މަރުވި ނަރުހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި

އައިޖީއެމްއެޗުގެ ނަރުހަކު ދަންޖެހިގެން އަމިއްލައަށް މަރުވި ކަމަށް ބުނާ މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެން އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފިއެވެ.
އައިޖީއެމްއެޗްގައި ހީމޯ ޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި މޭރީގެ ހަށިގަނޑު ޕޯސްޓުމޯޓެމް ހެދުމަށް ފޮނުވައިފައި ވަނީ އިންޑިއާއަށެވެ. ފުލުހުން ވިދާޅުވީ އޭނާގެ ހަށިގަނޑު އެ ޤައުމަށް ފޮނުވީ އިއްޔެ ކަމަށެވެ.
ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މޭރީ މަރުވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގައެވެ. އެ މައްސަލައިގައި ހައްޔަރު ކުރި އުމުރުން 29 އަހަރުގެ އޭނާގެ ފިރިމީހާއަކީ އައިޖީއެމްއެޗުގެ އީއާރުގައި މަސައްކަތް ކުރާ ނަރުހެކެވެ. މިދެމަފިރިންގެ 4 އަހަރުގެ ދަރިއަކު ވެސް ހުރެއެވެ.
މި މައްސަލައިގައި، އެ އަންހެންމީހާ މަރުވީ ދަންޖެހިގެންކަން ކަށަވަރު ވެފައި ނުވާ ކަމަށާއި އަދި އެ އަންހެންމީހާގެ ކަރުގައި ދަންޖެހިފައިވާ ކަމުގެ ނިޝާނެއް ވެސް ފެންނަން ނެތް ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
މޭރީގެ މަރާ އެކު ޝައްކުތައް އުފެދިފައިވާ އިރު މޭރީގެ ފިރިމީހާގެ އުޅެނީ އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ދިވެހި ނަރުހަކާ ލޯބީގެ ގޮތުން ގުޅިގެން ކަމަށާއި މިމައްސަލައިގައި އެދެމަފިރިންގެ މެދުގައި ގުޅުން ގޯސްވެފައިވާ ވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.