ޚަބަރު

ވަންނާނެ ގެދޮރެއް ނެތް 1،200 އާއިލާ ކުޅުދުއްފުށީގައި އެބަތިބި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މިރޭގެ ޖަލްސާގައި ރައީސް ޞާލިޙް ވާހަަކަފުޅު ދައްކަވަނީ.. ފޮޓޯ/ރައީސް އޮފީސް

(ހދ.ކުޅުދުއްފުށިން) ވަންނާނެ ގެދޮރެއް ނެތް 1،200 އާއިލާ ހދ. ކުޅުދުއްފުށި ސިޓީގައި އެބަތިބި ކަމަށް، އެ ސިޓީގެ މޭޔަރ މުޙައްމަދު އާތިފު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ފާހަގަ ކުރުމުގެ ގޮތުން، ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރ އާތިފް ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ޒުވާނުންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ.

"އަޅުގަނޑުމެންގެ ގާތްގަނޑަކަށް އެބަތިބި 1،200 އާއިލާ މިހާރު ވެސް ބޯހިޔާވަހިކަމެއް ނުލިބި. އަޅުގަނޑު މި ދެންނެވި 1،200 އާއިލާއަކީ ބިމެއްވެސް ނެތް އަދި ވަންނާނެ ފްލެޓެއް ވެސް ނެތް އާއިލާތަކެއް" މޭޔަރ އާތިފް ވިދާޅުވިއެވެ.

މޭޔަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ބިން ހުރި ފަރާތްތަކެއް ވެސް ބިމުގައި އިމާރާތް ކުރެވޭނެ ތަނަވަސްކަން ނެތް ފަރާތްތަކެއް ވެސް އެބަތިބި ކަމަށާއި ނަމަވެސް ސަރުކާރުގެ ގެދޮރުވެރިޔާ ލޯނުގެ ސަބަބުން އެފަރާތްތަށް މިއަދު ލުއެއް ލިބިފައިވާ ކަމަށެވެ. މިހެންކަމުން މޭޔަރު ވަނީ ރައީސަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މާ ލަސްތަކެއް ނުވެ، ސަރުކާރުން ބޯހިޔާވަހި ކަމަށް ދިމާވެފައި އޮތް މައްސަލައަށް ހައްލު ގެނެސް ދެއްވާނެ ކަމަށް އިތުބާރު ކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރ އާތިފްގެ ކަންބޮޑުވުމާ ގުޅިގެން، މިރޭގެ އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ބަޖެޓުން 1.2 ބިލިޔަން ރުފިޔާ ޚަރަދު ކުރަން ނިންމަވައިފައިވާ ކަމަށާއި އޭގެ ތެރެއިން ހައުސިނގް ޔުނިޓް އަޅަން ނިންމާފައިވާ އެއް ރަށަކީ ކުޅުދުއްފުށި ކަމަށެެވެ. އަދި ކުޅުދުއްފުށީގައި އަންނަ އަހަރު 400 ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

"އިރާދަ ކުރެއްވިއްޔާ މިއަންނަ އަހަރު، ބަޖެޓުން އެކަނި މިރަށަށް 400 ހައުސިންގް ޔުނިޓް މިހާރުވާނީ ރިޒާވްކޮށްފައި" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުުރުން ބޭރު އިންވެސްޓަރަކު ކުޅުދުއްފުށީގައި 1،000 ހައުސިނގް ޔުނިޓް އެޅުމަށް ޝަޢުޤުވެރިވެފައިވާ ކަމަށާއި މިހާރު އެ މަޝްރޫއުގެ މަޝްވަރާގެ ކަންކަން އޮތީ ނިމުމަކާ ހިސާބުގައި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

އަދި ބޮޑުތި ލަދުންމައްޗަށް ދިމާވެފައިވާ އެންމެ ބޮޑު އަނެއް މައްސަލަގެ ގޮތުގައި މޭޔަރު ފާހަގަ ކުރެއްވި ވަޒީފާގެ ފުރުސަތުތައް ނެތުމަށް ހައްލު ހޯދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވައިފައެވެ. މިގޮތުން ބޮޑު ތިލަދުންމަތީގައި، ޓޫރިޒަމް ފުޅާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!