ރިޕޯޓް

ކޮވިޑް-19: އޮމިކްރޮން ވޭރިއެންޓަކީ ކޮބާ؟ ދުނިޔެ ބިރުން އުޅެނީ ކީއްވެ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން މިދިޔަ ހުކުރު ދުވަހު ވަނީ ސައުތު އެފްރިކާގައި އަލަށް އުފެދި ފެތުރެމުން އަންނަ "ސާސް-ކޮވް-2"ގެ އައު ވޭރިއެންޓާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ވޭރިއެންޓަށް "އޮމިކްރޮން"ގެ ނަމުން ނަންދީ މިއީ ނުރައްކާތެރި ވޭރިއެންޓެއްކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

Ads by MWSC

މިވޭރިއެންޓާ ގުޅިގެން މިހައިތަނަށް މާގިނަ ހޯދުންތަކެއް ހޯދިފައެއް ނުވެއެވެ. ކޮވިޑުގެ އެތައް ވޭރިއެންޓެއް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގައި އުފެދި ދައުރުވެފައިވާއިރު އެންމެ ނުރައްކާތެރިކަމަށް ފާހަގަކުރެވުނު "ޑެލްޓާ" ވޭރިއެންޓަށް ވުރެ "އޮމިކްރޮން" ނުރައްކާތެރިކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އޮމިކްރޮންއަކީ މިހައިތަނަށް ފެނުނު އެންމެ ހަލުވިމިނުގައި އަދި ފަސޭހަކަމާ އެކު ފެތުރޭ ވޭރިއެންޓުކަމަށް ވަނީ ދެނެގަނެވިފައެވެ. އަނެއްކޮޅުން ކޮވިޑް-19އާ ދެކޮޅަށް ދެމުން އަންނަ ވެކްސިންގެ އަސަރު ވެސް މި ވޭރިއެންޓަށް މާބޮޑަށް ނުކުރާކަމަށް މިހައިތަނަށް ހޯދުނު ހޯދުންތަކުގެ އަލީގައި ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ.

އެނގެނީ ކޮން މައުލޫމާތެއް؟

ކޮވިޑް-19ގެ އައު ވޭރިއެންޓު އުފެދިގެން މި އަންނަނީ މީގެ އަސްލު ވައިރަސްއާއި އެހެން ވައިރަސްތަކާ އެކުވެ ނުވަތަ "މިއުޓޭޓް" ވުމުންނެވެ. މިގޮތަށް އުފެދޭ އައު ވޭރިއެންޓު ގިނަ ފަހަރު ފާހަގަވަނީ ފެންނަ އަލާމާތްތައް ވެސް ތަފާތުވުމުންނެވެ. ސިއްހީ މާހިރުން ދަނީ މިވޭރިއެންޓުތަކާ ގުޅިގެން ހޯދަންޖެހޭ ހޯދުންތަކަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ސަމާލުވާން ޖެހެނީ ކިހާ މިންވަރަކަށްކަން އަދި ވެކްސިނަށް ގުޑަނީ ކިހާ މިންވަރަކަށްކަން ދެނެގަނެއެވެ. އަލަށް ދެނެގަނެވުނު "އޮމިކްރޮން" ވޭރިއެންޓު ނުވަތަ "B.1.1.529" ފާހަގަވީ މިފަދަ ހޯދުންތަކުގެ އަލީގައެވެ.

"އޮމިކްރޮން" ވޭރިއެންޓަކީ ގިނަ ވައިރަސްތަކެއް ކޮވިޑް-19ގެ ވައިރަސްއާ މިއުޓޭޓްވެގެން އުފެދިފައިވާ ވޭރިއެންޓެއްކަމަށް ވަނީ ހޯދިފައެވެ. މިއީ ފަސޭހައިން ޖެހޭ އަދި އޭގައި ބޮޑުވަރު ވެސް ވާ ވޭރިއެންޓެކެވެ. މި ވޭރިއެންޓު އެންމެ ގަދައަށް ފެތުރެމުންދާ ސައުތު އެފްރިކާގައި ބަލި ފެތުރޭ ދުވެލި ވަނީ ހަތަރު ގުނައަށް އަވަސްވެފައެވެ. ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި މި ބަލީގައި އެގައުމުން ހާލު ދެރަވި މީހުންގެ އަދަދު ވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

އޮމިކްރޮންގެ މިއުޓޭޝަންތައް ދެނެނުގަނެވޭ!

