ޔޫޓީއެފްގެ އެއްބަސްވުން:ޓެކްނިކަލް އޮޅުވައިލުމެއްގެ ތެރެއިން ސާފު މަންޒަރެއް މަޖިލީހަށް ހޯދިދާނެތަ؟
ދުނިޔޭގެ ހަބަރުތައް ގެނެސްދޭ މަޝްހޫރު ޓީވީ ޗެނަލް "އަލްޖަޒީރާ"ގައި މިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖެއަށް އިންޑިއާ ސިފައިންގެ ނުރައްކާ އޮތް ވާހަކައާއި އެކަމާ ދިވެހި ރައްޔިތުން ނުރުހޭކަމުގެ ހަބަރު ގެނެސްދީފައެވެ. ރާއްޖޭގެ ނޫސްވެރިއަކު އެ ޓީވީ ސްޓޭޝަންގެ ލައިވް ޕްރޮގުރާމެއްގައި މިކަމާ ގުޅޭ ގޮތުން ވާހަކަދެއްކިއިރު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މުޒާހަރާގެ މަންޒަރުތައް ވެސް އެ ޓީވީން ގެނެސްދިނެވެ. ވެގެން މިއުޅެނީ ކިހިނެއްކަން އެއްވެސް މީހަކަށް ސިއްރުވެފައެއް ނޯންނާނެއެވެ. އެކަމަކު ކަން ހިނގާ ދިޔަގޮތަކާއި ކަމުގެ ދެކޮޅު އަދި އެއްފަހަރު ބަލައިލުން މުހިންމެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު ދިވެހި ދައުލަތާއި އިންޑިއާ ދައުލަތާ ދެމެދު ވަނީ "ދިވެލޮޕްމެންޓް ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު" ކިޔާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި އަސްކަރީ ޑޮކްޔާޑަކާއި ބަނދަރެއް ތަރައްގީ ކުރެވޭނެއެވެ. މިކަން ކުރަން ހަވާލުކުރީ އިންޑިއާ ސަރުކާރާއެވެ. މިއީ އަސްކަރީ ބޭނުމަށް ތަރައްގީކުރާ ތަނެއްކަމުން އެތަނުގައި މަސައްކަތް ކުރާނީ އިންޑިއާ ސިފައިންނެވެ.
"ޓެކްނިކަލް" އޮޅުވާލުން
ޔޫޓީއެފް އެގްރީމެންޓާ ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފްއިން ބޭއްވި އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ އެތަން ތަރައްގީ ކުރަން އަންނަނީ އަސްކަރިއްޔާއަށް ނިސްބަތްވާ ބަޔަކު ނޫންކަމަށް ވިދާޅުވެފައެވެ. އޭގެ ބަދަލުގައި އެ ތަނުގައި ތިބޭނީ ޓެކްނިކަލް ސަޕޯޓު ދޭނެ ފަރާތްތަކެއް ކަމަށާއި، އެއްބަސްވެފައި ވަނީ ބޭނުން ޖެހިއްޖެ ހިނދެއްގައި ބޭނުންވި ވަގުތަކަށް އެ ޓެކްނިކަލް ފަރާތްތައް ތިބުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ޓެކްނިކަލް ފަރާތްތައް ނިސްބަތްވަނީ ކޮން މުއައްސަސާއަކަށްތޯ ސުވާލު ކުރެއްވުމުން އެދުވަހު ޖަވާބެއް ނުދެއްވިއެވެ. ފަހުން މީޑިއާތަކަށް ކަންކަން ތިލަވަމުން ގޮސް ޔޫޓީއެފްއާ ގުޅިގެން އަންނަނީ އިންޑިއާ ސިފައިންކަން ހާމަވިއެވެ. އެއާ އެކު ވާހަކަ މުޅިން ބަދަލުވިއެވެ.
