ޚަބަރު

ބިދޭސީއަކު ލައްވައި ހަށިވިއްކުވި ދިވެއްސެއް ހައިކޯޓުގައި ވެސް ކުށްވެރިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ދިވެހި ރާއްޖޭގެ ހައި ކޯޓް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ބިދޭސީ އަންހެނަކު ލައްވައި ހަށި ވިއްކުވި މައްސަލައެއްގައި ދިވެހި ފިރިހެނަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފިއެވެ.

Ads by Hajj Corporation

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހަށި ވިއްކުވައިފައި ވަނީ ކެންޔާ އަންހެނަކު ލައްވައެވެ.

މި މައްސަލައިގައި ހަތް އަހަރު ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނީ ހިތަދޫ / ސައުތުކްރޯސް، މޫސާ މުންތަސިމްގެ މައްޗަށެވެ.

ދައުލަތުން ބުނެފައި ވަނީ "ވަން އެންޑް އޯލް" ގެސްޓް ހައުސްގެ ކޮޓަރިއެއްގެ ތެރޭގައި 2016 ވަނަ އަހަރު، ކެންޔާ އަންހެނަކު ލައްވައި ފައިސާއަށް ހަށިވިއްކުމުގެ އަމަލު މުންތަސިމް ހިންގުވައިފައިވާ ކަމަށެވެ. އޭނާގެ މައްޗަށް އުފުލައިފައި ވަނީ މީހަކު ލައްވައި ހަށިވިއްކުވުމުގެ ކުށުގެ ދައުވާއެވެ.

މުންތަސިމްގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ 2017 ވަނަ އަހަރު ، ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަމުން މުންތަސިމްގެ ފަރާތުން ފާހަގަކުރި އެއް ނުކުތާއަކީ، ހަށިވިއްކި މީހާގެ ހެކިބަސް މައްސަލައިން ބަލައިގަނެ، އެ ފަރާތަކީ މައްސަލައިގެ ވިކްޓިމެއް ކަމަށް ކަނޑައެޅުން ގޯސް ކަމަށާއި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތު ނުވާ ކަމަށެވެ.

ނަމަވެސް ހައި ކޯޓުން ބުނީ، ރާވައި އިންތިޒާމު ކުރެވިގެން ހިންގާ ބޮޑެތި ކުށްތަކުގައި ގިނަ ފަހަރަށް ހެކި ނުވަތަ ގަރީނާ ލިބެން ނެތުމުން، ކުށުގެ ބައިވެރިންގެ ހެކިބަހަކީ އެ ހެކިބަހުން އެކަނި ޖިނާއީ މައްސަލަ ސާބިތުކުރުމަށް ފުދޭ ދަލީލެއް ކަމުގައި ނުވިޔަސް، އެ ހެކިބަހަށް ތާއީދު ލިބޭ އެހެން ދަލީލުތަކާއި ގަރީނާތަކާ އެކު ޖިނާއީ މައްސަލަ ސާބިތުކުރުން ހުއްދަކުރާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!