ސައުތު އެފްރިކާގެ ސިއްހީ އިދާރާއިން ބުނި ގޮތުގައި "B.1.1.529"އިން ފެނުނީ "އާދަޔާ ހިލާފު ވައްތަރުތަކެއްގެ މިއުޓޭޝަން" ތަކެކެވެ. ސީދާ ކިތައް މިއުޓޭޝަންކަމެއް އަދި ހުރިހާ މިއުޓޭޝަންތައް މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.

އެހެން ނަމަވެސް ބައެއް މިއުޓޭޝަންތަކުގެ އަސަރު އިންސާނާގެ ދިފާއީ ނިޒާމަށް ވަރަށް ބޮޑަށް ކުރާނެކަމަށް އޮތީ ބެލެވިފައެވެ. ފަސޭހަކަމާ އެކު ގައިން ގަޔަށް ފަތުރުވައިލުމުގެ ބާރު އައު ވޭރިއެންޓަށް ލިބިގެންވެއެވެ. މިވޭރިއެންޓުގެ ބައެއް މިއުޓޭޝަންތައް ކޮވިޑުގެ އަލްފާ އަދި ޑެލްޓާ ވެރިއެންޓުން ވެސް ވަނީ ފެނިފައެވެ. "އޮމިކްރޮން"އިން ފެނުނު ބައެއް ވޭރިއެންޓުތައް މިހައިތަނަށް ކެރެކްޓަރައިޒް ކުރެވިފައި ނުވާއިރު އިތުރު ހޯދުންތައް އަދިވެސް ދަނީ ހޯދަމުންނެވެ.

ސައުތު އެފްރިކާގެ ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް (ސީޑީސީ)އިން ބުނީ އައު ވޭރިއެންޓާ ގުޅިގެން ތަހުގީގު ކުރަން ޖެހޭ އިތުރު ކަންކަން މިހާރު ތަހުގީގު ކުރަމުން ދާކަމަށާއި މިވޭރިއެންޓުން ހަށިގަނޑަށް ކުރާނެ އަސަރުތައް ވެސް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ހަލުވިކަމާ އެކު ފެތުރެން މެދުވެރިވާ ސަބަބާއި ވެކްސިނަށް މިވޭރިއެންޓު ގުޑަނީ ކިހާ މިންވަރަކަށްތޯ ވެސް ދެނެގަންނަމުން ދާކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން ދިފާއީ ނިޒާމަށް މި ވޭރިއެންޓުގެ އަސަރު ކުރަނީ ކިހާ މިންވަރަކަށްތޯ ވެސް ދެނެގަތުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ސީޑީސީއިން ބުންޏެވެ.

ޑަބްލިއުއެޗްއޯއިން ބުނަނީ ކީކޭ؟

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ހުކުރު ދުވަހު ވަނީ "އޮމިކްރޮން" ވޭރިއެންޓަކީ ކަންބޮޑުވުން ބޮޑު ވޭރިއެންޓެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. މިގޮތަށް ފާހަގަކުރާ ވޭރިއެންޓުތަކަކީ އާންމުގޮތެއްގައި ފަސޭހަކަމާ އެކު ފެތުރޭ، ފަރުވާކުރަން އުނދަގޫ އަދި ވެކްސިނަށް ވެސް ނުގުޑާ ވޭރިއެންޓުތަކެވެ.

ޑަބްލިއުއެޗްއޯގެ ޓެގް ޓީމުގައި ހިމެނޭ މާރިއާ ވެން ކާކޮހޮވޭ ވިދާޅުވީ މި ވޭރިއެންޓު މުޅިން އަލަށް ފެނުނީ ސައުތު އެފްރިކާއިން ކަމަށެވެ. މިހައިތަނަށް އައިއިރު 100 އެއްހައި ވޭދަނަ މި ވޭރިއެންޓުގެ އަސަރުކޮށްގެން ހޯދިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މާ ގިނަ ކަންކަން އަދި ހޯދިފައެއް ނުވޭ. އެހެން ނަމަވެސް އެތައް މިއުޓޭޝަނެއް މިވޭރިއެންޓުން ފެނިއްޖެ. މިހާ ގިނަ މިއުޓޭޝަން ފެންނަނަ މަ އެއީ ބޮޑު ކަންބޮޑުވުމެއް. ވައިރަސް ހަށިގަނޑުގެ ތެރޭގައި ހަރަކާތް ކުރާ ގޮތް ވަރަށް ބޮޑަށް ބަދަލުވާނެކަމަށް ބެލެވޭ" މާރިއާ ވިދާޅުވިއެވެ.