"ސޭފްޓީއާއި ސެކިއުރިޓީގެ ކަމެއްގައި އެކަން ބަލަހައްޓަން އަންނާނީ އެކަމާ ބެހޭ ހާއްސަ ބަޔަކު. އަދި އަސްކަރީ ބަނދަރަށް އެ ހިދުމަތް ދޭން އަންނާނީ އަސްކަރިއްޔާގެ ތަމްރީނު ނުވަތަ ކަނޑާ ބެހޭ ތަމްރީނު ލިބިފައި ތިބި ބައެއް" މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވިއެވެ.
ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންގެ ބަސްމަގު މައިގަނޑު ގޮތެއްގައި ހުރީ ބޮންޑެގެ ވާހަކަފުޅު ހުރި ބީދައިންނެވެ. އެމްއެންޑީއެފްއިން ދެން ހާމަކުރި ގޮތުގައި އުތުރުތިލަފަޅު ތަރައްގީކުރަން އަންނަނީ އިންޑިއާގެ ޓެކްނިކަލް ސިފައިންނެވެ. އަދި އެމީހުން ތިބޭނީ ހަތިޔާރު ހިފައިގެން ނޫން ކަމަށާއި އެއީ ހަނގުރާމަމަތީ ސިފައިން ނޫންކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ. މިހާ ހިސާބަށް އައިއިރު ވެސް ޔޫޓީއެފް އެގްރިމެންޓާ ގުޅިގެން ރާއްޖޭގައި ތިބޭނީ ކިހާ އަދަދެއްގެ ސިފައިންނެއްކަން ހާމައެއް ނުކުރެއެވެ. އެ މައުލޫމާތަށް ތަކުރާރުކޮށް އެދުމުން ވެސް ސަރުކާރުން ދަނީ ހާމަކުރަން ދެކޮޅު ހަދަމުންނެވެ.
މުއްދަތު ސާފެއް ނުވޭ
އުތުރު ތިލަފަޅު އެއްބަސްވުމުގެ މުއްދަތާ ގުޅޭ ގޮތުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފާ މީގެ ކުރިން ސުވާލު ކުރެވުނެވެ. ސާފު ޖަވާބެއް ނުދެއްވައެވެ. އެހެން ނަމަވެސް ވިދާޅުވީ ޑޮކްޔާޑާއި ބަނދަރު ތަރައްގީކުރަން 3 އަހަރު ހޭދަވާނެ ކަމަށެވެ. އަދި އޭގެ ފަހުން ވެސް ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދޭނެ ކަމަށާއި ދިވެހި ސިފައިން ބޭނުންވެއްޖެ މުއްދަތެއްގައި އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.
އޭގެ ފަހުން އެއްބަސްވުމުގެ މުއްދަތު ހާމަކުރަން އެދި ޑިފެންސް މިނިސްޓްރީގައި ނޫސްވެރިން ދެންނެވުމުން އެމައުލޫމާތު ހާމަކުރެވެން ނެތްކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ މައުލޫމާތު ހާމަކޮށްފި ނަމަ އިންޑިއާއާއި ރާއްޖޭގެ ގުޅުމަށް ބުރޫއަރާނެ ކަމަށެވެ. ހަމަ މި ސުވާލު ފަހުން ތަކުރާރު ކުރެއްވުމުން ޑިފެންސުން ވިދާޅުވީ އެއީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތެއް ކަމަށެވެ. އޭގެ ފަހުން އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިސުވާލު ކުރުމުން ވިދާޅުވީ ކުރިން ވެސް މުއްދަތު ހާމަކޮށްފައިވާނެ ކަމަށެވެ.
އެއްބަސްވުމުގެ މުއްދަތު ހާމަކުރުމުގައި މީގެ ކުރިން ސަރުކާރުތަކުން ގެންގުޅެފައި ވަނީ މި އުސޫލު ނޫންކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް ބަނދަރު ފަދަ ތަރައްގީގެ މަޝްރޫއުތަކުގައި އެއްބަސްވުމުގެ މުއްދަތު އަބަދުވެސް އެންމެ ފުރަތަމަ ހާމަކުރެއެވެ. އެފަދަ މަޝްރޫއުތަކުގެ ހަބަރު ގެނެސްދޭއިރު ގިނަ ފަހަރު ސުރުހީގައި ވެސް އޮންނަނީ މުއްދަތެވެ. އެހެން ނަމަވެސް އަސްކަރީ ބަނދަރުގެ މަޝްރޫއުގެ މުއްދަތު އަދި އަދަށް ވެސް ސާފެއް ނުވެއެވެ.
