ރިޕޯޓް

ޝަހީދު ޙުސައިން އާދަމްގެ މަންމާގެ އަސަރުގަދަ އިހްސާސްތައް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޝަހީދު ޙުސެއިން އާދަމްގެ މަންމާފުޅު އާއިޝަތު ޙަސަން އާއި ބައްޕާފުޅު އާދަމް މުޙައްމަދު/ ފޮޓޯ: ނައުޝަމް ވަހީދު

މިއަދަކީ ރާއްޖޭގެ ނަސްރުގެ ދުވަހެވެ. ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ފާހަގަ ކުރާ މި ދުވަހަކީ 1988ވަނަ އަހަރު ދިވެހިންގެ ބަޔަކާ ގުޅިގެން ނިރުބަވެރިންތަކެއް ރާއްޖެއަށް ދިން ބިރުވެރި ހަމަލާތަކުގެ ހަނދާންތައް އައުކުރާ ދުވަހެކެވެ.

Ads by Hajj Corporation

ދިވެހީންގެ ތެރެއިން 19 މީހުންގެ ލޭ މި ފަސްގަނޑުން އޮހޮރުވައިލިއެވެ. އޭގެ ތެރޭގައި ސިފައިންގެ 8 ބޭކަލުންނާއި އާންމުންގެ 11 މީހުންގެ ލެއިން މި ދިވެހި ބިން ރޮއްވައިލިއެވެ.

މާތް ﷲ ގެ އިރާދަފުޅާ އެކު އެ ދުވަހުގެ ބިރުވެރިކަމުން މި ރާއްޖެ ސަލާމަތް ކުރައްވައި އިސްލާމްދީނަށް ނަސްރު ލިބުނެވެ. އަދި މި ޤައުމަކީ މިނިވަން ޤައުމެއްގެ ގޮތުގައި ދެމި އޮތުމަށް މިންވަރު ކުރެއްވިއެވެ.

އެ ދުވަހުގެ އެ ހަނދާންތަކަކީ ދުވަހަކު ވެސް ދިވެހީންގެ ހިތުން ފިލައިގެން ދާނެ ހަނދާންތަކެއް ނޫނެވެ. އެދުވަހު ޝަހީދުވީ އެންމެންނަކީ ވެސް މި ޤައުމުގެ ހިތްވަރުގަދަ ބަޠަލުންނެވެ.

އެފަދައިން ބަޠަލުންގެ ވާހަކަ ދައްކާއިރު، އެ ދުވަހު ޝަހީދުވީ ޙުސެއިން އާދަމްގެ ވާހަކައަކީ ދިވެހި ފަސްގަނޑުން ދުވަހަކު ވެސް ފިލައިގެން ދާނެ ވާހަކަތަކެއް ނޫނެވެ. ދުޝްމަނުންގެ ކުރިމަތީ ހަނގުރާމައިގެ އެންމެމަތީ ހިތްވަރާއި ފަންވަރު ދެއްކުމަށް ފަހު އޭނާ ޝަހީދުވީއެވެ. ޝަހީދު ޙުސައިން އާދަމު އެ ދުވަހު ސިފައިންގޭގެ މައިދޮރާށި ޙިމާޔަތް ނުކޮށްދެއްވި ނަމަ ދެންވާނީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ.

ޝަހީދު ޙުސެއިން އާދަމްގެ ވާހަކަތައް ދެކެވެމުން ދާއިރު އެންމެ ބޮޑަށް ހިތަށް އަރަމުން ދިޔަ ސުވާލަކީ، އެ ދުވަހަށް ފަހު އޭނާގެ މައިންބަފައިންގެ ހާލަކީ ކޮބައިތޯއެވެ. އެ ދުވަސް ޝަހީދު ޙުސެއިންގެ މައިންބަފައިން ސިފަ ކުރީ ކިހިނެއްތޯ ހިތަށް އަރައެވެ.

ރާއްޖޭގެ މަޝްހޫރު ފޮޓޯގްރާފަރ ނައުޝަމް ވަހީދު ވަނީ ޝަހީދު ޙުސެއިން އާދަމްގެ މައިންބަފައިންނާ ބައްދަލުކޮށް، ކުރެވުނު ތަޖުރިބާއާއި ހޯދުނު ބައެއް މައުލޫމާތު ފޭސްބުކް މެދުވެރިކޮށް ހާމަކޮށްފައެވެ. ނައުޝަމް ވަނީ ޝަހީދު ޙުސެއިން އާދަމްގެ އުފަން ރަށް ހދ. ކުޅުދުއްފުށީގައި އޭނާއަށް ކުރެވުނު އެ ތަޖުރިބާ "ދެން"އާ ހިއްސާ ކޮށްފައެވެ.

"ކުޑައިރުގެ ގިނަ ދުވަސްތައް އޭނާ (ޝަހީދު ޙުސެއިން އާދަމް) ހޭދަކުރީ ތީރު ހެދުމާއި ހަނގުރާމަވެރިއަކަށް ވެގެން ކުޅޭ ކުޅުމުގައި، އެހެންވެ ބޮޑުވެގެން ސިފައިންގެއަށް ވަނުމުން އެކަން އެހާ ހައިރާން ކުރުވަނިވި ކަމަކަށް ނުވި." އެ ހަނދާންތައް އައު ވުމުން ދެ ލޮލުން އަދިވެސް ކަރުނަ ނުހިނދޭކަން ފާހަގަކުރަމުން ޝަހީދު ޙުސެއިން އާދަމްގެ މަންމާފުޅު އައިޝަތު ޙަސަން ކިޔައިދީފައިވެއެވެ.

