މިނިސްޓަރ މަޙްލޫފަށް ދައުވާ ކުރުމާ މެދު އަންނަ ހަފްތާގައި ގޮތެއް ނިންމަނީ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފްގެ މައްޗަށް ދައުވާ އުފުލައިދޭން އެދި މިދިޔަ ޖޫން މަހު ފޮނުވައިފައިވާ މައްސަލައިގައި އަންނަ ހަފުތާގެ ތެރޭގައި ގޮތެއް ނިންމޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ޙުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު މެންދުުރު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ މިނިސްޓަރ މަޙްލޫފްގެ މައްސަލައިގައި އަންނަ ހަފުތާގެ ކުރީކޮޅަށް ގޮތެއް ނިންމޭނެ ކަމަށެވެ. އެ މައްސަލަ ލަސްވަނީ ނުފޫޒާ ހެދި ކަމަށް އުފައްދާ ސުވާލުކަށް ވެސް ޖަވާބު ދެއްވަމުން ޕީޖީ ވިދާޅުވީ އެ މައްސަލައިގައި ވެސް އަދި އެއްވެސް މައްސަލައެއްގައި ވެސް ނުފޫޒެއް ނެތް ކަމަށެވެ.
"އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުފޫޒެއް ނެތް. ސަރުކާރުން އަޅުގަނޑަކަށް ނުފޫޒެއް ނުފޯރުވާ،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މިނިސްޓަރ މަޙްލޫފަށް ދައުވާ އުފުލައިދޭން ޕީޖީ އޮފީހަށް ފޮނުވުމާ އެކު އޭނާ މަގާމުން އެކަހެރި ކުރިއެވެ. ނަމަވެސް އެ މައްސަލަ ދިގުލައިގެން ދިއުމުން ރައީސް އޮފީހުން މިދިޔަ މަހުގައި ވަނީ މިނިސްޓަރ މަހްލޫފްގެ ސަސްޕެންޝަން އުވާލައިފައެވެ.