ސިއްރު ކުރެވިދާނެތަ؟
މިހައިތަނަށް އައިއިރު ދިވެހި ސަރުކާރަށް އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭގޮތުން ސާފު ނުކޮށްދެވޭ އަނެއް ކަމަކީ ޔޫޓީއެފް އެގްރީމެންޓު ސިއްރު ކުރަންޖެހޭ ސަބަބެވެ. އެމްއެންޑީއެފްއިން ވިދާޅުވަނީ ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށެވެ. އެހެން ނަމަވެސް ހާމަކުރެވެން ނެތް ކަމަށެވެ.
އަސްކަރިއްޔާއިން ގާއިމްކުރާ އެއްބަސްވުންތައް، އެއީ ދިފާއީ ކަންކަމާ ގުޅޭ އެއްބަސްވުމެއްކަމަށް ވިޔަސް ސިއްރު ނުކުރެވޭނެ ހާލަތެއް އޮވެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އެ މައުލޫމާތަށް އެދޭ ހިނދުގައެވެ. ދިފާއީ އެއްބަސްވުމެއް ގާއިމްކުރާ ނަމަ މަޖިލީހުން އެކަމުގެ ރުހުން ވެސް ހޯދަން ޖެހެއެވެ. މިއީ މަދަނީ ސަރުކާރުތަކުން އަމަލު ކުރަމުން އަންނަ އުސޫލެވެ.
އެހެން ނަމަވެސް މިފަހަރު ސަރުކާރުން ގެންގުޅުނީ "ދުނިޔޭގެ ބެސްޓް ޕްރެކްޓިސް" ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. މި ޕްރެކްޓިސްގެ ވާހަކަ އިތުރަށް ތަފްސީލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއެވެ. ޝަމާލް ވިދާޅުވީ ސިފައިން ހަދަންޖެހޭ ތަމްރީނުތަކާއި، ސިފައިންގެއާ ގުޅޭ އެކިއެކި ޓެކްނިކަލް މައުލޫމާތުތައް ހާމަކުރުމަކީ އޮންނަ ގޮތެއް ނޫން ކަމަށެވެ.
އުސޫލެއްގެ ގޮތުން ބަލާނަމަ އުތުރުތިލަފަޅު އެއްބަސްވުން ސިއްރެއް ނުކުރެވޭނެއެވެ. އަދި ސިއްރު ކުރަން ސަރުކާރަށް އެއްވެސް ހުއްޖަތެއް ދެއްކިފައެއް ވެސް ނެތެވެ. ސިއްރުކުރަން އެއްބަސްވުމުގައި ވަކި މާއްދާއެއް ހިމަނައިފައެއް ވެސް ނެތެވެ. އެއްބަސްވުމުގައި ކަންބޮޑުވާންޖެހޭ، އަދި ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ވެސް ނެތެވެ. ވީއިރު ސިއްރު ކުރަނީ ކީއްވެ ހެއްޔެވެ؟ އިންޑިއާ – ރާއްޖެ ގުޅުން ބިނާވެފައި މިވަނީ މިއެއްބަސްވުމަށް ހެއްޔެވެ؟
ބިތުފަންގި ނަގަން ޖެހިފައި
"އުތުރުތިލަފަޅު އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރި ކަމެއް" ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު އިއްޔެ ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަންގެ މުޒާހަރާތަކަށް ބޮޑު ތަރުހީބެއް ލިބި ސަރުކާރަށް ޕްރެޝަރު ބޮޑުވުމާ އެކު އެމްޑީޕީ އިސް ބޭފުޅުންގެ ވާހަކަ މި ވަނީ ބަދަލުވާން ފަށައިފައެވެ. އެ ސްޓޭޓްމެންޓަށް ފަހު ހަސަން ލަތީފު ވަނީ ސަރުކާރު