ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރާއްޖެ ކުޅޭ މެޗު ފަސްކޮށްފި

އަވަށްޓެރި ޝްރީ ލަންކާއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މިރޭ ރާއްޖޭގެ ޤައުމީ ޓީމު ކުޅެން ހަމަޖެހުނު މެޗު ފަސްކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މި މުބާރާތް ފެށުމުގެ ގޮތުން މިއަދު ހަވީރު ކުޅެން ހަމަޖެހުނު ބަނގްލަދޭޝް- ސީޝެލްސް މެޗު ވެސް ވަނީ މާދަމާއަށް ފަސްކޮށްފައެވެ. އެ މެޗު ފަސްކުރިކަން އިއުލާނު ކުރީ އިއްޔެއެވެ.
ލަންކާގެ މޫސުން ގޯސްވުމުގެ ސަބަބުން މެޗުތައް އަދި ކެންސަލު ކޮށްފައިވީ ނަމަވެސް، އެ ޤައުމުގެ ބޮޑު ވަޒީރުގެ ދައުވަތަކަށް ، "މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕް" ޝަރަފުވެރިކޮށްދެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ލަންކާއަށް ވަޑައިގެންފައެވެ.
މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސް ކުރެވުނު މި މެޗުތައް ދެން ބާއްވާނޭ ދުވަހެއް އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.