ސިފައިންގެއަށް ޝަހީދު ޙުސެއިން އާދަމް ވަނުމުން ހައިރާން ނުވި ކަމުގައި ވިޔަސް، 1988ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ހިނގި އެ ހާދިސާއަކީ އެކަމަށް ޓަކައި އެ ލޮބުވެތި އާއިލާއިން ދުވަހަކު ވެސް ތައްޔާރުވެގެން ތިބި ހާދިސާއެއް ނޫން ކަމަށެވެ.

ޝަހީދު ޙުސެއިން އާދަމްގެ މަންމާފުޅު އެ ދުވަސް ސިފަކޮށްދެއްވަމުން ބުނީ ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަމުގެ އިހުސާސް އެދުވަހު ކުރެވެން ފެށުމުން ރަށުގައި ހުރެފައި ޝަހީދު ޙުސެއިންގެ ބައްޕާފުޅު އާދަމް މުޙަައްމަދު ގާތު، ވެގެން އުޅޭ ގޮތެއް އެނގޭތޯ ސުވާލު ކުރި ކަމަށެވެ.

ވެގެން އުޅޭ ގޮތް އެނގުނީ އޭގެ ތިން ދުވަސް ފަހުން، ހޮނިހިރު ދުވަހު. ވަރަށް ބޮޑަށް ހިތް ނުތަނަވަސް ވާން ފެށުމުން ޙުސެއިންގެ ބައްޕަ ގާތު ބުނިން ވެގެން އުޅޭގޮތް އަހައި އޮޅުން ފިލުވުމަށް. ހޮނިހިރު ދުވަހުގެ މެންދުރު، އަހަރެން ހަނޑޫ ހޮވަން އިންދާ ފިރިމީހާ އައީ. ހުރީ ވަރަށް ބޮޑަށް ދެރަވެފައި. ކިހިނެއްވީތޯ ސުވާލު ކުރުމުން ފިރިމީހާ ބުނީ އަހަރުމެންގެ ދަރިފުޅު (ޙުސެއިން އާދަމް) މިހާރު ދުނިޔެއަކު ނެތޭ، ޝަހީދު ވެއްޖޭ. އެހެން ބުނުމުން ދެން ވީ ގޮތެއް އަހަންނަކަށް ނޭނގޭ. މުޅި ތަން އަނދިރިވި. އަހަރެން ހޭ އެރީ އޭގެ 10 ދުވަސް ފަހުން" މަޔަކަށް ކުރިމަތިވީ އެންމެ ހިތްދަތި އެވަގުތުކޮޅު ޝަހީދު ޙުސެއިން އާދަމްގެ މަންމާފުޅު ހިއްސާކުރިއެވެ.

އެ ބިރުވެރި އަދި އެހާމެ ހިތްދަތި ހާދިސާއަށް ފަހު ޝަހީދު ޙުސެއިން އާދަމްގެ މަންމާފުޅު މާލެ އަންނަން ބޭނުންފުޅެއް ނުވިއެވެ. އެގޮތުން 13 އަހަރު ވަންދެން މާލެ ނައިސް ހުއްޓެވެ. ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެއް ދުވަހު އެދެމަފިރިންނާ "އަތޮޅުގެއިން" ބައްދަލު ކުރެއްވި ކަމަށް ވެސް ޝަހީދު ޙުސެއިން އާދަމްގެ މަންމާފުޅު ބުންޏެވެ.

"އަހަންނަށް އެ ދުވަހު އެހައި ވާހަކައެއް ނުދެއްކުނު. ދެރަވެގެން ދެ ލޯ ކަރުނުން ފުރޭތީ، ދައްކަމުން ދިޔަ ވާހަކަތަކާ މެދު ވިސްނައި ނުލެވުނު. މިއަދު މި ދެލޮލުގެ ފެނުން ނުސާފު ވެފައި މިހުރީ އެ ހާދިސާއަށް ފަހު އެޅި ކަރުނަތަކުގެ ސަބަބުން" ޝަހީދު ޙުސެއިން އާދަމްގެ ލޮބުވެތި މަންމާފުޅު ނައުޝަމްއަށް ކިޔައިދެއްވިއެވެ.

ޝަހީދު ޙުސެއިން އާދަމްއަކީ ހިތްވަރުގަދަ ބަޠަލެކެވެ. އެންމެ ފަހު ނޭވާ ވެސް ދޫކޮށްލީ، ދީނާ ޤައުމަށް ޓަކައި ޤުރުބާން ވެގެންނެވެ. އޭނާގެ ވާހަކައަކީ ހަމަޔަގީނުން ވެސް ދިވެހި ފަސްގަނޑުން ދެއްކުން ފިލައިގެން ދާނެ ވާހަކަތަކެއް ނޫނެވެ.

ޝަހީދު ޙުސެއިން އާދަމްއަކީ ދިވެހި ޒުވާނުންނަށް ހުރި ނަމޫނާ މިސާލެކެވެ.

"މަރުވިޔަސް ހިތް އޮތީ ހަރުއަޑުން ގޮވަގޮވައި، އެކުވެރިންނޭ ހަވާލޭ ވަޠަން ލޯބިވާ"

މާތް ﷲ ޝަހީދު ޙުސެއިން އާދަމްގެ ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!

Ads by Allied Insurance
  1. ނިޝްާ

    ާއާމީން