ދިފާއު ކުރައްވައިފައެވެ. ވިދާޅުވީ ސަރުކާރުން އުތުރުތިލަފަޅު އެއްބަސްވުން ސިއްރުކުރައްވަން ނޫޅުއްވާ ކަމަށެވެ. އަދި އެއީ ނުލާހިކު ރަނގަޅު އެއްބަސްވުމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މި މޭރުމުން ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ވިދާޅުވީ މަޖިލީހަށް އުތުރުތިލަފަޅު އެއްބަސްވުމުގެ މައުލޫމާތު ހޯދުން މުހިންމުކަމަށް ދެކިނުލައްވާ ކަމަށެވެ. އެހެން ވެސް ބަނދަރު ހެދުމުގެ މަޝްރޫއުތައް ފަދައިން އެކަން ވެސް ކަމާ ބެހޭ މުއައްސަސާއިން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
"އެހެން ވެސް ބަނދަރު ހެދުމުގެ މަޝްރޫއުތައް" ހާމަކުރަން ސަރުކާރުން މީގެ ކުރިން ދެކޮޅު ހައްދަވައިފައެއް ނުވެއެވެ. އެތަންތަން ތަރައްގީކުރަން ހޭދަ ވާނެ މުއްދަތު ހާމަކުރަން ވެސް ސަރުކާރުން ދެކޮޅެއް ނުހަދައެވެ. މަސައްކަތް ކުރާ "ޓެކްނިކަލް" ބޭފުޅުންގެ މައުލޫމާތު ވެސް ނުހިފަހައްޓައެވެ. ވީއިރު އުތުރުތިލަފަޅު އެއްބަސްވުން އެފަދަ އާދައިގެ އެއްބަސްވުމަކާ ނަޝީދު އެއްހަމަ ކުރެއްވީ ކޮން އުސޫލަކުން ކަމެއް ސާފުވާ ގޮތެއް ނުވިއެވެ.
މަޖިލީހަށް ޖަވާބު ލިބިދާނެތަ؟
އުތުރުތިލަފަޅު އެއްބަސްވުމާއި އިންޑިއާ ސިފައިންނާ އެކު ހަދާފައިވާ އެހެން ވެސް ބައެއް އެއްބަސްވުންތަކުގެ މައުލޫމާތު ސާފުކުރުމުގެ މަސައްކަތް މަޖިލީހުގެ 241 ކޮމިޓީން މިވަނީ ފަށައިފައެވެ. މިކަމަށް ޓަކައި ޑިފެންސްގެ އިސް ބޭފުޅުން މަޖިލީހަށް ހާޒިރު ވެސް ކުރިއެވެ. އެހެން ނަމަވެސް މިހައިތަނަށް ހާމަކުރި މައުލޫމާތުތަކުގައި ގިނައިން ދައްކައިފައި ވަނީ "ކުރީ ސަރުކާރުގެ" ވާހަކައެކެވެ. ޑިފެންސުން ވިދާޅުވަނީ ޔޫޓީއެފް އެގްރީމެންޓެއް ގާއިމްކުރަން ނިންމީ ކުރީ ސަރުކާރުން ކަމަށެވެ. އެހެން ނަމަވެސް އެ ސަރުކާރުން އެއްބަސްވުމުގައި ސޮއިނުކުރީ ކީއްވެކަން ޑިފެންސަށް ހާމައެއް ނުކޮށްދެއްވުނެވެ.
ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުންގެ ބަސްމަގު ހުރި ގޮތުން ޔޫޓީއެފް އެގްރިމެންޓުގެ ފުރިހަމަ މައުލޫމާތު ހޯދަން މާބޮޑު ޝައުގުވެރިކަން އޮތްހެނެއް ހިއެއް ނުވެއެވެ. އަދި އެއްބަސްވުމުގެ ސާފު މައުލޫމާތު ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ހުރިހެނެއް ވެސް ހިއެއް ނުވެއެވެ. 241 ކޮމިޓީގެ ބައްދަލުވުމުގައި ވެސް އިވިގެން ދިޔައީ މައުލޫމާތު ހާމަނުކުރަން ދެއްކެވި ހުއްޖަތްތަކެވެ.