ޚަބަރު

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެމީހަކު ހުރި ރަށަކުން ފަރުވާދެވޭނެ ގޮތް ހަދަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މިރޭގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް ޞާލިޙް.. ފޮޓޯ/ރައީސް އޮފީސް

(ހދ.ކުޅުދުއްފުށިން) ސަރުކާރުގެ އަމާޒަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ކުޅުދުއްފުށީގައި މިރޭ ކުރިޔަށް ދިޔަ ޒުވާނުންގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ، ޒުވާނުންގެ ދާއިރާގައި އެންމެ ދުވަސްވީ މައްސަލައަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން، އެކަމުން ސަލާމަތްކޮށް އަލުން އަނބުރާ މުޖުތަމައަށް ގެނައުމުގެ މައްސަލަ ކަމުގައެވެ. އަދި ސަރުކާރުގެ އަމާޒަކީ، އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އެކަމަށް ޓަކައި މުޖުތަމަޢުގައި ތިބެގެން، ފަރުވާ ހޯދޭނެ ވަށައި ޖެހޭ ޕްރޮގްރާމްތަކެއް ވަރަށް އަވަހަށް ފެށުމަށް ހެލްތް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ހުރި ޑިޓޮކްސް ސެންޓަރުތަކުގެ ޝަކުވާ ވަރަށް ބޮޑުވެ، ނޭޝަނަލް ޑްރަގް އެޖްސީ ރިފޯމް ކުރުމަށް ގޮވައިލާ މިއަހަރު މުޒާހަރާ ވެސް ކުރިއެވެ.

ރާއްޖޭގައި މިހާރު ޑްރަގްގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އޮތް މިންވަރާ ގުޅިގެން ދާދިފަހުން ނެރުނު ދިރާސާއެއްގައި ވާގޮތުން ރާއްޖޭގައި ޑްރަގުގެ ވަބާގައި 8 އަހަރުގެ ކުދިން ވެސް ޖެހިފައިވެއެވެ. އަދި 2014 ވަނަ އަހަރު ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ރިޕޯޓު ކުރެވުނީ 22 އަހަރާއި 37 އަހަރާ ދެމެދުގެ މީހުން ނަމަވެސް، މިއަހަރަށް ބަލާއިރު އުމުރުން 17 އަހަރުން ފެށިގެން 68 އަހަރާ ދެމެދުގެ މީހުން ވެސް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް މި ދިރާސާއިން ދައްކައެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަސްތުވާ ތަކެތި ބޭނުން ކުރާ މީހުން އުޅެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!