ނަރުސް މަރުވީ ނޭވާ ހާސްކޮށްލުމުން ކަމަށް ޕޯސްޓްމޯޓަމްއިން ދައްކައިފި

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް މަރުވި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުވީ އޭނާގެ ނޭވާ ހާސްކޮށްލުމުން ކަމަށް މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކައިފިއެވެ.
އިންޑިއާއިން ޕޯސްޓްމޯޓަމް ހެދުމަށް ފަހު މޭރީގެ ހަށިގަނޑު ރާއްޖެ ގެނައީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
އޮންލައިން ނޫސް "ސަން" އިން ބުނެފައި ވަނީ މޭރީގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓެއް ލިބިފައިވާކަން އެ ނޫހަށް އެނގިފައިވާ ކަމަށާއި އެ ރިޕޯޓުގެ ނަތީޖާ ދައްކައި ގޮތުގައި މޭރީ މަރުވީ ނޭވާ ހާސް ކޮށްލައިގެން ކަމަށެވެ.
މޭރީގެ މަރާ މެދު ފުރަތަމަ ބުނަމުން ދިޔައީ އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަ ވާތީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ވަނީ ހަދައިފައެވެ.
މިދިޔަ މަހުގެ 19ވަނަ ދުވަހު ޑިއުޓީގައި ހުރެފައި ބްރޭކަށް ގެއަށް ދިޔަތާ އިރުކޮޅެއްފަހުން، މޭރީ ދަންޖެހުނީ ކަމަށް ބުނެ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ފިރިމީހާގެ މައްޗަށް މަރުގެ ތުހުމަތު ކުރެވި އޭނާ މިހާރު ހުރީ ހައްޔަރު ކޮށްފައެވެ.