ޚަބަރު

‎ޤައުމުގެ މިނިވަންކަން ދިފާއުކުރަން ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅަށް މާލެ އަތޮޅު ރައީސްގެ ޝުކުރު!

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން
މާލެ އަތޮޅުގެ ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް

ޤައުމުގެ މިނިވަންކަން ދިފާއުކުރަން ރައީސް އަބްދުﷲ ޔާމީން ކުރައްވާ މަސައްކަތްޕުޅަށް މާލެ އަތޮޅުގެ ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ޝުކުރު އަދާކުރައްވައިފިއެވެ.

ނިމާލް މިފަދައިން ވިދާޅުވީ މިނިވަންކަމުގެ ދިފާއުގައި ދިވެހިން ކެމްޕެއިންގެ ތެރެއިން ސޮއިކުރަން ފަށައިފައިވާ ޕެޓިޝަން އަތޮޅުތެރޭގައި އިފްތިތާހުކުރުމަށް މާލެ އަތޮޅު ހިންމަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

ނިމާލް ވިދާޅުވީ އަމިއްލަ އެދުމުން ފޯވެފައި ތިބި ވެރިންތަކެއް އެމީހުންގެ ޖާހާޝައުކަތު ހާސިލުކުރުމަށް ގައުމު ވިއްކައިލާ މިނިވަންކަން ނުރައްކަލަށް ހުށަހަޅަމުން ގެންދާ ގެންދިއުމާ ދެކޮޅަށް، ނުހައްގުން ބަންދުގައި ހުންނަވާ ވެސް ވިސްނަވާ ވަޑައިގެން އެކަންކަން ކާމިޔާބު ވިޔަ ނުދެއްވުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅަކީ ފާހަގަކޮށްނުލައި ދޫކޮށްނުލެވޭނެ ކަމެއް ކަމަށާއި، އެގޮތުން އަމިއްލަފުޅު ޙާލާ މެދު ވިސްނައިވަޑައިގެންނެވުމަށް ވުރެ ވެސް ބޮޑަށް ގައުމު އިސްކުރައްވާ މިންނެތް މަސައްކަތަށް ހިތުގެ އިޚްލާސްތެރި ޝުކުރު އަދާކުރާ ކަމަށް ވެސް ނިމާލް ވިދާޅުވިއެވެ.

" އަމިއްލަ އެދުން އިސްކޮށް މުޅި ޤައުމު ނީލަންކިޔާ، ތިމާމެންގެ ޖާހަތާއި ޝައުކަތު އިސްކޮށް ބަޔަކު މި ޤައުމު ހަފުސްކޮށްލަން އުޅެނިކޮށް ދިވެހިން ހޭލައްވާލަ ދެއްވާ މި ފަދަ މުހިއްމު މަސައްކަތެއް ފަށަން އަނިޔާވެރިކަން ތަޙަމަލުކުރައްވަމުން ގެންދަވަމުން ވެސް ރައީސް ޔާމީން އިސްނެންގެވީތީ ހިތުގެ އެންމެ ފުން މިނުން އެމަނިކުފާނަށް ޝުކުރު އަދާކުރަން. މަނިކުފާނަކީ އަބަދުވެސް ދީނާ ޤައުމާއި ރައްޔިތުން އިސްކުރައްވާ ވެރިއެއްކަން ސާބިތުކޮށްދެނީ މި ފަދަ އަގުހުރި މަސައްކަތްޕުޅުތަކުން" ނިމާލް ވިދާޅުވިއެވެ.

ނިމާލް ވަނީ މާލެ އަތޮޅުގެ ރައްޔިތުންގެ ފަރާތުން ވެސް މި ޕެޓިޝަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް ދެމުން ގެންދާ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

މިނިވަންކަމުގެ ދިފާއުގައި ދިވެހިން ޕެޓިޝަނަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އަދި ގޮތް ނޭނގޭ އެއްބަސްވުންތައް އެކުލަވައިލާ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާކުރަމުން ގެންދާތީ އެކަމާ ދެކޮޅަށް ހުށަހަޅާ ޕެޓިޝަނެކެވެ.

މި ޕެޓީޝަންގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިޔާގެ ސަރުކާރާ އެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމްކޮށް އިންޑިޔާގެ އަސްކަރީ ބޭނުންތަކަށް ދިވެހިރާއްޖޭގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު ދީފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފަށްކަމަށް ވާތީއާއި، އެ އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރު ކެނޑި، ދިވެހިގައުމުގެ މިނިވަންކަމަށް ބުރޫ އަރައިފައިވާތީ ދިވެހިރާއްޖޭގައި ގާނޫނާ ޚިލާފަށް މިހާރު ތިބި އިންޑިޔާގެ އެންމެހާ އަސްކަރީ ފަރާތްތަކާއި ވަސީލަތްތައް ދިވެހި ބިމުން ބޭލުމަށް އިންޑިޔާ ސަރުކާރަށާއި އަދި ދިވެހި ސަރުކާރަށް ވެސް ގޮވައިލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!