ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް ވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށްފައި: މިނިސްޓަރ ނަހުލާ

ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް ވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށްފައި ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފަރާތުން، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު މިނިސްޓަރު ނަހުލާއާއި ޓްރާންސްޕޯޓުގެ އިސްވެރިން ހާޒިރުކުރީ އެތަނުގެ ހިދުމަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާތަކަށް އަދިވެސް ހައްލެއް އައިސްފައި ނުވާ ކަމަށް ބުނެއެވެ.
މިއަދުގެ އެ ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ވަނީ ޓްރާންސްޕޯޓު އޮތޯރިޓީގެ ހިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުން ކުރާ ޝަކުވާތައް މަދު ނުވާކަން ފާހަގަ ކުރައްވައިފައެވެ. އަދި ކުރީ ސަރުކާރުން "ހޭވި ހަޑި" ފިލުވަން ވަގުތު ބޭނުންވާ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި ފަހުން މިހާރު ތިން އަހަރުވާން ގާތްވެފައިވާ ކަމަށާއި ފިލުވި ހަޑި އަލުން ހަޑިވާ ވަރަށް ވެސް ވަގުތު ދެވިއްޖެކަމަށް މެންބަރުން ވިދާޅުވިއެވެ. އެގޮތުން ޓްރާންސްޕޯޓާ ގުޅިގެން ކޮށްފައިވާ ޝަކުވާތަކުގެ ތެރޭގައި ލައިސަންސް ލިބުން ލަސްވުމާއި، އުޅަނދު ރަޖިސްޓަރީކުރުން ލަސްވުމުގެ އިތުރުން ކަނޑުދަތުރުގެ ހިދުމަތްތައް ލަސްވުން ވެސް ހިމެނެއެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު މިއަދު ވިދާޅުވީ ހިދުމަތްތަކާ ގުޅިގެން އުޅޭ ޝަކުވާތައް ސާފުކުރަން ކޮމިޓީއަށް ސިޓީއެއް ފޮނުވި ނަމަވެސް، އަދިވެސް އެ ޝަކުވާތަކަކީ ކޮބައިކަން ސާފުނުވާ ކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތް ލަސްކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.