ދިވެހިންނަށް ފްލެމިންގޯ ފެނިއްޖެ، މިހާރު ފްލެމިންގޯ ނެތް ތަނެއް ނެތް

އިއްޔެ މުޅި ޝޯސަލް މީޑިއާގައި ފަތު އަޑު ކިޔައިފައި ފެތުރުނީ ކުޅުދުއްފުށީ ކުޅީގައި ތިބި ފްލެމިންގޯ އައިނެކެވެ. އިސާހިތަކު މުޅި ޝޯސަލް މީޑިއާ ފުރައިލީ މި ރީތި ދޫނިތަކުގެ ފޮޓޯތަކުންނެވެ.
ކުޅުދުއްފުށީ ކުޅީގައި ތިބި ފްލެމިންގޯތަކަށް ވުރެ ރީތި ފްލެމިންގޯތައް އެކި ރަށްރަށުގެ ބީޗްތަކާއި ގޭގޭގެ ފުރާޅުތަކުގެ އިތުރުން އާއްމު ދިރިއުޅުމުގެ ތެރެއަށް ވެސް ވަދެއްޖެއެވެ. ބައެއް މީހުންނާ އެކު ސެލްފީ ވެސް ނަގަން ފްލެމިންގޯތައް އައިސްފިއެވެ.

ފޮޓޯ: ފޭސް ބުކް
ދިވެހިންނަކީ ކުރާ ކޮންމެކަމެއްގައި ވެސް އެކަމެއްގެ އެންމެ ފުރިހަމަ ގޮތުގައި ކުރާ ބައެކެވެ. ހިޖުރަ ކުރި ފްލެމިންގޯތަކާ އެކު ވެސް ދިވެހިންގެ މުޅި ޝޯޝަލް މީޑިޔާ ފުރައިލީ މިހެންވެ ކަމަށް ވެސް ވެދާނެއެވެ. ދިވެހިންގެ ހުނަރުން ފުރިގެންވީ އެޑިޓްތަކުން ފުލެމިންގޯތައް އެރީ އެކަނި ކުޅިތަކަށާއި އަތިރިމައްޗަކަށް ނޫނެވެ.

ފޮޓޯ: ފޭސްބުކް
ޖެޓްސްކީ ބުރުތަކަށާއި ސެލްފީތަކުގެ އިތުރުން މީސް މީހުންގެ ފޯނަށް އަންނަ މެސެޖުތައް ކިޔުމުގައި ވެސް ފްލެމިންގޯތައް ވަރަށް އަވަދިނެތި އެބަ އުޅެއެވެ

ފޮޓޯ: ފޭސްބުކް
ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫންޏާ ބެހޭ ކުޑަ މައުލޫމާތުކޮޅެއް!
ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫންޏަކީ ބޮޑު ދޫންޏެކެވެ. މާކަނާ އާއިލާއަށް ނިސްބަތްވާ މި ދޫނި އާއްމުގޮތެއްގައި މާކަނާއަށް ވުރެ ބޮޑެެވެ. އެހެން ނަމަވެސް މާކަނާތަކާ އެއްގޮތަކަށް ކަރު ދިގުކޮށް ހުންނަ މި ދޫނިތަކުގައި ހުންނަނީ ފިޔާތޮށި ނުވަތަ ރެޑިޝް ކުލައިގެ ފަތްތަކެވެ.

ފްލެމިންގޯއަކީ ހިމާޔަތް ކޮށްފައިވާ ދޫންޏެއް، ހިފައިފި ނަމަ ކުށްވެރިވާނެ!
މިދުވަސްވަރަކީ ދޫނި ހިޖުރަ ކުރާ ދުވަސްވަރަށް ވެފައި މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ހިމާޔަތް ކޮށްފައިވާ ދޫނިތައް ކޮންމެ އަހަރަކު ވެސް ދަނީ ފެންނަމުންނެވެ. އެހެން ނަމަވެސް ހިތާމައަކީ މިހެން ރާއްޖެއައިސް އުޅޭ ދޫނިތައް ހިފައި އަނިޔާ ކުރުމަކީ ދިވެހިން ކޮށް އުޅޭ ކަމަކަށްވުމެވެ. މިގޮތުން ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށުން ފްލެމިންގޯ ދޫނިތައް ފެނިފައިވާއިރު މީގެ ތެރެއިން ބައެއް ދޫނި ހިފައި ފިޔަ ކޮށައި ވިއްކައިލާން ވެސް ވަނީ ޖަހައިފައެވެ. އެހެން ނަމަވެސް މިއީ ގާނޫނީ ގޮތުން މުޅިން މަނާ ކަމެކެވެ.

ހިމާޔަތްކޮށްފައިވާ ދޫނި ހިފައި އަނިޔާކުރާ ނަމަ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރާނެއެވެ. އެގޮތުން އެއް ދޫނި ނަމަ 20،000ރ.، އެއަށް ވުރެ އިތުރުވާ ނަމަ އިތުރުވާ ކޮންމެ ދޫންޏަކަށް 25،000ރ؛ އިން އަދި ހިމާޔަތްކޮށްފައިވާ ދޫންޏެއް ނަމަ އިތުރުވާ ކޮންމެ ދޫންޏަކަށް 10،000ރ.އިން ޖޫރިމަނާ ކުރާނެއެެވެ.
ހިމާޔަތް ކޮށްފައިވާ ދޫނިތަކަށް ރައްކާތެރިކަންދީ ހިޖުރަ ކުރާ ދޫނިތަކަށް ރައްކާތެރިކަން ދިނުމުން އަޅުގަނޑުމެންގެ މިވެށި ތެރެއިން މިފަދަ ރީތި އެތަށް މަންޒަރެއް ފެންނާނެއެވެ.