަވާ މޭރުމަކުން އެ ބޭފުޅުން ވާހަކަ ދައްކަވައެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުނުކޮށް ލަސް ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އެ މަސައްކަތް ކުރަމުން ގެންދާ ކަަމަށް ވެސް ވިދާޅުވިއެވެ.

ކޮމްޕޮޒިޝަން ބަދަލުނުކޮށް ލަސް ކުރަނީ ސަރުކާރުން ވަކި ބޭފުޅަކާ ގުޅޭ ގޮތުން ގެންގުޅޭ ޒާތީ ތަޢައްޞުބެއްގެ ތެރެއިން ޙުކުމްތަކެއް އިއްވަން ކަމަށް އިދިކޮޅުން ކުރާ ތުހުމަތުތަކަކީ ކުޑަ ކަމެއް ނޫނެވެ.

"ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުނުކޮށް ލަސްކުރަނީ ސީދާ ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވަން. އެކަމުގެ ފަހަތުގައި އޮތީ ޖުޑިޝިއަރީ އަތް ބާނާ ރައީސް ޔާމީންއަށް ޓާގެޓުކޮށްފައިވާ މައްސަލަތަކަށް ނުފޫޒު ފޯރުވުން. އެއީ ޝައްކެތް ނެތް މިންވަރަށް ފެންނަން އޮތް ޙަޤީގަތެއް. ރާއްޖޭގެ ޖުޑީޝިއަރީގެ މިނިވަންކަމަށް މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ ޖޭއެސްސީގެ މިހާރުގެ ކޮމްޕޮޒިޝަން. ނަމަވެސް އެކަން މިސަރުކާރުން ބަދަލު ކުރާނީ ރައީސް ޔާމީންއަށް އެ ބޭފުޅުން ބޭނުންވާ ޙުކުމްތަކެއް ކޮށްފައި. އެކަން މިދަނީ ފެންނަމުން. މިހާރު އޮތް ޖޭއެސްސީ އޮވެގެން ފެންނަމުންދާނީ އާޓީފިޝަލް އިންޑިޕެންޑެންޓު ޖުޑިޝިއަރީއެއް" ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު އަދި ރާއްޖޭގެ ކޯޓުތަކުގައި މީގެ ކުރިން ފަނޑިޔާރުންކަން ވެސް ކުރައްވައިފައިވާ ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވިއެވެ.

ސަރުކާރުގެ ބަހަކީ ކޮބާ؟

ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނަކީ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުކަން ކުރައްވައިފައިވާ ބޭފުޅުންނެވެ. އޭގެ އިތުރުން އެ ބޭފުޅުން ވަނީ 2018ގެ ރިޔާސީ އިންތިހާބު ބާތިލު ކުރަން ހުށަހެޅި މައްސަލައިގައި ވެސް ވަކާލާތުކޮށްފައެވެ.

ޖޭއެސްސީގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހިސާން ޙުސައިނެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު ވެސް ޖޭއެސްސީގައި އިންނަވައެވެ. އަދި ބަންޑާރަ ނައިބު އިބްރާޙީމް ރިފްޢަތާ އެކު، ރައީސްގެ މަންދޫބެއްގެ ގޮތުން މަޞްތޫރު ހުސްނީ ވެސް އެ ކޮމިޝަންގައި އިންނަވައެވެ.

ކަންމިހެން އޮތްއިރު މި ސަރުކާރުން ވީ އެއް ވައުދު ފަނޑިޔާރުގެތައް ރިފޯމުކޮށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުން މިއޮތީ ނުފުއްދިކަން ފާހަގަކޮށްލެވެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވަނީ އެ ވައުދު ނުފުއްދާ ލަސްވެއްޖެކަން ގަބޫލުކޮށްފައެވެ. އަދި މިހާރު އެ ބުނަމުން ދަނީ ޖޭއެސްސީގެ ކޮމްޕޮޒިޝަންއަށް ބަދަލު ގެނައުމަށް މިހާރު މަސައްކަތްކުރަމުން ދާ ކަމަށެވެ.

ކަންމިހެން އޮތްއިރު ސިޔާސީ މީހުން އައްޔަންކޮށް ޖޭއެސްސީ އެކުލަވައިލާ އެމީހުންގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ފަހު މިހާރު އެމްޑީޕީއިން މިދަނީ އެމީހުން ވެސް ގުރުބާންކުރަން ތައްޔާރުވަމުން ކަމަށް ކުރެވޭ ތުހުމަތުތަކަށް ސަރުކާރުގެ އިތުރުން ސީދާ ޖޭއެސްސީގެ ބަހެއް ވެސް ވަރަށް މުހިއްމުކަން ޔަޤީނެވެ. އެގޮތުން އެ ކޮމިޝަންގެ ރައީސާ ގުޅައިލަން "ދެން"އިން ވަރަށް މަސައްކަތްކުރީމެވެ. އަދި ފޯނަށް ޖަވާބު ނުދިނުމުން މެސެޖުގެ ޒަރީޢާއިން ސުވާލުތައް ވެސް ފޮނުވި ނަމަވެސް ޙިސާންގެ ފަރާތުން ޖަވާބެއް ލިބިފައެއް ނުވެއެވެ.

ކޮންމެ އަކަސް ފުރަތަމަ ސަތޭކަ ދުވަހުގެ ވަޢުދެއް 1080 ދުވަހާ ކައިރިވެފައިވާއިރު ވެސް ނުފުއްދުމަކީ ލަދުވެތިވާން ޖެހޭ ކަމެއްކަމަށް ގިނަ ބަަޔކު ބުނަމުންދެއެވެ. އެމްޑީޕީގެ ވަޢުދުތަކަކީ އޮއްޓަރު ހުރި ވަޢުދުތަކެއް ނަމަވެސް އެކަންކަން ފުއްދައިދީފައި ނުވުމުން ގިނަ ބައެއްގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

Ads by HDC
  1. ޙިސާން ސައިކަލުގެފަހަތުގަ ސޮނިބޭހުރުމުން ޖުޑިޝަރީ އިސްލާޙް ވެފައެއްނު އެއޮތީ