މިއުޓޭޝަން ކްލަސްޓާއެއް ކަމަށްވާ H655Y – N679K – P681H އަކީ ވައިރަސް ފަސޭހަކަމާ އެކު ގައިން ގަޔަށް ފަތުރުވައިދޭ ކްލަސްޓާއެކެވެ. މިކްލަސްޓާ "އޮމިކްރޮން" ވޭރިއެންޓުން ވަނީ ފެނިފައެވެ. މީގެ އިތުރުން ދިފާއީ ނިޒާމަށް އޭގެ އަސަރު ކުރުވާ nsp9 ވެސް ވަނީ މި ވޭރިއެންޓުން ފެނިފައެވެ. މި މިއުޓޭޝަން މީގެ ކުރިން ފެނުނީ އަލްފާ، ބީޓާ، ގާމާ އަދި ލާމްބްޑާ ވޭރިއެންޓުންނެވެ. މިހަތަރު ވޭރިއެންޓުން ފެނުނު R203K + G204R ވެސް "އޮމިކްރޮން" އިން ވަނީ ފެނިފައެވެ. މިއީ އިންސާނާގެ ހަށިގަނޑުގެ ބާރު ދެރަކޮށްލާ މިއުޓޭޝަނެކެވެ.

އަލާމާތްތައް ތަފާތުވާނެތަ؟

ސައުތު އެފްރިކާގެ ނެޝަނަލް އިންސްޓިޓިއުޓް ފޮ ކޮމިއުނިކެބަލް ޑިސީސް (އެންއައިސީޑީ)އިން ބުނި ގޮތުގައި "އާދަޔާ ހިލާފު" އަލާމާތެއް މި ވޭރިއެންޓަކުން ނުފެނެއެވެ. އެހެން ނަމަވެސް ބައެއް އަލާމާތްތައް ތަފާތުވެދާނެއެވެ. މިސާލަކަށް ހަމައެކަނި ރަހަލުމުގެ ހިއްސު ކެނޑި އެހެން އެއްވެސް އަލާމާތެއް ނުފެނި ވެސް ހުރެދާނެއެވެ. ނޫނީ ހަމައެކަނި ރޯގާ ޖެހި އެހެން އަލާމާތެއް ނުފެނި ވެސް ހިނގައިދާނެއެވެ. އެހެން ހުރިހާ ވޭރިއެންޓެކޭ ވެސް އެއްގޮތަށް ބައެއް މީހުންނަށް މި ވޭރިއެންޓުގެ އަސަރު ކުރިޔަސް އެއްވެސް އަލާމާތެއް ނުފެނި ވެސް ހުރެދާނެއެވެ.

ދެން ވާންވީ ކިހިނެއް؟

"އޮމިކްރޮން" ވޭރިއެންޓާ މެދު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މި ވޭރިއެންޓަށް ފައްސި ވިޔަސް ބައެއް ހާލަތްތަކުގައި ކޮވިޑް ޓެސްޓުތަކަށް ދެނެ ނުގަނެވުމެވެ. ޕީސީއާރު ޓެސްޓަށް މި ވޭރިއެންޓު ނުދައްކާ ހާލަތްތަކެއް ވެސް އެބަހުރިކަމަށް އެންސީއައިޑީން ވަނީ ބުނެފައެވެ.

ޑަބްލިއުއެޗްއޯއިން ވަނީ އައު ވޭރިއެންޓަށް މުޅި ދުނިޔެއިން ވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެޖަމްއިއްޔާއިން ބުނީ ހައި ރިސްކުގެ މީހުން ވެކްސިން ފުރިހަމަކޮށްގެން ތިބުން މުހިންމުކަމަށެވެ. އަދި ވެކްސިން ފުރިހަމަ ކުރި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ވެސް އެޖަމްއިއްޔާއިން އިލްތިމާސްކުރިއެވެ. އެގޮތުން މާސްކު އެޅުމަށާއި، އަތް ދޮވުމާއި، އަތް ސެނިޓައިޒް ކުރުމާއި، ގައިދުރުކަން ބެހެއްޓުމުގެ އިތުރުން ވައި ބަންދުކޮށްގައި ނުބަހައްޓަން ވެސް ޑަބްލިއުއެޗްއޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!